ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މާސްޓާކާޑު ގުޅިގެން، ކަސްޓަމަރުންނަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ 100,000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އޮގަސްޓް 31 ގެ ނިޔަލަށް ކަމަށެވެ. ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓާކާޑު ޑެބިޓް ކާޑަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ކަމަށެވެ.

ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިވުމަށްޓަކައި، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް މާސްޓާކާޑުން މަދުވެގެން 200 ރުފިޔާގެ ވިޔަފާރިއެއް ކުރަންޖެހޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ކަސްޓަމަރުން ކުރާ ވިޔަފާރީގެ އަދަދު އިތުރުވީވަރަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން ކޮންމެ ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ. މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ޕްރޮމޯޝަން ނިމުމުން، ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް ކޮންމެ މީހަކަށް 10,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ބީއެމްއެލުން ބުންޏެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްދޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

މާސްޓާކާޑު ޑެބިޓް ކާޑަކީ ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް ރައްކާތެރި އަދި ފަސޭހަ ކާޑެއްކަމަށް ބީއެމްއެލުން ބުންޏެވެ. މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެއްގެ ގޮތުގައި އޮތް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ޒަމާނީ ޕޭމަންޓް ހައްލުތަކާއި، މިފަދަ ތަފާތު އިނާމުތައް ލިބޭނެ ފުރުސަތުތައް ފޯރުކޮށްދެމުންކަމަށް ބީއެމްއެލުން ބުންޏެވެ.