ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ޓެލެގްރާމް މެދުވެރިކޮށް އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވި ގޮތުގައި، މި ހަމަލާއަކީ އިއްޔެގެ ވަގުތެއްގައި ޔަމަނުގެ ވެރިރަށް ސަންއާގެ އިންޓަނޭޝަނަލް އެއަރޕޯޓަށް ސައުދީން ދިން ކަމަށް ބުނާ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. ސަންއާ އެއާޕޯޓު ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާންދެން، ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ބައިނަލްއަގުވާމީ އެއާލައިންތަކަށް އޭނާ ވަނީ އިންޒާރުދެއްވައިފައެވެ.
ސަންއާ އެއާޕޯޓަށް ދިން ހަމަލާގެ ޒިންމާ ހޫތީން ސައުދީ އަރަބިއްޔާގެ ބޮލުގައި އެޅުވި ނަމަވެސް، ސައުދީގެ ތާއީދު އޮންނަ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފައެވެ.
ޔަމަނުގެ ސަރުކާރުން ބުނި ގޮތުގައި ސަންއާ އެއާޕޯޓުގެ ރަންވޭއަށް ހަމަލާދިނީ، އީރާނުގެ މަތިންދާބޯޓެއް އެތަނަށް ޖެއްސިޔަ ނުދިނުމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ބޯޓުގައި ތިބީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށްފަހު އެނބުރި ގައުމަށް ދިޔަ ހޫތީންގެ ވަފުދެކެވެ. ސަންއާ އެއާޕޯޓަށް ހަމަލާދިނުމާ ގުޅިގެން އެ ބޯޓު ވަނީ ޔަމަނުގެ ހުދައިދާ އެއާޕޯޓަށް ޖައްސާފައެވެ.
އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނި ގޮތުގައި، ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލްތަކަށް ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުރަސްއަޅައިފައެވެ.
މިއީ 2022 ވަނަ އަހަރު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ދެ ފަރާތުގެ ދެމެދުގައި ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ. މިކަމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވައި، މަސްރަހު އިތުރަށް ގޯސްވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހާލިދު ހިޔާރީ ވިދާޅުވި ގޮތުގައި، އިތުރު ހަމަނުޖެހުންތަކަކަށް ޖާގަދެވޭކަށް ޔަމަނަކަށް އަދި މުޅި ސަރަހައްދަކަށް ވެސް ނެތެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް