ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ، ހާއްސަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިތުރުވެ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 22.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2.0 ބިލިއަން ރުފިޔާ ނުވަތަ 13.0 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ ރިޕޯޓުން ދައްކާގޮތުގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.
އަދި މީގެއިތުރުން ޖީއެސްޓީގެ ގޮތުގައި ޖުމްލަ 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީ-ޖީއެސްޓީ) ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ ހަފުތާގައ ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލިފައިވީނަމަވެސް، ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު ހިފެހެއްޓުމުގެ ގޮތުން ފޯރުކޮށްދެމުންދާ ސަބްސިޑީގެ ޚަރަދުތައްވެސް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާއިން އުފުލިފައިވާކަންވެސް ފާހަގަ ކުރެވެއެވެ
ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 20.3 ބިލިއަން ރުފިޔާގައި ހުރި އިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ހަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑު ކުރެވިފައެވެ.
ހުރިހާ ހަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް