އިންޑިއާގެ ޕޫނޭގައި ވިޔަފާރިވެރިޔާ ކޭތަން އަގަރްވާލް މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ސިޔާ ގޯޔަލް އާއި އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީ، ހާދިސާގެ ހަތަރު މަސް ކުރިން ސިއްރުން ކައިވެނިކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.
އުމުރުން 25 އަހަރުގެ ކޭތަން މަރުވެފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ޕޫނޭގެ ލޯހަގަޅު ފޯޓް މަތިން ވައްޓާލުމުގެ ސަބަބުންނެވެ. ފުރަތަމަ މި ހާދިސާއަކީ ފަރުބަދަމަތިން ކައްސާލައިގެން ވެއްޓި ހިނގި ހާދިސާއެއް ކަމަށް ސިޔާ ބުނި ނަމަވެސް، ފުލުހުންގެ ތަހުގީގުން ވަނީ މިއީ ގަސްތުގައި ރާވައިގެން ހިންގާފައިވާ ކުށެއްކަން ހާމަވެފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ އުމުރުން 20 އަހަރުގެ ސިޔާ އާއި އޭނާގެ ލޯބިވެރިޔާ، އުމުރުން 22 އަހަރުގެ ޗޭތަން ގުޅިގެން ކޭތަން މަރައިލީ ކަމަށެވެ.
ޕޫނޭ ރޫރަލް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން ސިއްރުން ކައިވެނިކޮށްފައިވާކަން ހާމަވީ އެ މީހުންގެ ފޯނުން ފެނުނު ވަޓްސްއެޕް މެސެޖުތަކާއި ޑިލީޓްކޮށްފައިވާ އިންސްޓަގްރާމް ފޮޓޯތަކަކުންނެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ކައިވެނި ގާނޫނީ ގޮތުން ރަޖިސްޓަރީކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކޭތަން މަރައިލުމުގެ ރޭވުން ރާވާފައިވަނީ މި ސިއްރު ކައިވެންޏަށް ފަހުގައެވެ. ސިޔާ އާއި ކޭތަންގެ އެންގޭޖްމަންޓް ފެބުރުއަރީ މަހު ބާއްވާފައިވީ ނަމަވެސް، ސިޔާ ބޭނުންވީ ޗޭތަންއާއެކު އުޅުމަށެވެ. އަދި އާއިލާއަށް މިކަން ސިއްރުކުރުމުގެ ގޮތުން ކޭތަން މަރައިލީ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މީގެ އިތުރުން، ޖޫން 14 ވަނަ ދުވަހު ވެސް ކޭތަން މަރައިލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އަދި އެކަން ކުރުމުގެ ކުރިން އެހެން ސަރަހައްދެއްގައި އެކަމުގެ ފަރިތަކުރުންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސިޔާ އާއި ޗޭތަން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ފުލުހުން ދަނީ މި މައްސަލައިގެ އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް