ރާއްޖޭގެ ލައިބްރަރީ ދުވަހާއި ދުނިޔޭގެ ފޮތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހަފުލާއެއް ބާއްވައިފިއެވެ.

އައިޔޫއެމްއިން މިއަދު ބުނީ އެ ހަފުލާއަކީ އިލްމީ ދާއިރާ ކުރިއެރުވުމަށާއި، ފޮތް ކިޔުމުގެ އާދަ އަށަގަނުވައި، ކުތުބުހާނާތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ބޭއްވި ހަފުލާއެއް ކަމަށެވެ.

މިއަހަރަކީ އައިޔޫއެމްއެގެ ކުތުބުހާނާ ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށްފަހު، 5 މެއި 2015 ގައި އަލުން ހުޅުވައި ހިދުމަތް ދޭން ފެށިތާ 10 އަހަރު ފުރުނު އަހަރުކަމަށް އައިޔޫއެމްއިން ބުންޏެވެ. މި މުނާސަބަތާ ގުޅުވައިގެން، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ލައިބްރަރީން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އެކުލަވައިލާފައިވާ ހާއްސަ ޑޮކިއުމެންޓަރީ ވީޑިއޯއެއް މި ހަފުލާގައި ވަނީ ދައްކާފައިކަމަށް އައިޔޫއެމްއިން ބުންޏެވެ. މި ވީޑިއޯ ތައްޔާރުކޮށްފައިވަނީ ލައިބްރަރީގެ މުވައްޒަފުންކަމަށް އައިޔޫއެމްއިން ބުންޏެވެ.

މި ހަފުލާގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ މުހިންމު އެއް ކަމަކީ، އަލްފާލިލް ހަސަން ގާސިމް 1990 ވަނަ އަހަރު އަތުން ލިޔުއްވާފައިވާ ދިވެހި ބޭސްވެރިކަމުގެ ތިން ފޮތެއް ކަމަށްވާ "ރުއްގަލުބޭސް"، "ޢިލާޖުލްޣުރްބާ" އަދި "އެކިއެކި ޝަރުބަތާއި މަޢުޖޫން" ކޮމްޕިއުޓަރުން ލިޔެ އެކުލަވާލައި ތައާރަފުކުރުންކަމަށް އައިޔޫއެމްއިން ބުންޏެވެ.

މި ފޮތްތަކާ ގުޅޭ ވީޑިއޯއެއް ވެސް ހަފުލާގައި ހުށަހަޅާފައިވާއިރު، ހަސަން ގާސިމްގެ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައިކަމަށް އައިޔޫއެމްއިން ބުންޏެވެ.

މީގެ އިތުރުން، އައިޔޫއެމްގެ ލައިބްރަރީން ތަރައްގީކުރަމުން އަންނަ "ހޮބާ" ޑިޖިޓަލް ވެބްސައިޓާ ގުޅޭ މައުލޫމާތުވެސް މި ހަފުލާގައި ހިއްސާކޮށްފައިވާނެކަމަށް އައިޔޫއެމްއިން ބުންޏެވެ. މި ވެބްސައިޓަކީ އާންމުކޮށް ހުޅުވާލައިގެން ތަފާތު ތާރީހީ ލިޔެކިޔުންތައް ހިމެނުމަށް ތައްޔާރުކުރާ ސައިޓެއްކަމަށް އައިޔޫއެމްއިން ބުންޏެވެ.

އެގޮތުން 47 އަހަރުގެ ދިގު ތާރީހެއް އޮތް މި މުއައްސަސާގެ ތާރީހީ ލިޔެކިޔުންތައް އަރުޝީފުކުރުމާއި އާންމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އައިޔޫއެމްއިން ބުންޏެވެ.

ހަފުލާ ނިންމާލާފައިވަނީ ލައިބްރަރީއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއެކުކަމަށް އައިޔޫއެމްއިން ބުންޏެވެ. އެގޮތުން 8 ފަރާތަކުން ޔުނިވާސިޓީގެ ލައިބްރަރީއަށް އަގުހުރި ފޮތްތަކާއި އޯޑިއޯ ފައިލްތައް ހަދިޔާކޮށްފައިވާތީ، އެ ފަރާތްތަކުގެ އިހުލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާނެކަމަށް އައިޔޫއެމްއިން ބުންޏެވެ.