ސައުދީ އަރަބިއްޔާއިން 14 ގައުމެއްގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.
ސައުދީގެ އިމިގްރޭޝަން އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އުސޫލުގެ ދަށުން އެމެރިކާ، އިނގިރޭސިވިލާތް ނުވަތަ ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) ގެ ވެލިޑް ވިސާއެއް ނުވަތަ ރެސިޑެންސީ ޕާމިޓެއް އޮތް ނަމަވެސް، ކަނޑައެޅިފައިވާ 14 ގައުމުގެ މީހުނަށް އޮން-އެރައިވަލް ވިސާއެއް ދެން ނުލިބޭނެއެވެ.
މި ބަދަލު ގެނެސްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މިސްރު، އުރުދުން، ޓިއުނީޝިއާ، އަލްޖީރިއާ، މޮރޮކޯ، ޕާކިސްތާން، ބަންގްލަދޭޝް، ނައިޖީރިއާ، އިންޑޮނޭޝިއާ، އިތިއޯޕިއާ، ސޫދާން، ޔަމަން، އިންޑިއާ އަދި އިރާގު ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އެފްރިކާ، އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައުދީއަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ގައުމުތަކެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ހައްޖު މޫސުމާ ދިމާކޮށް އެ ގައުމަށް އެތެރެވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި، ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރުން ހުއްޓުވުމުގެ ގޮތުންނެވެ.
މިއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް، މި އިއުލާނުގެ ކުރިން ސައުދީން ދޫކޮށްފައިވާ އާންމު ޓޫރިސްޓު ވިސާ އޮންނަ މީހުނަށް މި ކަމުގެ އަސަރެއް ނުކުރާނެއެވެ.
ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ކުއްލި ބަދަލުގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގައި ދަތުރުވެރިންނަށް ދަތިތަކާ ކުރިމަތިވަމުން އެބަދެއެވެ. ހާއްސަކޮށް އުމްރާގެ އަޅުކަމަށް ދާ މީހުންނާއި ވިޔަފާރި ދަތުރުތަކުގައި ސައުދީއަށް އެތެރެވާ މީހުންނަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި މީގެ ސަބަބުން ދަތުރުތައް ރޭވުމުގައި އިތުރު ވަގުތާއި ހަރަދު ހިނގާނެ ކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.
މި ވަގުތީ ފިޔަވަޅު އުވައިލާނެ ވަކި ތާރީހެއް ސައުދީ ސަރުކާރުން އަދި ބުނެފައެއް ނުވެއެވެ. އެހެންކަމުން، މި ގައުމުތަކުގެ ދަތުރުވެރިން ސައުދީއަށް ދިއުމުގެ ކުރިން އާންމު ޓޫރިސްޓު ވިސާ ނެގުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް