މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) އިން މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ، އަދި ޕީއެޗްޑީ ފެންވަރަށް ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 15އާ ހަމައަށް އިތުރުކޮށްފިއެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކުރުމަށް ފުރުސަތު ދެވިފައިވާ ދާއިރާތަކަކީ މާލީ އަދި އިގުތިސޯދީ ދާއިރާއިން ރާއްޖެއަށް ބޭނުންތެރި ހުނަރުވެރި ދިވެހިން ބިނާކުރުމަށް އަމާޒުކޮށްގެން ކަނޑައެޅިފައިވާ ދާއިރާތަކެކެވެ.

އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕާޝިޕް ފުރުސަތުތައް:

  • ބެޗްލާ އޮފް އެކައުންޓިން - ސެލަންގޯ އިސްލާމިކް ޔުނިވަސިޓީ، މެލޭޝިޔާ
  • މާސްޓާ އޮފް ލޯސް، އިންޓަނޭޝަލް އިސްލާމިކް ޔުނިވަސިޓީ، މެލޭޝިޔާ
  • މާސްޓާ އޮފް އިކޮނޮމިކްސް، އިންޓަނޭޝަލް އިސްލާމިކް ޔުނިވަސިޓީ، މެލޭޝިޔާ
  • ޕީ.އެޗް.ޑީ، އިންސީފް ޔުނިވާސިޓީ، މެލޭޝިޔާ
  • ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ- ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ރިސާޗް)، ނުވަތަ- ޕީ.އެޗް.ޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)

އެމްއެމްއޭއިން ބުނީ މި ސްކޮލާ ޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމު ފުރިހަމަކުރުމަށްފަހު، އެމްއެމްއޭއަށް ފަސް އަހަރު ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.މިކަމާ ގުޅޭ އިތުރު ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅުމުގެ މައުލޫމާތުތައް އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ފުރިހަމަ މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޓިއުޝަން ފީއާއި ޔުނިވާސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތަކުގެ އިތުރުން، ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދު ހަމަޖެއްސުމަށް އެލަވަންސްތައް ހިމެނެއެވެ. އަދި ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސް، ވިސާ ހަރަދުތަކާއި ހެލްތު އިންޝުއަރެންސްވެސް މި ސްކޮލާޝިޕްގެ ތެރެއިން ދަރިވަރުންނަށް ހަމަޖެހިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.