ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕްރީތީ ޒިންޓާގެ ޑީޕްފޭކް އަދި ބަދަލުގެނެސްފައިވާ މަންޒަރުތައް އިންޓަނެޓުން ވަގުތުން ނެގުމަށް ބޮމްބޭ ހައި ކޯޓުން، އަމުރުކޮށްފިއެވެ.

ޕްރީތީ ޒިންޓާގެ ފަރާތުން ހުށަހެޅި މައްސަލަޔަކާ ގުޅިގެން، ފަނޑިޔާރު ގޯތަމް ޕަޓޭލް ނިންމެވީ ހުއްދަނެތި އޭނާގެ ސިފަ ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓަކީ އޭނާގެ އަސާސީ ހައްގުތަކާއި، އަމިއްލަވަންތަކަމުގެ ހައްގުތަކާ ހިލާފު އެއްޗެއް ކަމަށެވެ. ކޯޓުގައި ޕްރީތީގެ ވަކީލުން ވަނީ އޭނާގެ ސިފަ ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހަދާފައިވާ 275 އަށްވުރެ ގިނަ ލިންކު ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ޔޫޓިއުބް ލިންކުތަކާއި އެކި ވެބްސައިޓުތަކުގައި ހުރި މަންޒަރުތައް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލައިގައި ކޯޓުން ވަނީ މެޓާ އަދި ގޫގުލް ފަދަ ކުންފުނިތަކަށް، ފާހަގަކުރެވިފައިވާ ކޮންޓެންޓްތައް ނެގުމަށް އަންގައިފައެވެ. އަދި އޮންލައިން ޕްލެޓްފޯމުތަކުން މިފަދަ ކަންކަން ހުއްޓުވުމަށް ޒިންމާދާރުވުމަށް ކޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، ޕްރީތީ ޒިންޓާ ފިލްމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްގެން ބިނާކޮށްފައިވާ ނަމާއި އަބުރު، މިފަދަ އޭއައި ކޮންޓެންޓްގެ ސަބަބުން ގެއްލިގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން، ޕްލެޓްފޯމުތަކުން ފިޔަވަޅު އަޅަން ފަށައިފިނަމަ މިފަދަ ކުށްކުރާ މީހުން އެކަން ހުއްޓާލާނެ ކަމަށާއި، އެހެން ނޫންނަމަ އެ ކުންފުނިތައް ވެގެންދާނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ދިނުމުގައި ބައިވެރިވާ ބަޔަކަށް ކަމަށް ކޯޓުން އިންޒާރުދީފައިވެއެވެ.

މިއީ އޭއައި ބޭނުންކޮށްގެން މީހުންގެ އައިޑެންޓިޓީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކޯޓުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވަނީ ފާހަގަކުރެވުނު ހުރިހާ ކޮންޓެންޓެއް ވަގުތުން ނެގުމަށެވެ.