ވަން ގަވް އަށް މިނިސްޓްރީގެ ހިދުމަތްތައް ބަދަލުވުމުން، މިނިސްޓްރީން ހިަދުމަތް ހޯދަން ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލައިގެންގޮސް ދާއިމީ ހައްލެއް ލިބިދާނެ ކަމަށް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، އޮންލައިންކޮށް ހިދުމަތްތައް ދިނުމުގެ ބޭނުމަކީ ކޮންމެތާކު ހުރެގެން، ކޮންމެ ވަގުތަކުވެސް ހިދުމަތް ހޯދަން ފަސޭހަކޮށްދިނުން ނަމަވެސް، ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ޕޯޓަލްއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް ނުލިބޭ ކަމަށެވެ.

އެ މައްސަލަ ދިމާވަނީ ކީއްވެގެންތޯ، އާއި މައްސަލަ ހައްލުވާނެ ދުވަހަކީ ކޮބައިތޯ، މެންބަރު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ ދަތުރުފަރުގެ ހިދުމަަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު، 24 ގަޑިއިރު، ޕޯޓަލް މެދުވެރިކޮށް އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

"ނަމަވެސް މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް "ވަންގަވް" މެދުވެރިކޮށް ވުޒާރާއިން މިހާރު ކުރަމުންދާ ވާހަަކަ ދަންނަވަން، އަދި "ވަންގަވް" އަށް ޓްރާސްޕޯޓްގެ ހިދުމަތްތައް ބަދަލުވުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލައިގެންގޮސް ދާއިމީ ހައްލެއް ލިބިގެންދާނެ،" ސައީދު ވިދާޅުވިއެވެ.