މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، އިމިގްރޭޝަނުން ރޭ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 27 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ހާއްސަ އޮޕަރޭޝަންތަކެއް ފަށައި، ރެސްޓޯރެންޓްތަކާއި ކެފޭ އަދި ވިޔަފާރި ހިންގާ ތަންތަން އަންނަނީ ބަލައި ފާސްކުރަމުންނެވެ.

އަދި އެފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.