އޮމާންގެ ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު (އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ - އައިއާރުއައިބީ) އިން ރިޕޯޓުކޮށްފިއެވެ.

ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އައިއާރުއައިބީއިން ބުނި ގޮތުގައި، މި ޓޭންކަރަށް ހަމަލާދީފައިވަނީ އީރާނުގެ އިންޒާރުތަކަށް ބޯނުލަނބައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު އޮމާންގެ މަގުން ދަތުރުކުރަން އުޅުމުން ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން އީރާނުގެ ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ 'އެކްސިއޯސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ރޭ އީރާނުގެ އަސްކަރިއްޔާއިން ވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ބޯޓުތަކަކަށް އަމާޒުކޮށް މަދުވެގެން ދެ މިސައިލް ފޮނުވާލައިފައެވެ. އަދި އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފައިވަނީ، އޮމާންގެ ލީމާގެ އިރުން 8 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ޓޭންކަރަކަށް ނޭނގޭ އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ ބޯޓުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި ބޯޓަކީ ގަތަރުގެ އެލްއެންޖީ އުފުލާ ޓޭންކަރެއް ކަމަށްވާ 'އައްރެކައްޔާތު' އެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު މަގަކަށްވާއިރު، އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދަކުންވެސް އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ދަތުރުކުރުމަށް މީގެ ކުރިން އަންގާފައެވެ. ޔޫކޭއެމްޓީއޯއިން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.