ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާ ހޮވަން ބާއްވާ ހާއްސަ އިވެންޓް މި ހުކުރު ދުވަހު އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބުނީ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ އިވެންޓް އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށެވެ. މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން، މި ހާއްސަ އިވެންޓްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދުކޮށްލުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދިނުމަށް ކަނޑައަޅައިފައިވާ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނޭ މި ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓެކެވެ.

ދިރާގުން ދޭ ދެވަނަ ލޯންޗު ލިބޭނީ މިދިޔަ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ.

މީގެ ތެރޭގައި ހިމެނެނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނެވެ.

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީ ކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އިނާމް ހާސިލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.