މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާއްސަ އޮފީހެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އުފެއްދި އެ އިދާރާ ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތްތަކަށް އިރުޝާދުދީ، ލަފާދިނުމަށްޓަކައި ހާއްސަ ގަވަނިން ބޯޑެއްވެސް އެކުލަވާލާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުން.
  • ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން.
  • ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެފަދަ މަޝްރޫއުތައް ހިންގުމުގައި އިސްދައުރެއް އަދާކުރުން

ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން އާ އޮފީހެއް މި އުފެއްދީ، މާލޭގެ މަގުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ދިރާސާތަކުން ދައްކާފައިވަނިކޮށެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މިދިޔަ އަހަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ޖުމްލަ 119,472 އުޅަނދު ބޭނުންކުރެއެވެ. މީގެ ތެރެއިން 93 ޕަސަންޓަކީ ސައިކަލް ކަމަށްވާއިރު، އެއީ ގާތްގަނޑަކަށް 103,300 ސައިކަލެވެ.

މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ހެދި އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރެފިކާއި ތޮއްޖެހުމުގެ އިތުރުން ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 132,230 ޕާކިންގް ސްލޮޓް ރަނގަޅު ނިޒާމެއްގެ ދަށުން މެނޭޖްކުރަން ޖެހެއެވެ.