ސްރީލަންކާގެ ފުރަތަމަ 'ޓެޕް އެންޑް ޕޭ' މޮބައިލް ވޮލެޓް، "ބީއޯސީ ފްލެކްސް ޓެޕް އެންޑް ޕޭ" ތައާރަފުކޮށްފިއެވެ. ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ތައާރަފުކުރި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ބުރާސްފަތި ދުވަހު ކޮލަމްބޯގައެވެ. މިއީ އެންއެފްސީ ޓެކްނޮލޮޖީ މެދުވެރިކޮށް، ސްމާޓްފޯނު ބޭނުންކޮށްގެން ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.
މި ހިދުމަތް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައިވަނީ ޒުވާނުންނާއި ސިޓީތަކުގައި ދިރިއުޅޭ އާންމުންނަށެވެ. ބީއޯސީން ބުނި ގޮތުގައި، މި ވޮލެޓުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް ޓޯކަނައިޒޭޝަން އަދި އެންކްރިޕްޝަން ވަނީ ބޭނުންކޮށްފައެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ ކާޑުގެ އަސްލު ނަންބަރު ވިޔަފާރިވެރިންނަށް ނުފެންނާނެ ކަމަށާއި، ބަޔޯމެޓްރިކް އޮތެންޓިކޭޝަން މެދުވެރިކޮށް ރައްކާތެރިކަން އިތުރުކޮށްފައިވާނެ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. މީގެ އިތުރުން، އެޕްލިކޭޝަން މެދުވެރިކޮށް ވަރޗުއަލް ކާޑު އުފެއްދުމާއި، ބޭނުން ވަގުތެއްގައި ކާޑު ސަސްޕެންޑް ކުރުމުގެ އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންވެއެވެ.
މިކަމާ ގުޅިގެން ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ (ސީބީއެސްއެލް) އިން ބުނެފައިވަނީ، މިއީ ޑިޖިޓަލް ޕޭމަންޓްތައް ބޭނުންކުރުން އިތުރުކުރުމަށާއި، ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރާ އިގުތިސޯދަކަށް ބަދަލުވުމަށް ލަންކާއިން ކަނޑައަޅާފައިވާ ގައުމީ ސިޔާސަތާ އެއްގޮތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްކާތެރި މާލީ ހިދުމަތްތަކަށް އާންމުންނަށް ފަސޭހައިން ވާސިލުވެވޭނެ މަގެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މާލީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ނިޒާމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ކުރާނެއެވެ. އެގޮތުން، ޕީއޯއެސް މެޝިންތައް ކުއްޔަށް ނެގުމުގެ ބަދަލުގައި ސްމާޓްފޯނު މެދުވެރިކޮށް ފައިސާ ބަލައިގަނެވޭނެތީ، ވިޔަފާރިތަކުގެ ހަރަދު ކުޑަވެ، ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ދެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. މި ހިދުމަތް މިހާރު މުޅި ލަންކާގައި ބޭނުންކުރަން ފަށާފައިވާއިރު، މާސްޓާކާޑު އަދި ވިސާ ނެޓްވޯކް މެދުވެރިކޮށް މި ވޮލެޓުން މުއާމަލާތް ކުރެވޭނެއެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް