އޮމާންގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ތެޔޮ އުފުލާ ދެ ބޯޓަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި އިންޑިއާ މީހަކު މަރުވެއްޖެއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އީރާނުން ދިން ކަމަށް ބުނާ މި ހަމަލާގައި އިތުރު 8 މީހަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޔޫއޭއީގެ “މޮމްބާސާ” އަދި “އަލް ބަހިޔާ” ނަމަކަށް ކިޔާ ދެ ބޯޓަށެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި އިންޑިއާ މީހާއަކީ މޮމްބާސާ ބޯޓުގައި މަސައްކަތްކުރަމުންދިޔަ ފަޅުވެރިއެކެވެ. އަނިޔާވި 8 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 6 މީހަކާއި ޔޫކްރެއިންގެ 2 މީހަކު ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިސައިލް ހަމަލާގެ ސަބަބުން ދެ ބޯޓުގައި ރޯވި ނަމަވެސް، މިހާރު އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2817 އާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި ވިޔަފާރި ބޯޓުފަހަރަށް ހަމަލާދިނުމާއި، އިގުތިސޯދީ ގޮތުން ބިރުދެއްކުމަށް ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރުމަކީ ކަނޑުފޭރުމުގެ އަމަލެއް ކަމަށާއި، މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ޔޫއޭއީން ބުނެފައިވެއެވެ.

މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޔޫއޭއީން ވަނީ އީރާނަށް ގޮވާލައިފައެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ގައުމުގެ ސިޔާދަތާއި ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އަޅާންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށާއި، ސަލާމަތީ ބާރުތައް އޮތީ ކޮންމެފަދަ ނުރައްކަލަކާވެސް ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ.