(3 ޖުލައިގެ އަދަދާ ގުޅޭ)

ކުޑަ އިރުކޮޅެއްގެ ފަހުން މުސްލިމުން ކޯރުގެ އައްސޭރީގައި މެންދުރު ނަމާދު ކުރާން ފަށައިފިއެވެ. ރަންބީރާއި ރާމްނާތާ ދެ ބޭފުޅުން ތިއްބެވީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި އިށީނދެވަޑައިގެން، ވާހަކަ ދައްކަވާށެވެ. ނަމާދުން ނިމިވަޑައިގެން عبدالواحد ވަޑައިގެން އެ ބޭފުޅުންގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ރަންބީރު އޭނާއަށް ރާމްނާތު ތަޢާރަފު ކޮށްދެއްވިއެވެ. އެޔަށްފަހު عبدالواحد ސުވާލު ކުރެއްވުމުން ރަންބީރު އޭނާ އާއި ރާމްނާތުގެ ވާހަކަ عبدالواحد އަށް ވިދާޅުވެދެއްވިއެވެ.

عبدالواحد ރަންބީރާ އިތުރު ސުވާލުތަކެއް ކުރެއްވުމަށް ފަހު، އޭނާގެ އަތްޕުޅުން ބިންމަތީން އަތްތިލައެއްހައި ތަންކޮޅެއް ސާފު ކުރެއްވުމަށް ފަހު ޚަންޖަރުގެ ތުނޑުން ރޮނގުތަކެއް އަޅުއްވައިފައި ވިދާޅުވިއެވެ. "މިއީ ގުނޫޖުގެ ޗާޓެވެ. މަނިކުފާނުގެ ރަށް މި ޗާޓުން ދައްކަވަބައްލަވާށެވެ."

ރަންބީރު ތަންކޮޅެއްގައި އިނގިލިފުޅު ޖައްސަވައިފައި ވިދާޅުވިއެވެ. "ގާތްގަނޑަކަށް މި ހިސާބުގައެވެ."

عبدالواحد ވިދާޅުވިއެވެ. "މި ރަށް އަޅުގަނޑުމެން ދަތުރު ކުރާ މަގާ މާކަ ދުރެއް ނޫނެވެ. އަޅުގަނޑަށް މިއަދު ރަސްގެފާނުގެ ފައިންޕުޅު ފެނިއްޖެ ކަމުގައި ވާނަމަ، މިރޭ މަނިކުފާނު އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން ކޮންމެވެސް އުފާވެރި ޚަބަރެއް ދެންނެވޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް، މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ. މި ދަތުރުމަތީގައި ނުދެވުނު ކަމުގައި ވިޔަސް، އިރާދަ ކުރެއްވިއްޔާ މި ހަނގުރާމަ ނިމުމާ އެކު އަޅުގަނޑު މަނިކުފާނުގެ ރަށަށް ދާނެކަމުގެ ޔަޤީންކަން އަރުވަމެވެ."

عبدالواحد ގެ ވާހަކަފުޅަށް ވުރެ ބޮޑަށް ރަންބީރަށް އަސަރު ކުރީ އޭނާގެ މޫނުފުޅުމަތީން ފާޅު ވާ އިޚްލާޞްތެރިކަމުންނެވެ.

عبدالواحد ރާމްނާތާ ދިމާޔަށް އެނބުރިވަޑައިގެންފައި ސުވާލު ކުރެއްވިއެވެ. "ރަސްގެފާނު މަނިކުފާނަށް ވެސް ފައިންޕުޅު ދެއްކެވުން އެކަށީގެން ވެއެވެ. ގަވާލިޔާރާއި ކަލަންޖަރާއި ގުނޫޖުގެ އަސްކަރީ ބާރާ ބެހޭގޮތުން މަނިކުފާނާ ސުވާލު ކުރައްވައިފާނެއެވެ. އެ ސުވާލެއްގެ ޖަވާބު ދެއްވުމާ މެދު މަނިކުފާނުގެ ޟަމީރު ނުރުހޭ ސުވާލެއްގެ ޖަވާބު ނުދެއްވި ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. މަނިކުފާނަށް ޖަވާބު ދެއްވުން މަޖުބޫރެއް ނުކުރައްވާނެއެވެ. ނަމަވެސް ހަގީގަތާ ޚިލާފު ޖަވާބެއް ނުދެއްވުން އެދެމެވެ. އެހެނީ މަނިކުފާނަށް ވުރެ ރަސްގެފާނު މަޢުލޫމާތު މާ ތަނަވަސް ވާނެއެވެ. އަޅުގަނޑު މިހެން މި ދެންނެވީ މަނިކުފާނަކީ ރަންބީރުގެ ރަޙުމަތްތެރިޔަކަށް ވާތީއެވެ."

ރާމްނާތު ވިދާޅުވިއެވެ. "ރަންބީރުގެ ރަޙުމަތްތެރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް މިހިރީ ތިޔަ ބޭފުޅުންނާ އެއް އޮޑިއެއްގައެވެ. ނަމަވެސް ފަހަރެއްގައި ރަސްގެފާނު އަޅުގަނޑު ސާފުކޮށް ދެންނެވީމާ ކޯފާ އިސް ވެދާނެތީ އަޅުގަނޑު ބިރު ގަނެއެވެ. މިސާލެއްގެ ގޮތުން، އަޅުގަނޑު ރަސްގެފާނުގެ އަރިހުގައި ދަންނަވައިފާނަމެވެ. ކަލަންޖަރުގެ ރަސްގެފާނަށް މަނިކުފާނުގެ ކޮންމެ ސިފައިންގެ މީހެއްގެ ބަދަލުގައި ދިހަ މީހުން މައިދާނަށް ނެރުއްވިދާނެއެވެ. މަނިކުފާނު ގުނޫޖާއި ކަލަންޖަރަށް ވަޑައިގަތުމަށް ގަސްދު ކުރައްވައިފި ކަމުގައި ވާނަމަ ފަތަޙައިގެ ބަދަލުގައި މަނިކުފާނަށް ކޮންމެ ފިޔަވަޅެއް އެޅުއްވޭނީ ހަލާކާ ދިމާޔަށެވެ. އަޅުގަނޑު ދަންނަވައިފި ކަމުގައި ވާނަމަ، އެ ބައްދަލުވުމަށް ފަހު އަޅުގަނޑަށް ކިހައި އިރަކު ދުނިޔޭގައި ހުރުމުގެ ހުއްދަ ލިބޭނެތޯއެވެ؟"

عبدالواحد ހިނިފުޅު ވަޑުވައިލެއްވިއެވެ. "އެކަމާ މަނިކުފާނު ކަންބޮޑު ވެވަޑައިގަންނަވާނެކަމެއް ނެތެވެ. މަނިކުފާނަށް ވުރެ ރަސްގެފާނުގެ މަޢުލޫމާތު ތަނަވަސް ވާނެކަމުގައި އަޅުގަނޑު މީގެ ކުރީން ވެސް ދަންނަވައިފީމެވެ. އެކަކާ ދިހައެއްގެ ތަފާތާ މެދު ރަސްގެފާނު ކަންބޮޑު ވެވަޑައެއްނުގަންނަވާނެއެވެ. ޝިކާރަމަތީ ބާޒު އުދުއްސައިގަތުމަށް ޓަކައި ފިޔަ ދަމައިލުމަށް ފަހު ކޮތަރާއި ރޭރުގެ ޢަދަދު ކިތަންމެ ގިނަ ވިޔަސް ޖެހިލުމެއް ނުވާނެއެވެ. މާފު ކުރައްވާށެވެ. އަޅުގަނޑު ހިންދީ ސިފައިން ނިކަމެތި ކޮށެއްނުލަމެވެ. އަޅުގަނޑު ރާޖުޕޫތުންގެ ހިތްވަރުގަދަކަމަށް އިޢުތިރާފު ވަމެވެ. ނަމަވެސް އަޅުގަނޑުމެންގެ ފުތޫޙާތުގެ ސިއްރަކީ އަޅުގަނޑުމެން ޤަބޫލު ކުރާ އުޞޫލުގެ މަތިވެރިކަމެވެ. އެ އުޞޫލު ޒަމާނުގެ ކޮންމެ އުޞޫލަކަށް ވުރެ މަތިވެރިއެވެ. އަޅުގަނޑުމެންގެ ކަނޑީގެ ތޫނުކަމާއި މުލައްދަނޑީގެ ބާރަށް ވުރެ ބޮޑަށް، އަޅުގަނޑުމެންގެ ފަތަޙައިގެ ގަރަންޓީއެއް ކަމުގައި އަޅުގަނޑުމެން ބަލަނީ އަޅުގަނޑުމެންގެ ޟަމީރުގެ އަލިކަމެވެ. އަޅުގަނޑުމެންގެ ބާރުގެ އަޞްލަކީ މާތް ވެގެންވާ އިސްލާމް ދީނެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މި މަގުސަދު އޮތްހައި ހިނދަކު އަޅުގަނޑުމެންނަށް ކޮންމެ ފިޔަވަޅެއް ވެސް އަޅަމުން ގެންދެވޭނީ ފަތަޙަޔާ ދިމާޔަށެވެ. އިއްޔެއާ ހަމަޔަށް އަޅުގަނޑުމެން ދަތުރު ކުރާ މަގު ބަންދު ކުރެވޭތޯ މަސައްކަތް ކުރި މީހުން މިއަދު އަޅުގަނޑުމެންގެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރަމުން އެބަ ގެންދެއެވެ. އެހެން ވީއިރު، ކަލަންޖަރާއި ގަވާލިޔާރާއި ގުނޫޖުގެ ސިފައިން ވެސް އަޅުގަނޑުމެންގެ އެކުވެރީން ކަމުގައެއް ނުވާނެޔޭ ބުނެވޭނީ ކާކަށްތޯއެވެ؟"

عبدالواحد ވާހަކަ ދައްކަވާން އިންނަވަނިކޮށް ސިފައިންގެ އޮފިސަރުންގެ ބަޔަކު އޭނާގެ އަރިހަށް ޖަމާ ވެއްޖެއެވެ. ތުރުކީ ޖަނަރަލެއް އޮފިސަރުންގެ ބަޔަކާ ވާހަކަ ދައްކަވަމުން އެ ދިމާޔަށް ނުކުމެވަޑައިގެންފިއެވެ. އޭނާއަށް عبدالواحد ފެނިވަޑައިގަތުމާ އެކު އެ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. عبدالواحد ގެ އަރިހުގައި އިން އޮފިސަރަކު عبدالواحد އަށް އޭނާ ވަޑައިގަންނަވާ ވާހަކަ ދެންނެވުމާ އެކު އޭނާ ތެދު ވެވަޑައިގެންފިއެވެ.

ތުރުކީ ޖަނަރަލް އެއްވެސް ތަމްހީދަކާ ނުލައި ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނު ހޯދާތާ ވަރަށް ގިނަ އިރު ވެއްޖެއެވެ. އަޅުގަނޑުމެންގެ އަށް ޒުވާނުން ކޯރު ހުރަސް ކުރުމުން ދުޝްމަނުންގެ ދުނިދަނޑިވެރީންގެ ކިބައިން ސަލާމަތް ކޮށްދިނީ ހިންދީންގެ ދެ މީހުންކަން އަޅުގަނޑަށް އެނގިއްޖެއެވެ. އަޅުގަނޑު އެތެއްގެ ފައިދަށު ވެ ފުނޑުފުނޑު ވުމުން ސަލާމަތް ކޮށްދިނީ ވެސް އޭގެ ތެރެއިން މީހެކެވެ. މަނިކުފާނަށް އެބައިމީހުން އެނގިވަޑައިގަތުން އެކަށީގެން ވެއެވެ. އަޅުގަނޑު އެބައިމީހުންނަށް ޝުކުރު އަދާ ކުރާން ބޭނުމެވެ." ކުއްލިޔަކަށް އޭނާގެ ނަޒަރު ރަންބީރުގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެންގެ ހީއަކީ ކުށްހީއަކަށް ނުވާ ނަމަ، އެ މީހަކީ ތިޔައީއެވެ."

ތުރުކީ ޖަނަރަލް ރަންބީރުގެ ޖަވާބަކަށް އިންތިޒާރު ކުރެއްވުމެއް ނެތި އޭނާއާ ދިމާޔަށް އަތްޕުޅު ދިއް ކޮށްލައްވައިފިއެވެ. އޭނާ ވަރަށް ހޫނު ތަރުޙީބަކާ އެކު ސަލާމް ކުރެއްވުމަށް ފަހު ރާމްނާތާ ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "މިއީ މަނިކުފާނުގެ އެކުވެރިޔެއް ދޮގެއްތޯއެވެ؟" އެޔަށްފަހު އޭނާ عبدالواحد އާ ދިމާޔަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ކޯރު ހުރަސް ކުރުމުގެ ކުރީން މަނިކުފާނު މި ދެ ޒުވާނުން މި ފަރާތަށް ފޮނުއްވިކަމެއް އަޅުގަނޑު ނުދެނެހުރީމެވެ."

عبدالواحد ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ ލަޝްކަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ ގުނޫޖުގެ ބޭފުޅެކެވެ. އަނެއް ބޭފުޅަކު ވަޑައިގަތީ ގަވާލިޔާރުންނެވެ. ހާލާތު ނިޔާ ކުރި ގޮތުން، މި ދެ ބޭފުޅުން އަޅުގަނޑުމެންގެ ރަޙުމަތްތެރީން ކަމުގައި ހިމެނިވަޑައިގަތީއެވެ."

"ތިޔަހެންވިއްޔާ މި ދެ ބޭފުޅުންނަށް ވަކީން ބޮޑަށް ޝުކުރު އަދާ ކުރާން ޖެހޭނެއެވެ." މިހެން ވިދާޅުވެފައި، ޖަނަރަލް އަނެއްކާވެސް އެ ދެ ބޭފުޅުންނާ ސަލާމް ކުރައްވައިފައި، އޭނާގެ ފޭލިގެއާ ދިމާޔަށް ހިންގަވައިގެންފިއެވެ.(ނުނިމޭ)