ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް “ހޭރާ ފޭރީ 3” އުފެއްދުމާއި ވިޔަފާރީގެ ގޮތުން ބޭނުންކުރުމުގެ މުޅި ދުނިޔޭގެ އެކްސްކްލޫސިވް ހައްގުތައް އޮތީ ހަމައެކަނި އެ ކުންފުންޏަށް ކަމަށް ބުނެ، އަކްޝޭ ކުމާރުގެ ޕްރޮޑަކްޝަން ހައުސް، ކޭޕް އޮފް ގުޑް ފިލްމްސް އެލްއެލްޕީން އާންމު ނޯޓިހެއް ނެރެފިއެވެ.
އިއްޔެ ނެރުނު ޓްރޭޑް މެގަޒިން “ކޮމްޕްލީޓް ސިނަމާ ގައި ޝާއިއުކޮށްފައިވާ މި ނޯޓިހުގައި ބުނެފައިވަނީ، ފިލްމު އުފެއްދުމާއި، ޑިސްޓްރިބިއުޓްކުރުމާއި، މާކެޓްކުރުމުގެ އިތުރުން އެހެނިހެން ވިޔަފާރީގެ ބޭނުންތަކަށް ފިލްމު ބޭނުންކުރުމުގެ ހުރިހާ ހައްގެއް އޮތީ އެ ކުންފުންޏަށް ކަމަށެވެ. އަދި ކޭޕް އޮފް ގުޑް ފިލްމްސްގެ ލިޔުމަކުން ދޭ ހުއްދައަކާ ނުލައި، ފިލްމުގެ ހައްގުތައް އޮތް ކަމަށް ދައުވާކުރާ އެހެން އެއްވެސް ފަރާތަކާއެކު މުއާމަލާތް ނުކުރުމަށް، ފިލްމު ޑިސްޓްރިބިއުޓަރުންނާއި، ސިނަމާތަކާއި، އޯޓީޓީ ޕްލެޓްފޯމްތަކުގެ އިތުރުން ވިޔަފާރިވެރިންނަށް ވަނީ އިންޒާރުދީފައެވެ. މި ނޯޓިހާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ، ފިލްމުގެ ޕްރޮޑިއުސަރު ފިރޯޒް ނާޑިއާޑްވާލާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކަށްފަހު، ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން މި ޕްރޮޖެކްޓުން ވަކިވެފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަދަރްޝަން ބުނި ގޮތުގައި، އޭނާ ފިލްމުން ވަކިވީ ފިލްމުގެ ހައްގުތަކާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ލިބިފައި ނުވާތީއެވެ.
މީގެ އިތުރުން، “ހޭރާ ފޭރީ” ފްރެންޗައިޒްގެ ހައްގުތަކާ ގުޅޭގޮތުން ސެވަން އާޓްސް އިންޓަނޭޝަނަލް އިން ވަނީ މިއަހަރުގެ ކުރީކޮޅު ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ. އެ ކުންފުނިން ދައުވާކުރާ ގޮތުގައި، ފިރޯޒް ނާޑިއާޑްވާލާއަށް ދީފައިވަނީ ހަމައެކަނި ފުރަތަމަ ފިލްމު ހެދުމުގެ ހައްގެވެ. ނަމަވެސް އޭނާ ވަނީ އޭގެ ފަހުން “ފިރް ހޭރާ ފޭރީ” އުފައްދައި، ފްރެންޗައިޒްގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކޮށްފައެވެ.
އަކްޝޭ ކުމާރާއި، ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް އެކުގައި ފެނިގެންދާނެ ކަމަށް ބެލެވުނު މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ގާނޫނީ މައްސަލަތަކާ ހެދި މަޑުޖެހިފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ކޮމެންޓް