ސެމްސަންގުން މި މަހުގެ ތެރޭގައި ނެރެން ތައްޔާރުވަމުން އަންނަ “ގެލެކްސީ ޒީ ފޯލްޑް 8” ގެ ސްކްރީނުގައި ހުންނަ ރޫ ކުޑަކުރުމަށް އާ ޓެކްނޮލޮޖީއެއް ބޭނުންކުރާނެ ކަމަށް ސަޕްލައި ޗެއިން އެނަލިސްޓުން ބުނެފިއެވެ.

މަޝްހޫރު އެނަލިސްޓް މިންގް-ޗީ ކުއޯ ބުނި ގޮތުގައި، ސެމްސަންގުގެ އާ ފަތްޖެހޭ ފޯނުގެ ސްކްރީނުގެ ދަށުގައި ލޭޒަރުން ތޮރުފާފައިވާ ދަގަނޑު ޕްލޭޓެއް ބޭނުންކުރާނެއެވެ. މީގެ ސަބަބުން ފޯނު ފަތްޖަހާއިރު ސްކްރީނަށް ކުރާ ބާރު ކުޑަވެ، ދާއިމީ ރުލެއް އުފެދުން ހުއްޓުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީ ލީކުކުރާ ފަރާތެއް ކަމަށްވާ “އައިސް ޔުނިވާސް” ބުނި ގޮތުގައި، މި ފޯނުގެ ހިންޖް ވަނީ މުޅިން އަލަށް ފަރުމާކޮށްފައެވެ. އަދި މީގެ ސަބަބުން ސްކްރީނުގެ ރޫ ހުންނަ މިންވަރު، ވާދަވެރި އޮޕޯ ފައިންޑް އެން6 އާ އެއްވަރަށް ކުޑަވާނެ ކަމަށް އޭނާ ބުންޏެވެ.

ފޯލްޑަބަލް ފޯނުތަކުގެ ސްކްރީނުގައި ހުންނަ ރުލަކީ ގިނަ ބަޔަކު މިފަދަ ފޯނުތައް ގަންނަން ފަސްޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރެވިއްޖެނަމަ، އާންމުންގެ މެދުގައި ފަތްޖެހޭ ފޯނުތަކަށް އޮންނަ ތަރުހީބު ބޮޑުވެ، ކުރިއަށް އޮތް ތަނުގައި އެޕަލްއިން ނެރެން މަސައްކަތްކުރާ ފަތްޖެހޭ އައިފޯނާ ވާދަކުރުމަށް ސެމްސަންގަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، ސިނާއަތުގެ ތަޖުރިބާކާރުން ވަނީ މި ބަދަލުތައް އުފެއްދުމުގެ މަރުހަލާގައި ހުރި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މީގެ ކުރިންވެސް ފޯލްޑަބަލް ސްކްރީންތަކުގެ މައްސަލަތައް ހައްލުކުރުމަށް ކުންފުނިތަކުން މަސައްކަތްކުރި ނަމަވެސް، ގިނަ ފަހަރަށް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އެންޑްރޮއިޑް އޮތޯރިޓީ ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާ ހިންޖް ޑިޒައިންގެ ސަބަބުން ފޯނު ހުޅުވައި ލެއްޕުމަށް ކުރަންޖެހޭ ބާރު ބޮޑުވާނެއެވެ. މީގެ ސަބަބުން، ވަކި އޭންގަލްތަކެއްގައި ފޯނު ހުޅުވާފައި ބެހެއްޓުމަށް ބޭނުންކުރާ ފްލެކްސް މޯޑަށް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސެމްސަންގުން މި ފޯނު ރަސްމީކޮށް ދައްކާނީ މި މަހުގެ ފަހުކޮޅު ބާއްވާ “ގެލެކްސީ އަންޕެކްޑް” އިވެންޓުގައެވެ.