މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް އަލަށް އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އައްޔަންކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ.

މާނިއު މީގެ ކުރިން ވަނީ މި ސަރުކާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ. އެއަށްފަހު އޭނާ ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިދިޔަ މަހު ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން އުފެއްދި އެ އޮފީހަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ އިދާރާއެކެވެ. އެ އޮފީހުގެ މައިގަނޑު މަގުސަދަކީ މާލެ އާއި ހުޅުމާލޭގެ މަގުތައް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކަށައެޅުމާއި، އާބަން ޕްލޭނަކާ އެއްގޮތަށް މަގުތަކުގެ ފެންވަރު މަތިކުރުމެވެ.

މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ މިންވަރުގެ ކޯޓާ ކަނޑައެޅުންވެސް އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން، އަލަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރަކަށެވެ. އާ ގާނޫނު ތަސްދީގުކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މާލެ ސަރަހައްދަށް އަމާޒުކޮށް މިފަދަ ހާއްސަ އޮފީހެއް އުފެއްދެވީ ދަތުރުފަތުރުގެ ދާއިރާގެ ގިނަ އަހަރުތަކުގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު ކަމަށެވެ.

އަދި މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބޮޑެތި ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިގެން ހިންގާނެ މުހިންމު އިދާރާއެއްކަމަށް ރައީސް ވިދާޅުވެފައިވެެެއެވެ.