ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނުކުންނަ އިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިހާ ހިސާބަށް ދަތުރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕު ސްޓޭޖުގައި އަލްޖީރިއާ އާއި އޮސްޓްރިއާ އަދި ޖޯޑަން އަތުން ވަނީ މޮޅުވެފައެވެ. އާޖެންޓީނާއަށް އެންމެ އުނދަގޫ މެޗަކަށް ވެގެންދިޔައީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ދެކޮޅަށް ގަދަ 32 ގައި ކުޅުނު މެޗާއި ގަދަ 16 ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗެވެ. ކޭޕް ވާޑް އަތުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން މޮޅުވި އިރު، މިސްރު އަތުން މޮޅުވާން ޖެހުނީ ފަހުވަގުތު ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.
މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހޯދި މޮޅުތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިހާތަނަށް މެސީ ވަނީ މުބާރާތުގައި އަށް ގޯލު ޖަހައި މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފައެވެ. މެސީގެ އިތުރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ އަށް ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގައި ޖެހި ގޯލުތަކާއެކު މިވަގުތު މެސީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ރެކޯޑަށް ވެސް އެމްބާޕޭ ވާދަކުރަމުންދާ އިރު، މެސީ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ހިމެނުނު ގްރޫޕުން ސްވިޒަލެންޑް ވަނީ އެއްވަނަ ހޯދައިފައެވެ. ގަތަރު އަތުން ސްވިޒަލެންޑް އެއްވަރުވީ ނަމަވެސް، ބޮސްނިއާ އަދި ކެނެޑާ އަތުން ވަނީ މޮޅުވެފައެވެ. ސްވިޒަލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި އަލްޖީރިއާ ބަލިކޮށްގެންނެވެ. އަދި ސްވިޒަލެންޑުން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ 16 ގައި ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކޮށްގެންނެވެ.
ސްވިޒަލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 އާ ހިސާބަށް ދަތުރުކޮށްފައެވެ. މިއީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1954 އަށްފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ މެޗެއްގައި ސްވިޒަލެންޑް ވާދަކުރާ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް 1954 ގެ ކުރިން ވެސް ދެ ވޯލްޑް ކަޕެއްގެ ކުއާޓާގައި ސްވިޒަލެންޑުން ވާދަކުރިއެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.
އާޖެންޓީނާ އާއި ސްވިޒަލެންޑް، މިހާތަނަށް ހަތް ފަހަރަކު ވަނީ ބައްދަލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މެޗެއްގައި އާޖެންޓީނާ އަތުން ސްވިޒަލެންޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އާޖެންޓީނާ އިން ފަސް މެޗެއް ކާމިޔާބުކުރި އިރު، ދެ މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ސްވިޒަލެންޑުން ވަނީ މީގެ ކުރިން ދެ ފަހަރަކު ވާދަކޮށްފައެވެ. ވޯލްޑް ކަޕް 1966 ގެ ގްރޫޕު ސްޓޭޖުގައި 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި އިރު، ވޯލްޑް ކަޕް 2014 ގެ ގަދަ 16 ގެ މެޗުން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް އެންހެލް ޑި މަރީއާ ޖެހި ގޯލުންނެވެ.

ކޮމެންޓް