ދަތުގެ ފަރުވާގެ ހިދުމަތްތަކުގެ ފެންވަރު ސަރުކާރުން މަތިކޮށްދޭނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފޯރުކޮށްދެމުންދާ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުރިން ދަތުގެ ހާއްސަ ފަރުވާތައް ލިބެން ނެތުމުގެ ސަބަބުން ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދާންޖެހުނު ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެ، ދިވެހި ސްޕެޝަލިސްޓުން ސަރުކާރުގެ ހިދުމަތުގައި ތިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ދަތުގެ ފަރުވާ ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. 15 އަތޮޅެއްގައި ފުރިހަމަ ވަސީލަތްތަކާއެކު ޑެންޓަލް ޔުނިޓްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި 2026 ވަނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން އާ ޑެންޓަލް ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ހިދުމަތްތައް ފުޅާކުރުމަށާއި، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ދަތުގެފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން." ނައިބު ރައީސް ވިދާޅުވިއެވެ.