އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އާގަރާގައި ފިރިމީހާ މަރާލުމަށްފަހު، ގޭގެ ފާހާނާގެ ތަޅުންގަނޑު ދަށުގައި ހަށިގަނޑު ވަޅުލައި ފޮރުވި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ރޫބީ ޝަރްމާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ މަރާލާފައިވަނީ އޭނާގެ ފިރިމީހާ، އުމުރުން 44 އަހަރުގެ ސުރެންދުރަ ކުމާރު ޝަރްމާއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް، ފިރިމީހާ ގެއްލިގެން ކަމަށް ބުނެ ރޫބީ ފުލުހުންނަށް ރިޕޯޓުކުރީ އޭގެ 8 ދުވަސް ފަހުންނެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޫބީ ވަނީ އޭނާގެ ފިރިމީހާއަށް ދިން ކީރު (އިންޑިއާގެ ފޮނިކާ އެއްޗެއް)ގެ ތެރެއަށް ގިނަ އަދަދެއްގެ ނިދާ ބޭސް އަޅައިފައެވެ. ސުރެންދުރަ ހޭނެތުމުން އޭނާ މަރާލުމަށްފަހު، ފާހާނާގެ ތަޅުންގަނޑު ތަޅާލައި، ހަށިގަނޑު ވަޅުލައި، އޭގެ މައްޗަށް ކޮންކްރީޓު އަޅައި އާ ތަށިމުށި ޖަހާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މި މައްސަލަ ފަޅާއަރާފައިވަނީ ސުރެންދުރަ ގެއްލުނުތާ 45 ދުވަސް ފަހުންނެވެ.
ސުރެންދުރަގެ ބޭބެއަށް ރޫބީގެ އަމަލުތަކާމެދު ޝައްކުވެ، އަދި ސުރެންދުރަގެ ބައްޕަގެ ޕެންޝަން ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގަމުންދާތީ ފުލުހުންނަށް އެންގިއެވެ. ފުލުހުން ގޮސް ގޭތެރެ ބަލައި ފާސްކުރިއިރު، ފާހާނާގެ ތަށިމުށިތައް އާކޮށްފައި ހުރުމުން ޝައްކުވެގެން ކޮނެ ބެލުމުން ވަނީ ސުރެންދުރަގެ ކަށިތައް ފެނިފައެވެ.
އާގަރާގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސައްޔިދު އަލީ އައްބާސް ވިދާޅުވި ގޮތުގައި، މިއީ އެކަނި އަންހެނަކަށް ކުރަން އުނދަގޫ ކަމަކަށް ވާތީ، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި މި މަރަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ސުރެންދުރައަކީ ވަޒީފާއެއް ނެތި، ރާބޯ މީހަކަށް ވެފައި، ފައިސާ ހޯދަން އަނބިމީހާއަށް އަނިޔާކުރާތީ އުފެދުނު މައްސަލަތަކެވެ. މިހާރު ސުރެންދުރަގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް