އިންޑިއާއާއި ނިއުޒީލެންޑާ ދެމެދު އޮންނަ ދޭދޭ ގުޅުން "ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އަކަށް ބަދަލުކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 35،000 ކްރޯޑު ރުޕީސް (7 ބިލިއަން ނިއުޒީލެންޑް ޑޮލަރު) އަށް އިތުރުކުރަން ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިކަން އިއުލާނުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން، ނިއުޒީލެންޑުގެ އޯކްލެންޑްގައި ބޭއްވެވި ބައްދަލުވުމަށް ފަހުގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި 10 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މީގެ ތެރޭގައި ދިފާއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގުޅުން ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި، ކަނޑުގެ މަގުން ގުޅިފައިވާ ދެ ގައުމުގެ ގުޅުން ބަދަހިވުމަކީ އިންޑޯ-ޕެސިފިކް ސަރަހައްދަށް ލިބިގެންދާނެ އާ ބާރެކެވެ. މި ގުޅުމުގެ ސަބަބުން ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި ދާދި ފަހުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން، ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ނިއުޒީލެންޑުން އިންޑިއާގައި 20 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ވަނީ ނިންމައިފައެވެ. އިގުތިސޯދީ ތަޖުރިބާކާރުންނާއި ވިޔަފާރިއާ ބެހޭ ވުޒާރާތަކުން ބުނާ ގޮތުގައި، މި އަމާޒުތަކަށް ވާސިލުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައިވެސް ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރި 50 އިންސައްތައަށްވުރެ އިތުރުވެފައިވުމެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ހުނަރުވެރި މަސައްކަތްތެރިންނަށް ނިއުޒީލެންޑުގައި މަސައްކަތްކުރުމަށް 5،000 ވިސާ ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ނިއުޒީލެންޑުގެ ބޮޑުވަޒީރު ލަކްސަން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމުގެ ގުޅުން ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް ބަދަލުކުރުމަކީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ބައްދަލުވުމުގައި އެކުލަވައިލި 2030 ގެ ރޯޑްމެޕްގެ ދަށުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޖޮއިންޓް ވާކިންގ ގްރޫޕެއް އުފެއްދުމަށްވެސް ވަނީ ނިންމައިފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސިފައިންނާއި ނިއުޒީލެންޑުގެ ދިފާއީ ބާރުތަކާ ދެމެދު ލޮޖިސްޓިކްސް ބަދަލުކުރުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ނިއުޒީލެންޑަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް