ގްރީސްގެ ތެސަލޮނީކީއިން ޖަރުމަނުގެ މެމިންގަންއަށް ދަތުރުކުރި ރަޔަންއެއާގެ ފްލައިޓެއް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓުގެ ކުޑަދޮރެއް ނެއްޓުމުގެ ސަބަބުން، ފަސިންޖަރަކު ބޯޓުން ބޭރަށް ދަމައިނުގަނެ ސަލާމަތްވީ ކިރިޔާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ބޯޓުގެ ކުޑަދޮރުން ބޭރަށް ދަމައިގަންނަން އުޅުނީ އުމުރުން 61 އަހަރުގެ ސާބިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ގްރީސްގެ ދައުލަތުގެ މީޑިއާ، އީއާރްޓީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުގެ ޕްރެޝަރު ދަށްވުމާއެކު އެ މީހާގެ ބޯ އަދި ކޮނޑު ކުޑަދޮރުން ބޭރަށް ނުކުތެވެ. ނަމަވެސް އޭނާ ސީޓްބެލްޓް އަޅައިގެން އިނުމާއި، އޭނާގެ އަންހެނުންނާއި އެހެން ފަސިންޖަރުން އޭނާ ހިފެހެއްޓުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކުން ވަނީ ސަލާމަތްވެފައެވެ.

ރަޔަންއެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްލައިޓް އެފްއާރް1879 ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސިންޖަރުން ތިބޭ ކެބިންގެ ކުޑަދޮރެއް ނެއްޓުމާ ގުޅިގެން، އަނބުރާ ތެސަލޮނީކީ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި ބޯޓު އާންމު ހާލަތެއްގައި ޖައްސައި، ފަސިންޖަރުން ޓާމިނަލަށް ގެންގޮސްފައިވާ ކަމަށާއި، އެކަކަށް ސިއްހީ ފަރުވާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޓު 15،000 ފޫޓާއި 20،000 ފޫޓާ ދެމެދުގެ އުސްމިނަކަށް އެރި ވަގުތުގައެވެ. ގްރީސްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުޑަދޮރު ތަޅައިގެން ދިޔައީ ބޯޓުގެ އިންޖީނުން ނެއްޓުނު އެއްޗެއް އައިސް ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް ރަޔަންއެއާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބޯއިންގ 737-800 މަރުކާގެ މި ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން، އަނިޔާވި ފަސިންޖަރަށް ތެސަލޮނީކީގެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ހަންގަނޑު މަށައިގެން ދިއުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޔަންއެއާއިން ވަނީ އެހެން ބޯޓެއްގައި ބާކީ ތިބި ފަސިންޖަރުން ޖަރުމަނަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.