މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "މައިކަލް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކްގެ މަގާމު ހޯދައިފިއެވެ.
އިންޑަސްޓްރީގެ ޑޭޓާޓްރެކްކުރާ ކޮމްސްކޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް މި ފިލްމަށް ވަނީ 1.001 ބިލިއަން ޑޮލަރު ލިބިފައެވެ. މިއާއެކު، 2018 ވަނަ އަހަރު ނެރުނު "ބޮހީމިއަން ރެޕްސޮޑީ" އަށް ލިބުނު 911 މިލިއަން ޑޮލަރުގެ ރެކޯޑާއި، 2023 ވަނަ އަހަރު ނެރުނު "އޮޕެންހައިމަރ" އަށް ލިބުނު 976 މިލިއަން ޑޮލަރުގެ ރެކޯޑު ވަނީ މުގުރާލައިފައެވެ. މިއީ މިއަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ.
އެންޓުއާން ފުކުއާ ޑައިރެކްޓުކޮށް، މައިކަލް ޖެކްސަންއަށް ނިސްބަތްވާ ޖާފަރ ޖެކްސަން ލީޑު ރޯލު ކުޅެފައިވާ މި ފިލްމަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ އެމެރިކާއިން ބޭރުގެ މާކެޓުތަކުންނެވެ. ބޮކްސް އޮފީސް މޯޖޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފިލްމުގެ ޖުމްލަ އާމްދަނީގެ 62 އިންސައްތަ ހިއްސާކުރަނީ ބައިނަލްއަގުވާމީ މާކެޓުތަކުންނެވެ. މީގެ ތެރޭގައި ޖަޕާނާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ގައުމުތައް ހިމެނެއެވެ. ހާއްސަކޮށް ޖަޕާނުގައި ފިލްމު އެޅުވި ފަހުން އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ފިލްމު އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ފާޑުކިޔުންތެރިންގެ ފަރާތުން މި ފިލްމަށް ނޭދެވޭ ރައްދުތަކެއް ލިބުނު ނަމަވެސް، އާންމުންގެ މެދުގައި މައިކަލް ޖެކްސަންއަށް އޮތް މަގުބޫލުކަމުގެ ސަބަބުން ފިލްމުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، މިއީ ލަޔަންސްގޭޓް ސްޓޫޑިއޯގެ ތާރީހުގައިވެސް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމު ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިނީ 865 މިލިއަން ޑޮލަރު ހޯދި "ދަ ހަންގަރ ގޭމްސް" ފްރެންޗައިޒްގެ ފިލްމަކުންނެވެ.
މި ފިލްމު މިހާރު ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބެލެން ހުރި ނަމަވެސް، ބައެއް ގައުމުތަކުގެ ސިނަމާތަކުގައި އަދިވެސް އަންނަނީ އަޅުވަމުންނެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް