އިންޑިއާގެ ބެންގަލޫރުގައި 11 މަހުގެ ތުއްތު ކުއްޖަކު މަރާލުމަށް ފަހު، އެއީ އެކްސިޑެންޓެއް ކަމަށް ދައްކަން މަސައްކަތްކުރި މައްސަލައެއްގައި އެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް މަރުގެ ދައުވާ އުފުލައި، ބައްޕަ ހައްޔަރުކޮށްފިއެވެ.

ބެންގަލޫރުގެ އަވަލަހައްލީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިތަގަނޫރު އަވަށުގައި ޖޫން މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކުއްޖާގެ ބައްޕަ، އުމުރުން 22 އަހަރުގެ ޝެކެއައްޕަ ފުލުހުންނަށް ފުރަތަމަ ރިޕޯޓުކުރީ، އޭނާގެ އަންހެނުން ވިޖަޔަލަކްޝްމީ ގާތުންދޭން އޮއްވައި ނިދިގެން، އެނދުމަތިން ކުއްޖާ ވެއްޓި މަރުވީ ކަމަށެވެ. ކުއްޖާ ވެއްޓުމާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭރުވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން ފުލުހުން ފުރަތަމަ މި މައްސަލަ ތަހުގީގުކުރަން ފެށީ ގުދުރަތީ މަރެއް ނޫން ކަމަށް ބަލައިގެންނެވެ.

ނަމަވެސް، ޖޫން 22 ގައި ލިބުނު ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުގައި، ކުއްޖާގެ މޫނާއި، މޭމައްޗާއި، ފައިގެ އިތުރުން ހަށިގަނޑުގެ އެތެރެއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަކީ ދެ ފޫޓު އުސްމިނުގެ އެނދަކުން ވެއްޓިގެން ލިބޭނެ ފަދަ އަނިޔާތަކެއް ނޫނެވެ. ކުއްޖާ މަރުވެފައިވަނީ އެތެރެހައްޓަށް ލޭއެޅި، ނޭވާލާ ނިޒާމު ފޭލިވެގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި، މި ހާދިސާ ހިނގީ މެންދުރުގެ ކެއުމާ ގުޅޭގޮތުން ދެމަފިރިންގެ މެދުގައި ހިނގި ހޫނު ޒުވާބެއްގެ ތެރެއިންނެވެ. ޒުވާބުގެ ތެރޭގައި ކުއްޖާ ރޯން ފެށުމުން މަންމަ ކުއްޖާގެ ގައިގައި ކޮޅުފައިން ޖެހި ކަމަށާއި، އެއަށްފަހު ރުޅިއައިސްފައި ހުރި ބައްޕަ ކުއްޖާ ނަގައި ބާރަށް ބިންމައްޗަށް ޖެހީ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، ވިޖަޔަލަކްޝްމީ އެހެން މީހަކާ ހިތާވެގެން އުޅޭ ކަމުގެ ތުހުމަތުގައި އެ ދެމަފިރިންގެ މެދުގައި އަބަދުވެސް މައްސަލަ ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ކުއްޖާގެ ބައްޕަ ޝެކެއައްޕަ މިހާރު ހައްޔަރުކޮށްފައިވާއިރު، މަންމަ ވިޖަޔަލަކްޝްމީ ވަނީ ފިލައިފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.