އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ކްލިނިކެއް ގާއިމުކޮށް، ގާނޫނީ ދާއިރާގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން ފަށައިފިއެވެ.

އައިޔޫއެމްއިން ބުނީ މިދިޔަ އޮކްޓޯބަރު މަހު ހުޅުވި މި ކްލިނިކަކީ ރާއްޖޭގެ ބާ ކައުންސިލުން ގާނޫނީ ވަކީލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކްރެޑިޓްކުރި ރާއްޖޭގެ ފުރަތަމަ ގާނޫނީ ކްލިނިކް ކަމަށެވެ.

ޔުނިވާސިޓީގެ 47 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އާންމުންނަށް ހުޅުވާލި މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އަދި ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކަށް ގާނޫނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އައިޔޫއެމްއިން ބުންޏެވެ.

މި ކްލިނިކުން ގާނޫނީ ލަފާ ދިނުމުގެ އިތުރުން، ކޯޓުތަކަށް ހުށަހަޅާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެކިއެކި އެއްބަސްވުންތަކާއި މުވައްކިލުންގެ ފަރާތުން ކަންކަން ކުރުމުގެ ލިޔުންތައް ލިޔެދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭ ކްލިނިކެއްކަމަށް އައިޔޫއެމްއިން ބުންޏެވެ.

ކްލިނިކުގެ ހިދުމަތްތައް ކުރިއަށް ގެންދަނީ ޔުނިވާސިޓީގެ ގާނޫނީ ދާއިރާގެ ދަރިވަރުންކަމަށް އައިޔޫއެމްއިން ބުންޏެވެ. ނަމަވެސް، މި ހުރިހާ މަސައްކަތެއް ކުރިއަށްދަނީ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނާއި ލައިސަންސް ލިބިފައިވާ ގާނޫނީ ވަކީލުންގެ ބެލުމުގެ ދަށުންކަމަށް އައިޔޫއެމްއިން ބުންޏެވެ.

އައިޔޫއެމްއިން ބުނީ ކްލިނިކަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް ވަކި އުސޫލެއްގެ މަތިން ބަލައި، އެ މައްސަލައަކީ ކްލިނިކުގެ މިންގަނޑުތަކަށް ފެތޭ މައްސަލައެއްތޯ ކަށަވަރުކުރުމަށްފަހު ފިޔަވަޅުތައް އަޅާނެ ކަމަށާއި މައްސަލަ ބަލައިގަތުމަށްފަހު، ކަމާ ގުޅުންހުރި ގާނޫނީ ވަކީލެއްގެ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޓީމަކުން މައްސަލަ ދިރާސާކޮށް، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ކްލިނިކުން އާއިލީ މައްސަލަތަކާއި މަދަނީ މައްސަލަތަކާއި ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ކުދި ވިޔަފާރިތަކާ ގުޅުންހުރި ގާނޫނީ މައްސަލަތައް ބަލައިދޭނެ ކަމަށާއި ނަމަވެސް، ސީރިއަސް ޖިނާއީ މައްސަލަތަކާއި ބޮޑެތި މާލީ މުއާމަލާތްތަކާ ގުޅުންހުރި މައްސަލަތައް މި ކްލިނިކުން ބަލައިނުގަންނާނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.

ކްލިނިކްގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމެއް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިކަމަށް އައިޔޫއެމްއިން ބުންޏެވެ.