މިފްކޯގެ އުފެއްދުންތައް މާލެ ސަރަހައްދުގެ ބާޒާރަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ.

މިފްކޯއިން މިރޭ ބުނީ މިއަދު އޮޕަރޭޝަނަށް ގެނައި މި ހިކިމަސް ކާރުހާނާއަކީ ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ހުރި ތަނެއް ކަމަށެވެ. އައިސް ޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފެއްދެން ހުންނާނެކަމަށް މިފްކޯއިން ބުންޏެވެ.

މިއަދުން ފެށިގެން މި ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ. އަދި މާލަސްތަކެއް ނުވެ ރިހާކުރާއި މުގުރި މަސް ފަދަ ބާވަތްތައްވެސް މިތަނުން އުފައްދަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، ކަނޑުއޮތްގިރީގައި މި ހިދުމަތް ފެށުމަކީ މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ސަޕްލައިކުރުމުގައި ކުރިމަތިވާ ލޮޖިސްޓިކް ދަތިތަކަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށެވެ.

"މީގެ ކުރިން ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެއަށް ތަކެތި ގެނައުމުގައި ދަތިތަކެއް ހުރޭ. އެކަމުގެ ސަބަބުން ބައެއް ފަހަރު ފިހާރަތަކުން މުދާ ހުސްވޭ. އެކަމަކު މި ކާރުހާނާއާއެކު މާލެ ސަރަހައްދުގެ ބާޒާރަށް މެދުނުކެނޑި ތަކެތި ފޯރުކޮށްދެވޭނެ،" އަނަސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ކޫއްޑޫގެ އުފެއްދުންތައް ދެކުނުގެ އަތޮޅުތަކަށް ހާއްސަކުރުމުގެ ފުރުސަތު ލިބި، ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

މިފްކޯއިން ބުނީ މި ކާރުހާނާ ފަރުމާކޮށްފައިވަނީ ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކަށް ފެތޭނެހެން، ކޮލިޓީ ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކަކާއެކު ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު މިފްކޯއާ އަލުން ހަވާލުކުރި ކަނޑުއޮތްގިރީގައި މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، އެ ރަށަކީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓުކުރާ މައި ހަބަކަށް ވެގެންދާނެކަމަށް އުންމީދުކުރެވޭކަމަށް މިފްކޯއިން ބުންޏެވެ.