ދައްޔާނަށް ދިން އަވަސް ނަޒަރަށް ފަހުގައި ރައިހާންގެ ސަމާލުކަން ހުއްޓުނީ ޓީވީ ސްކްރީނަށެވެ. އެމަންޒަރު ފެނި ދަންޔާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދަތްކުނޑވިކާލަމުން ކުރިމަތީ ހުރި މޭޒުގައި ކޮޅުފައިން ޖަފައިފިއެވެ. އެވަގުތު މޭޒަށް އެރި ލޮޅުމާއެކު، މޭޒު މަތީ ހުރި ބިޔަރު ފުޅިތައް ވެއްޓިއްޖެއެވެ. ލޯހުޅުވަން އުނދަގޫވެފައި އިން ޖައިލަމަށް ހޭވެރިކަން ވީ އެއަޑުފަށްގަނޑަށެވެ. ސިހިފައި ތަންމިނަށް ލޯބޮޑުކޮށްލަމުން ވަށައިގެން ހޯދާލިއެވެ.
''ކައޭ އައީ ކޮން އިރަކު؟...'' ދައްޔާން ފެނުމާއެކު ޖައިލަމަށް އަހާލެވުނެވެ. ދެން އޭނަ ބަލައިލީ ޓީވީ ސްކްރީނަށެވެ. އަތުގައި އޮތް ޕީއެސް އަތްގަނޑު ސޯފާ މައްޗަށް އެއްލާލީ ފޫހިކަމާއެކުގައެވެ.
''ކަލޭ ހަމަހޭގަ ހުރިނަމަ އެނގޭނެ އައި އިރެއް...'' ދައްޔާންގެ އަޑު ބާރެވެ. ޒަރާރް ދެކެ އައިސްފައި ހުރި ރުޅީގެ އަމާޒު ފައްޗަކަށް ހަދާލެވުނީ އޭނަގެ ރައްޓެހިންނެވެ. ކޮންމެވެސް ހާލެއްގައި ރުޅިވެރިކަމުގެ ހޫނު ބޭރުކުރަން އެބަޖެހެއެވެ. އެހެންނޫންނަމަ ނަފުސުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެއެވެ.
''އޭތް!، މަށާ ނުބެހި ހުރޭ، ކައޭ ތީ މާ ރަނގަޅަށް އުޅޭ މީހަކީތަ؟...'' މަސްތުގެ ދުނިޔެއަށް ގެއްލިފައި ހުރި ޖައިލަމަށް ދައްޔާންގެ ވާހަކަދެއްކުމުގެ ރާގު ކަމަކު ނުދިޔައެވެ. އެއާއެކު އެއްޗެއް ނުބުނެ ހުންނަން އުނދަގޫ ވެއްޖެއެވެ.
''ހަމަޖެހިބަލަ!، ތަންތާ ހުންނަ އެއްޗިއްސަށް ގެއްލުން ނުދީ ވާހަކަދެއްކިދާނެދޯ...'' ފުންނޭވާއެއް ދޫކޮށްލަމުން ރައިހާން ބުނެލިއެވެ. ވަކިވަކިން ޖައިލަމާއި ދައްޔާނަށް ބަލަމުން ރައިހާން މަސައްކަތްކުރީ ސުލްހަ ގާއިމު ކުރާށެވެ. ދައްޔާނާއި ކުރިމަތިލާންވެގެން ތެދުވަން އުޅުނު ޖައިލަމްގެ މޭގައި ރީހާން އަތްތިލަ ވިއްދާލިއެވެ. އެއަށްފަހު އަތުގައި ހުރި ބާރެއް ލާފައި ފަހަތަށް ކޮއްޕާލިއެވެ.
''މަޑުން ހުރޭ!...'' ރައިހާންގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.
''އަހަރެން...'' ދުލުގައި ވަރެއް ނެތުމުން ޖައިލަމަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ސޯފާގައި ޖެހުނު ގޮތަށް އޭނަ ދެމިއްޖެއެވެ.
''އަން!، މި ބޭނުންކޮށްބަލަ...'' އިންޒާރުގެ ނަޒަރަކުން ޖައިލަމަށް ބަލަމުން ރައިހާން ބުނެލިއެވެ. މަސްތުގެ ހާލުގައި ހުރެއްޖެނަމަ ޖައިލަމްގެ ދުލުގައި އެއްވެސް މީހަކަށް ނުހިފެހެއްޓޭނެކަން ރައިހާނަށް އެނގެއެވެ. ކޮންމެ ފަދަ އެއްޗެކޭ ވެސް ބުނެފާނެއެވެ. އެއީ ދައްޔާންގެ ރުޅިގަނޑަށް ޕެޓްރޯލް އެޅުން ކަހަލަ ކަމަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން ޖައިލަމުގެ އަނގަ ބަންދުކުރަން ރައިހާނަށް ފެނުނު އެންމެ ފަސޭހަ މަގު އޭނަ ހިޔާރުކުރިއެވެ.
ޖީބުން ނަގާފައި ޖައިލަމާއި ދިމާއަށް އެއްލާލީ ކުޑަ ރަބަރު ޕެކެޓެއްގައި ހުރި އެއްޗެކެވެ. ސޯފާ މައްޗަށް ދެމިފައި އޮތް ޖައިލަމަށް އެޕެކެޓު ފެނުމާއެކު މުޅިން އައު ދިރުމެއް ލިބުނު ކަހަލައެވެ. ތެޅިގަންނަމުން ބިންމައްޗަށް ވެއްޓިގަނެގެން، ބިންމަތީ ހަތަރެސްފައި ޖަހައިގެން، ކުރިމަތީ ހުރި މޭޒާއި ހަމައަށް ދިޔަ އެވެ. ޕެކެޓުގައި ހުރި ހުދު ޕައުޑަރުން ހިމަ ދިގު ރޮނގެއް މޭޒު މަތީ އަޅާލަމުން ނޭފަތް ކައިރިކޮށްލިއެވެ. އެމަންޒަރު ބަލަމުން ދިޔަ ދައްޔާންގެ މޫނުން ފެންނަނީ ބަނަކަމެވެ.
''އޭތް!...'' ދައްޔާންގެ ލޯކުރިމަތިން އަތް ހޫރާލަމުން ރައިހާން ގޮވާލިއެވެ. އޭނަ ހުރީ ދައްޔާނާއި ދިމާއަށް އެނބުރިގެންނެވެ.
''ވެގެން އުޅޭ ގޮތެއް ކިޔާ...'' ރައިހާން ބުނެލިއެވެ.
''އަހަރެންގެ ދޮންބެއޭ ކިޔާފަ އުޅޭ ބީތާގެ ބަލާވެރިކަން ބޮޑުވެގެން މިއުޅެނީ...'' ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ދައްޔާން ބުނެލިއެވެ. އޭނަގެ ބަސްމަގު ވަރަށް ހުތުރެވެ. މެންދުރު ކެއުމުގެ ތެރެއިން ފެނުނު މަންޒަރުތައް އަނެއްކާ ވެސް ސިފަކޮށްލެވުނެވެ. ތަނާލްއާއި ހީހީފައި ވާހަކަދައްކަމުން ދިޔަ ޒަރާރް އެވެ. ޒަރާރްގެ ސަމާސާތަކުން ތަނާލްގެ ތުންފަތަށް ވެރިވާ ހިނިތުންވުންތަކެވެ. އެކަމުން ބުނެދޭ ސިއްރުތަކެވެ.
''މިހާރު އޭނަ ކީއްކުރީ؟...'' ރައިހާނަށް ފަހުމެއް ނުވިއެވެ. ''ނިކަން ސާފުކޮށް ކިޔައިދީބަލަ، އެހެންނޫނީ އެހީވާނެ ގޮތެއް ނޭނގޭނެ...''
''އޭނަ އުޅެނީ އަހަރެންގެ ތަނޫއާ އަޅައިގަނެގެން...'' އަޑު ހަރުކޮށް ދައްޔާން ބުންޏެވެ. ސިކުނޑީގައި އުފެދައިފަވާ ހައިޖާނުގެ އުދާސްގަނޑު ބޭރުކޮށްލަމުންނެވެ.
''އަހަންނަށް ކަމުދާ ކުއްޖަކު ނޫނީ އޭނައަށް ނުފެނުނީތަ؟... ހިތަށް އަރާ...'' ޖުމްލަ ފުރިހަމަކުރުމުގެ ބަދަލުގައި ދައްޔާން ދޫކޮށްލީ ދިގު ނޭވާއެކެވެ.
''ހިތަށް އަރަނީ؟...'' ރައިހާން އެއްބުމަ އަރުވާލިއެވެ.
ރައިހާންއަށް ބަލަމުން ދައްޔާން ސޯފާއިން ތެދުވިއެވެ. ނިއްކުރީގައި ބޮޑުވާއިނގިލި ހިންގާލަމުން ދެކޮޅަށް ހިނގަން ފެށިއެވެ. ދުލުކުރީ އޮތީ ޒަރާރްއަށް ގެއްލުން ދިނުމުގެ ޚިޔާލެވެ.
''ތިހާ އަވަހަށް އަމާންކަން ދޭނީތަ؟، ބަލަ ތީ ކުރީގެ ދާންއެއް ނޫންތަ؟، އެންމެ ކާމިޔާބު މީހާއެއް ނޫންތަ؟...'' ރައިހާން ބުނެލިއެވެ.
''މަ ރުޅިއަރުވަން ނޫޅެއެއްޗޭ...'' ޝަހާދަތް އިނގިލި ދިއްކޮށްލަމުން ދައްޔާން އިއްވާލިއެވެ.
''ރުޅިއަރުވާކަށް ނޫޅެން، ޚިޔާލެއް މިދެނީ، ތިހާ ފަސޭހައިން ގިވްއަޕްކޮށްގެން އަންހެންކުދިންނެއް ނުލިބޭނެ، ޔޫ ހޭވް ޓު ބީ އޮން ޓޮޕް އޮފް ޔޯރ ގޭމް...'' ރައިހާން ބުނެލިއެވެ. ''ލޯބިން ޓްރައިކޮށްގެން ނުލިބިއްޖެއްޔާމު ކުރެވޭނެ އިތުރު ކަންތައް ވެސް ހުންނާނެ...''
''ތިބުނީ؟...'' ރައިހާންގެ ޖުމްލައާއެކު ދައްޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނަގެ ނަޒަރު ރައިހާންގެ މޫނަށް ހުއްޓުނެވެ. އެވަގުތު ދައްޔާން އިޝާރާތްކޮށްލީ އޭނަ ގާތު އިށީނުމަށެވެ. ނިކަން އަވަހަށް ދައްޔާން ގޮސް ސޯފާގައި އިށީނެވެ. އެއަށްފަހު ވާހަކަ ކުރިއަށް ގެންދިއުމަށް ރައިހާނަށް އިޝާރާތްކޮށްލިއެވެ.
''އިންޓިމިޑޭޝަން އެންޑް ސްޓޯލްކިންގް މައި ބްރޯ...'' ދައްޔާންގެ ކޮނޑުގައި ޖަހާލަމުން ރައިހާން ހިނިތުންވެލިއެވެ. ''ބިރު ދައްކާލާ އިރަށް ހުންނާނީ ސެޓް ވެފަ... ވިމެން ބްރޯ... ދެއި އާރ އީޒީ ޓު މެނިޕިއުލޭޓް...''
''ހޫމްމްމް، ނޮޓް އެ ބޭޑް އައިޑިޔާރ...'' ދަތްދޮޅީގައި އަތްތިލަ ހިންގާލަމުން ދައްޔާން ވިސްނާލިއެވެ.
''އެވަރު ކުޑަ ކަމަކާއޭ ރުޅިއައިސްގެން ތިއުޅެނީ...'' ރައިހާން ބުންޏެވެ.
'ވަޓް އެބައުޓް ދެޓް ޕްރިކް؟...'' ދައްޔާނަށް އަހާލެވުނެވެ.
''އަހަރެން ކުރިން ބުނި ގޮތަށް އޭނަ ގެއްލުވާލެވިދާނެ... ދާން ޖެހޭނީ ރިކުއެސްޓްކޮށްލަން...'' ރައިހާންގެ ލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. އިނބުލީހަށް ވެ ހުރެ އޭނަ ދައްޔާނަށް ދިނީ މުޅިން ގޯސް ނަސޭހަތެވެ. އެއްބަފާ ކަމުގެ ގުޅުން ކަނޑާލައި، އަމިއްލަ ބޭބެގެ ފުރާނައަށް ނުރައްކާވާނެހެން މޮޅެތި ޚިޔާލުތައް ދިނެވެ. ޢާއިލީ އެއްވެސް ގުޅުމަކަށް ރައިހާން ޤަދަރު ކުރާ ހެނެއް ހިޔެއް ނުވެއެވެ. އޭނަ އުޅެ ބޮޑުވީ އެފަދަ މާހައުލެއްގައެއް ވެސް ނޫނެވެ. އެހެންކަމުން ޢާއިލީ ގުޅުމުގެ މާތްކަމާއި، އެއްބައިވަންތަކަމާއި، ކުލުނުގެ ޒައްރެއްގެ މިންވަރު ވެސް އޭނަގެ ހިތުގައި ނުވެއެވެ.
''އެހެންވެއްޖެއްޔާ ފެމިލީ މީހުން ސުވާލު އުފައްދާނެ...'' ދައްޔާންއަށް ވާނެނަމަ ރައިހާންގެ ރޭވުމާ އެއްގޮތަށް އަމލުކުރީހެވެ. ނަމަވެސް އެކަމުން ނިކުމެދާނެ ނަތީޖާއަކަށް ސަމާލުވާން އެބަޖެހެއެވެ. ކުއްލިޔަކަށް ޒަރާރް ގެއްލިއްޖެނަމަ ސުވާލު އުފެދޭނެއެވެ. ތަހުގީގެއް ވެސް ކުރިއަށް ދާނެއެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވޭ ހިސާބުން ވެދާނެ ގޮތެއް ވިސްނާލިޔަސް، މެޔަށް ފިނިވެގެން ދެއެވެ.
''ވަޓްސް ލައިފް ވިތައުޓް އަ ލިޓްލް ރިސްކް؟...'' ހެމުންހެމުން ރައިހާން ބުނެލިއެވެ.
''ވިސްނާނަން...'' ދައްޔާން ބުނެލިއެވެ.
''ދެން ހިނގާބަލަ އަހަންނާއެކު ގަނޑެއް ޖަހަން...'' ރައިހާންގެ ޝައުޤުވެރިކަން ހުއްޓުނީ ގޭމަށެވެ. ޕީއެސްގެ އަތްގަނޑު ދައްޔާނަށް ދިއްކޮށްލަމުން ރައިހާން ބުންޏެވެ. ގޭމް ފެށުމުގެ ކުރިން ބިންމައްޗަށް ދެމިފައި އޮތް ޖައިލަމްގެ ހާލު ބެލިއެވެ. ނޭވާގެ ހިނގުމާއި، ހިތުގެ ވިންދުތައް ބަލަމުން، ބޯދަށަށް ބާލީހެއް ވެސް ލައްވާލިއެވެ.
''މިގޮލާ ހޭލާ އިރު އެއްވެސްކަމެއް ހަނދާނެއް ނުހުންނާނެ...'' ރައިހާން ބުނެލުމާއެކު ދައްޔާން ހިނިގަނޑެއް ޖަހާލިއެވެ.
ރައިހާނާއި ވާހަކަދައްކާލެވުމުން ދައްޔާން ހުރީ ހަމައަކަށް އެޅިފައެވެ. ކުރިއަށް ދާން ވީ މަގު ސާފުވެފައިވުމުންނެވެ. ތަނާލް އޭނަގެ މިލްކަކަށް ނުހެދެނީސް އޭނަ ހުއްޓާނުލާނެއެވެ. ތަނާލް ހާސިލް ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. އެއާއެކު މަކަރުވެރި ހިނިތުންވުމެއް ދައްޔާންގެ ތުންފަތުގައި ދުވެލިއެވެ. ޒަރާރްގެ އުނދަގޫ ބޮޑުވެއްޖެނަމަ އެކަމުން ސަލާމަތްވާން ރައިހާންގެ އެހީތެރިކަން ހޯދަން ވެސް ނިންމިއެވެ. ހުރިހާ ގޮތަކުން ބެލިޔަސް، ކާމިޔާބު ލިބެން އޮތީ އޭނަ އަށެވެ.
*****
ހަވީރެވެ. އޮފީސް ނިންމާލުމަށްފަހު ތަނާލްއާއެކު ޒަރާރް ދިޔައީ ދުއްވާލާށެވެ. އިރުއޮއްސުމާ ގާތަށް ދިއުމުން ބީޗް ކައިރިއަށް ކާރު މަޑުކޮށްލަމުން ޤުދުރަތުގެ ފުރިހަމަ މަންޒަރު ބަލަން މަޑުކޮށްލިއެވެ. ކަނޑުގެ ސަތަހައާއި ނިވާވަމުންދާ އިރުގެ ކުލަތަކުން ޖައްވު އޮތީ ހުޅުދާންކޮށްލާފައެވެ. ގަދަ އޮރެންޖާއި ރަތްކުލައިން އާޝޯހުކުރުވަނިވި ރީތި މަންޒަރެއް ކުރަހާލާފައި އޮތެވެ. ކަނޑުގެ ސަތަހައިގެ މަތިން ދަޅަނަގަމުންދާ ދޯދިތަކަށް ބަލަހައްޓައިގެން ތަނާލް އިނީ ގޮނޑުދޮށް ކައިރީގައި ހުރި ބެންޗެއްގައެވެ. އޭރު ޒަރާރް ވީ ކައިރީގައި ހުރި ރެސްޓޯރެންޓަކުން ބުއިމެއް ބަލައި ގޮހެވެ.
''ވަން ފޯރ ޔޫ އެންޑް ވަން ފޯރ މީ...'' ތަނާލްއަށް ޒަރާރް ދިއްކޮށްލީ ކާރޑަމަމް ޓީ އެކެވެ. ލުއި ހިނިތުންވުމަކާއެކު އޭގައި ތަނާލް ހިފިއެވެ.
ޒަރާރް އިށީންނަން ބެންޗުން ތަނާލް ޖާގައެއް ހުސްކޮށްލިއެވެ. ފިނި ރޯޅިތަކާއި، ފަނޑުވަމުންދާ އިރުގެ ދޯދިތަކުގެ ތެރޭން ބުއިމަށް އިންސާފު ކުރެވުނެވެ.
''ކޭން އައި ޓެލް ޔޫ ސަމްތިންގް؟...'' އަތުގައި އޮތް ޓޭކްއަވައޭ ކަޕަށް ބަލަން އިނދެފައި ޒަރާރް ބުނެލިއެވެ.
''މިހާރު ހުއްދަ ހޯދަން ފެށީތަ؟...'' ސަމާސާ ރާގަކަށް ތަނާލް ބުނެލިއެވެ. އެވަގުތު ޒަރާރް ދިން ސީރިޔަސް ނަޒަރާއެކު ތަނާލްގެ ހިނިތުންވުން ފަނޑުވެލިއެވެ. މެޔަށް ވެސް ފިނިވެލިއެވެ. ޒަރާރްގެ މޫނުން އެފެނުނު ބަދަލު ދޭހަކުރަން ތަނާލްގެ ސިކުނޑި ނުކުޅެދުނު ހިނދު ހިތަށް ނުބައި ގޮތެއް ވާން ފެށިއެވެ.
''ކިހިނެއްވީ، ހާދަ ވަރަށް ހާސްވީ؟...'' ތަނާލްއަށް އައި ބަދަލު ފެނުމާއެކު ޒަރާރްއަށް އަހާލެވުނެވެ.
''ނޭނގޭ، ޒަރާރް ގޮވާލި ގޮތުން ހިތް ބިރުގަތީ...'' ތަނާލްއަށް އިސްޖަހާލެވުނެވެ.
''ތަނޫ، ކޭން ޔޫ ޕްލީސް ލުކް އެޓް މީ...'' ޒަރާރް އެދުނެވެ. އަތުގައި އޮތް ޓޭކްއަވޭ ކަޕް ދޮންވެލި ގަނޑު މަތީ ބެހެއްޓިއެވެ. ތަނާލްގެ އަތުގައި އޮތް ޓޭކްއަވޭ ކަޕް ވެސް ހޯދަމުން އެވެސް ބެހެއްޓިއެވެ.
ޒަރާރްގެ އެދުމަށް ތަނާލް އިޖާބަދިނެވެ. އިސްއުފުލާލަމުން ޒަރާރްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޒަރާރްގެ ދެލޮލުން ތަނާލްއަށް ފެނުނީ އޯގާތެރިކަމެވެ. ހިތުގައި ވަކިހިއްޕާލާފައިވި ބިރުވެރިކަމާ ދުރުވާން ފަސޭހަ ވިއެވެ.
''ތަނޫ ދެރަވާ ކަހަލަ ކަމެއް އަހަރެންގެ ފަރާތުން ކުރިމައްޗެއް ނުވާނެޔޭ، ޑޫ ޔޫ ޓްރަސްޓް މީ؟...'' ތަނާލްގެ އަތުގައި ހިފަމުން ޒަރާރް ބުންޏެވެ.
''އިތުބާރުކުރަން، ނޭނގޭ ކިހިނެއްކަމެއްވީކީއެއް، ޒަރާރް ސީރިޔަސްވީމަ އަހަރެން ބިރުގަތީ، ޓު ބީ އޮނެސްޓް، އައި ފީލް ސްކެއާޑް، މިހުރިހާ އުފާވެރިކަމެއް ގެއްލިދާނެތީ ބިރުގަނޭ...'' ތަނާލް ބުންޏެވެ. އުފާވެރިކަމަށް އޭނަ ހަމްދުކުރެއެވެ. ނަމަވެސް ނުފެންނަ ބިރުވެރިކަމަކުން އޭނަގެ ހިތަށް ނުތަނަވަސްކުރުވައެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާ އުފަލެއް ބީވެގެން ހިނގައިދާނެތީއެވެ.
''މާޒީގައި ކަންތައް ވީ ގޮތުން އެފަދައިން ވިސްނުމަކީ ގޯހެއް ނޫނޭ، އެކަމަކު ތަނޫއަށް އަހަރެން ޔަޤީންކަން ދޭނަން، ﷲގެ އިރާދަފުޅާއެކު ތަނޫގެ ގާތުގައި އަހަރެން އަބަދު ހުރެދޭނަން... އަހަރެން މިވާ ލޯބިން ތަނޫގެ ހުރިހާ ހިތާމަތަކަށް ލުޔެއް ގެނެސްދޭނަން، މަރު...'' ޒަރާރްއަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިޔަކަށް ޒަރާރްގެ ތުންފަތުގައި ތަނާލްއަށް ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. އެއަށްފަހު މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ އެޖުމްލަ ފުރިހަމަ ނުކުރާށޭ ބުނާ ފަދައަކުންނެވެ. ތަނާލްގެ ދެލޮލުން ނީރާލި ކަރުނުން އެހިތުގެ ހާލު ޒަރާރްއަށް އިލްހާމަކޮށްދިނެވެ.
''ސޮރީ...'' ޒަރާރް މަޢާފަށް އެދުނެވެ. ތަނާލްގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން، ތަނާލްގެ އަތުގައި ޒަރާރް ހިފާލިއެވެ.
''ދެން އެކަހަލަ އެއްޗެއް ނުބުނައްޗޭ...'' ތަނާލްގެ އަޑުގައި ވަނީ އާދޭހެވެ. އެމައުޟޫޢުއަށް ވާހަކަދައްކަން އޭނަ ތައްޔާރެއް ނޫނެވެ.
''އޯކޭ، ތަނޫ ބޭނުންނުވާ ކަމަކަށް އަހަރެން މަޖުބޫރެއް ނުކުރާނަން...'' ޒަރާރް ބުންޏެވެ.
''ތަނޫ...'' ތަނާލްގެ ގާތަށް ޖެހިލަމުން ޒަރާރް ގޮވާލިއެވެ. ''ދުރުގަ އެތިބަ ކުދިންތައް އެބަ ބަލާ... ދެއި ލުކް ލައިކް ދެއި މައިޓް ކަމް އެންޑް ބީޓް މީ އަޕް...''
ޒަރާރްގެ ޖުމްލައާއެކު ތަނާލް ގާތަށް ހިނި އައެވެ. ފަސްއެނބުރި ތަނާލް ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ތިބި އަންހެންކުދިންތަކެއްގެ ސަމާލުކަން ހުއްޓިފައިވާތަން ތަނާލްއަށް ފެނުނެވެ. އެކުދިންނަށް ބަލަމުން ތަނާލް ހިނިތުންވެލިއެވެ. ހީކުރާ ފަދަ ކަމެއް ނުވޭ ބުނެދިން ކަހަލައެވެ.
''ވެލް ޔޫ މޭޑް މީ ކްރައި...'' ތަނާލް ޝަކުވާކޮށްލިއެވެ.
''އަހަރެން؟...'' މޭގައި އަތްޖައްސާލަމުން ޒަރާރް ބުންޏެވެ. އެމަންޒަރު ފެނި ތަނާލްއަށް ހެވުނެވެ.
''އެހެންބުނި އެއްޗެއް ނޫނޭ...... އޭރު ކީކޭތަ ބުނަން އުޅުނީ؟...'' ތަނާލް ބުންޏެވެ.
''ބުނަންވީތަ؟...'' ޒަރާރް އަހާލިއެވެ.
''ނުބުނަންޏާ އެކުދިންނަށް ގޮވާލާނަން...'' ތަނާލް ބުންޏެވެ.
''އަހަރެން ވަކި ދެރައެއް ނުވާނެ...'' ގަމީހުގެ އަތުކުރި ކުޑަކޮށް އޮޅާލަމުން ޒަރާރް ބުންޏެވެ.
''އޭރުން ޖެންޓްލްމޭންއަކަށް ނުވާނެ ދޯ...'' ފަނޑުނުވާ ހިނިތުންވުމަކާއެކު ތަނާލް ބުނެލިއެވެ.
''ތެދެއް ތިބުނީ... ބައިދަވޭއި، އައި ޓޯންޓް ޕްރޮމޯޓް ވައިލެންސް އޮފް އެނީ ކައިންޑް، ސްޕެޝަލީ ޓުވާޑް ވިމެން...'' ޒަރާރް ބުނެލިއެވެ.
''އޮފޯކޯޒް، ޔޫ އާރ މައި މިސްޓަރ ޖެންޓްލްމޭން...'' ޒަރާރްއަށް ތަނާލް ބަލައިލިއެވެ.
''ހޫމްމް، ޔޯސް؟...'' ލާނެއް ހިނިތުންވުމަކާއެކު ޒަރާރް ބުނެލިއެވެ.
''އާނ، ދެން ކާކު؟...'' ތަނާލް ނިތްއަރުވާލިއެވެ.
''ތެދެއް ތިބުނީ، އަހަރެން މީ ތަނޫގެ ހައްޤެއް، ބޭނުމީ އެގޮތުގައި ދާއިމަށް ހުންނަން، އެފުރުސަތު އަހަންނަށް ދޭނަންތަ؟...'' ޒަރާރް ސުވާލުކޮށްލިއެވެ. އޭނަގެ ދެލޯ އަމާޒުވީ ސީދާ ތަނާލްގެ ދެލޮލަށެވެ.
ތަނާލްގެ މެޔަށް އެނގުންވިއެވެ. ޒަރާރްގެ ޖުމްލައިގައި ފޮރުވުފައިވި މާނަ އޭނައަށް ފަހުމުކޮށްދިނީ ޒަރާރްގެ ދެލޮލުން ފެނުނު އަސަރުތަކުންނެވެ. އެއާއެކު ހިތުގެ ތެޅުން އިންތިހާއަށް އަވަސްވާން ފެށިއެވެ. ޒަރާރްއަށް އެހިތުގެ ތެޅުން އަޑު ނީވޭނެކަމާ މެދު ވެސް ޝައްކެވެ.
''ތަނޫ، އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް މެރީ ކުރަން، އިނގޭ މިހެން ބުނަން އަވަސްކަން، އެކަމަކު އަހަންނަށް ހީވަނީ ތަނޫގެ ރައްޓެއްސެއްގެ ގޮތުގައި ހުރެވުނު ދުވަސްތަކުގައި އަހަންނަށް ތަނޫ ދަސްވެއްޖެހެން، ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ބޭނުންވާ ސިފަތަކެއްގެ ވެރިޔަކީ ތަނޫ... ތަނޫ ބޭނުންވާ ފަދަ ބައިވެރިޔަކަށް ވާން އަހަރެން މަސައްކަތްކުރާނަން...'' ޖަޒުބާތުތައް ބަންޑުންކޮށްލަމުން ޒަރާރް ވާހަކަދެއްކިއެވެ. ތަނާލްގެ އަތްތިލައަށް ޒަރާރް ފިތާލިއެވެ.ތަނާލްގެ ޖަވާބެއްގެ އިންތިޒާރުގައި ޒަރާރް ހުރީ ކެތްތެރިކަމާއެކު މަޑުކޮށްގެންނެވެ.
''ޒަރާރް...'' ތަނާލްއަށް މަޑުމަޑުން ގޮވާލެވުނެވެ. ''އަހަރެން...''
އެފަދަ މައުޟޫޢުއަކަށް ތަނާލް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ. ހިމޭންވެފައި ހުރެވުނީ އެހެންވެގެންނެވެ. އެވަގުތު އަމިއްލަ ޒަމީރާއި އޭނައަށް ސުވާލުކޮށްލެވުނެވެ. ޒަވާޖީ ހަޔާތަކަށް އޭނަ ތައްޔާރު ހެއްޔެވެ؟
އުފެދުނު ސުވާލަށް ޖަވާބު ހޯދައިދިނީ އޭނަގެ ހިތެވެ. ހަޔާތުގެ ބައިވެރިޔެއްގެ ފަރާތުން ފެންނަން އެދޭ ހުރިހާ ސިފަތަކެއް ޒަރާރްގެ ފަރާތުން ފެނިއްޖެއެވެ. އެއްވެސް އުނި ސިފައެއް ޒަރާރްގެ ޝަހުސިއްޔަތުގައި ނެތެވެ. އޭނައަށް ލިބެންޖެހޭ ޤަދަރާއި އިއްޒަތް ޒަރާރްގެ އަންބެއްގެ މަޤާމުގައި ހުރެގެން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް އޮތެވެ. ފުރަތަމަ ކައިވެންޏަށް އައި ކުއްލި ނިމުމަށްފަހު އައު ފެށުމަކުން ފަށައިގަންނަން ތަޤުދީރުން އައު ފުރުސަތެއް ފަހިކޮށްދީފިއެވެ. އެފުރުސަތަށް ފަސްދީފިނަމަ ވެދާނެގޮތަކާ މެދު އޭނަ ބިރުގަނެއެވެ.
''އަހަރެން ބޭނުން...'' ފުންނޭވާއެއް ދޫކޮށްލަމުން ތަނާލް ބުންޏެވެ.
''ޔޫ ސްކޭއާޑް މީ ދެއާރ ފޯރ އެ މޯމެންޓް...'' ޒަރާރްއަށް އޭނަގެ މޭގައި އަތްޖައްސާލެވުނެވެ. ދެވަނަ ސިކުންތުގައި އޭނައަށް ހިނިތުންވެވުނެވެ. ތަނާލްގެ ޖަވާބުން އޭނަގެ ރޫހަށް ދިރުން ގެނެސްދީފިއެވެ.
''އޯލްމޯސްޓް ފޮގޮޓް...'' ފަޓުލޫނުގެ ޖީބުން ކުޑަ މަހުމާ ފޮށްޓެއް ނަގަމުން ޒަރާރް ބުނެލިއެވެ.
''ހާސްވެފަ ހުރި ވަރުން ކިރިޔާއެއްނު ރިންގް ދޭން ހަނދާން ނުނެތުނީ...... ތަނޫއަށް އެނގޭތަ؟، އަހަންނަކީ މިހާ ބޮޑަށް ހަސްވާ މީހެއް ވެސް ނޫން، އެކަމަކު ތަނޫގެ ޚިޔާލު ހުރެދާނެ ގޮތެއް ނޭނގޭތީ މުޅި މީހާ ހުރީ ހާސްވެފަ...'' ޒަރާރް ބުނެލިއެވެ.
''ދެން ހާސްވެގެން ނުވާނެ، ޒަރާރްގެ ކޮންމެ ޚިޔާލަކަށް އަހަރެންގެ އެއްބާރުލުން ލިބޭނެ...'' ތަނާލް ހިނިތުންވެލިއެވެ. އެއަށްފަހު ލޮލުން އިޝާރާތްކޮށްލީ ކުޑަ މަހުމާ ފޮށްޓަށެވެ. ޒަރާރްއަށް ހެވުނެވެ. އޭނަ ފޮށި ހުޅުވާލިއެވެ.
''ހުސް އަތާ ޕްރޮޕޯޒްކުރާކަށް ނުވާނެއެއްނު... ތަނޫ، އައިމް ޝުއާރ އެބައުޓް ދިސް، އެބައުޓް އަސް، ސޯ ވިލް ޔޫ މެރީ މީ؟...'' ޒަރާރް އަހާލިއެވެ. ތަނާލްގެ ތުންފަތް ދެމިލީ އުފާވެރިކަމުގެ ހިނިތުންވުމަކުންނެވެ. އޭނަ ޒަރާރްއަށް ބަލައިލީ ލޯތްބާއެކުގައެވެ. ދެޒުވާނުންގެ ދެލޮލުން ވެސް ރަމްޒުކޮށްދެނީ ލޯބީގެ އިންތިހާއެވެ.
ޒުމައްރަދާއި އަލިމަހުން ފަރުމާކުރެވިފައިވި ހުދުރަނުގެ އަނގޮޓި ތަނާލްގެ ކަށިއިނގިލީގައި އަޅުވާލަމުން ތަނާލްގެ އަތްތިލައަށް ޒަރާރް ބޮސްދިނެވެ. އެއަށްފަހު ތަނާލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
''ވަރަށް ބޮޑަށް ލޯބިވޭ...'' ހިތުގެ ހާލު ތަނާލްއަށް ޒަރާރް އަންގައިދިނެވެ.
''ވަރަށް އަންރޮމޭންޓިކް ގޮތަކަށް އިނގޭ ޕްރޮޕޯޒް ތިކުރީ...'' ތަނާލް ބޭނުންވީ ޒަރާރްއާއި ދިމާކޮށްލާށެވެ.
''އަދި ރޮމޭންސް އޮތީ އިނގޭ، ކައިވެންޏަށް ފަހު ރޮމޭންޓިކް ވަރު ބުނެދޭނަން...'' ބުމަ އަރުވަމުން ޒަރާރް ބުންޏެވެ.
''ފެމިލީއާ ވާހަކަދައްކައިގެން ކައިވެނީގެ ކަންތައް އަވަސްކުރަމާ...'' ޒަރާރް ޚިޔާލެއްދިނެވެ.
ޒަރާރް އަޅުވާލަދިން އަނގޮޓީގައި ލޯތްބާއެކު ތަނާލް ފިރުމާލިއެވެ. ޒަރާރްގެ ވާހަކައާއި ތަނާލް އެއްބަސް ވިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް