މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ރަނގަޅު ބަދަލުތަކުގެ ތެރެއިން، މަސް ގަންނަން މިފްކޯއަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަންރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް ސަރުކާރުން ކުރައްމުންގެންދާ ކަންތައްތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެން މަސް ބޭރުކުރާ މިންވަރު އިތުރު ކުރުމަށް ޒަމާންތަކެއް ވަންދެން ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ.

އެގޮތަށް 40 އަހަރު ވަންދެން ފެލިވަރުގައި ގާއިމުކޮށްފައިވާ މަސް ފެކްޓްރީން އެކަނި ހިދުމަތް ދެމުން އައި އިރު، ރާއްޖޭގައި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ނަަމަވެސް މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރި އިރު، އެ އަގުގައި މަސް ގަތުމަށް ކޮންމެ ކިލޯއަކަށް، ދައުލަތުން މިފްކޯއަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ދެމުން އައި ސަބްސިޑީ މިހާރު ދޭން ނުޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ އެކު މިފްކޯގެ މަސައްކަތްތައް ހަރުދަނާ ކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން، އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް، ހަމަ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މި ތިބެނީ، އަޅުގަނޑަށް މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން،"