އެމެރިކާޔާއި އިޒްރޭލް ގުޅިގެން ޝަހީދުކޮަށްލި އީރާނުގެ ސްޕްރީމް ލީޑަރު ސައްޔިދު އަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގެ ކަންކަން މިދިޔަ ހުކުރު ދުވަހު އީރާނުގައި ވަނީ ފަށައިފައެވެ. މިއީ އާދައިގެ ޖަނާޒާއެއް ނޫނެވެ. މިއީ އެއްހަފުތާއަށް ދެމިގެންދާ ޖަނާޒާއެކެވެ. ބައިނަލްއަގުވާމީ ޖަނާޒާއެކެވެ. ބައިނަލްއަގުވާމީ ވަނީ އެއްގައުމަށްވުރެ ގިނަ ގައުމުގައި މި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާތީއެވެ. އީރާނުގެ އިތުރަށް އިރާގުގައިވެސް މި ޖަނާޒާގެ ބައެއް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކަންކަން ނިމޭނީ އަންނަ ބުރާސްފަތިދުވަހުއެވެ. ޖަނާޒާގެ އެއްހަފުތާއަކީ ސިޔާސީގޮތުންވެސް ވަރަށްގިނަ ކަންކަން ތަމްސީލުވެ ހާމަވެގެންދާނެ ހަފުތާއެކެވެ. ކޮންމެއަކަސް ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާ މިބޭއްވެނީ އޭނާ ޝަހީދުކޮށްލެވުނުތާ ހަތަރުމަސް ފުރުނު ފަހުންނެވެ. އޭނާ ޝަހީދުކޮށްލެވުނީ ވެރިރަށް ތެހެރާނުގައި ހުންނަ އޭނާގެ ގޭގައި ހުންނަވަނިކޮށް ފެބްރުއަރީ އަށާވީހުގައި އިޒްރޭލާއި އެމެރިކާއިން ދިން އުދުވާނީ ހަމަލައެއްގައެވެ.

މިދެންނެވި ހަމަލައިގައި ސައްޔިދު އަލީ ޚާމަނާއީގެ އާއިލާގެ އެހެން ހަތަރު ބޭފުޅަކުވެސް ޝަހީދުވިއެވެ. އެއީ ޚާމަނާއީއަށް ކާފަވިދާޅުވާ އުމުރުން އެންމެ ތިންއަހަރުގެ އަންހެން ބޭފުޅަކާއި ޚާމަނާއީގެ އެންމެދޮށީ ދަރިކަނބަލުންނާއި އެކަމަނާގެ ފިރިކަލުންނާއި ޚާމަނާއީގެ ދަރިކަލެއްގެ އަނބިކަނބަލުންނެވެ. އެއީ އީރާނުގެ މިހާރުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އަނބިކަނބަލުން ޒަހުރާއެވެ. ހަމަލައިގެ ވަގުތުގައި މުޖުތަބާ ޚާމަނާއީ ހުންނެވީ ހަމަލަ އަމާޒުވި ޕޮއިންޓުން ބޭރުގައި ހަމަ އެ އިމާރާތުގައެވެ. އެ ހަމަލައިގައި ސައްޔިދު މުޖުތަބާ ޚާމަނާއީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. ސްޕްރީމް ލީޑަރުކަމަށް އޭނާ އައްޔަން ކުރެވުނީ އޭގެ ހަފުތާއެއް ފަހުން މާރޗް އަށެއްގައެވެ. ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ހުކުރުދުވަހު ތެހެރާނުގައި ފެށުނުއިރު އޭނާގެ ސަންދޯކާ ޖެހިގެން މިދެންނެވި ބޭފުޅުންގެ ސަންދޯއްތައްވެސް ބެހެއްޓިފައިވެއެވެ. ކުޑަކުޑަ ޒަހުރާ މުހައްމަދީގެ ކުޑަކުޑަ ސަންދޯއްވެސް ހިމެނޭ ގޮތުންނެވެ.

ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާއަކީ ބައިނަލްއަގުވާމީ ދުނިޔޭގައި އީރާނުގެ މިވަގުތުގެ މަގާމު ހާމަވެގެންދާ ޖަނާޒާއެކެވެ. ދުނިޔޭގެ ސަތޭކައަށްވުރެ ގިނަ ގައުމުން ވަނީ މި ޖަނާޒާގައި ބައިވެރިވުމަށް މަންދޫބުން ފޮނުވައިފައެވެ. ބައެއް ގައުމުތަކުން ވަޑައިގެންނެވީ އެތަންތަނުގެ އެންމެ އިސްވެރިންނެވެ. ޕާކިސްތާން، ބަންގްލަދޭޝް، އާމީނިއާ އަދި ތަޖިކިސްތާނު ތަމްސީލު ކުރެެއްވީ އެ ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ބިލަރޫސްއާއި ސާރބިޔާ އަދި ރަޝިޔާގެ މަންދޫބުން ވަޑައިގެންނެވިއެވެ. ލެޓިން އެމެރިކާއިން ކިއުބާއާއި ނިކަރާގުއާގެ މަންދޫބުންވެސް ވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ބައިވެރިވުމަށް އީރާނުން ދައުވަތު ފޮނުވި ގައުމުތަކުގެ ތެރޭގައި އެމެރިކާޔާއި އިޒްރޭލުން ހިންގި އުދުވާނަށް ސީދާކޮށް ތާއީދުކޮށް ވާގިވެރިވި ގައުމުތަކެއް ނުހިމެނެއެވެ. އެގޮތުން ހުޅަގު ޔޫރަޕުގެ އެއްވެސް ގައުމަކުން މަންދޫބުން ނުފޮނުވައެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން މަންދޫބުން ނުފޮނުވަނީ އެމިރޭޓްސްއާއި ބަހުރައިން އަދި ކުވޭތުން އެކަންޏެވެ.

މެދުއިރުމަތީގެ މުހިންމު ގައުމުތަކުގެ ތެރެއިން ސައޫދީއަރަބިޔާ އާއި ގަތަރާއި މިސްރާއި ތުރުކީވިލާތުންވެސް ވަރަށް މަތީފަންތީގެ މަންދޫބުން މި ޖަނާޒާއަށް ފޮނުވިއެވެ. ތުރުކީވިލާތަކީ ނޭޓޯގެ މެންބަރެކެވެ. ސައޫދީއަރަބިޔާއާއި ގަތަރާއި މިސްރަކީ އެމެރިކާގެ އަސްކަރީ ކުޑައިގެ ހިމާޔަތުގައިވާ ގައުމުތަކެވެ. ކޮންމެއަކަސް އޭޝިޔާ، އެފްރިކާ، ޔޫރަޕް އަދި ލެޓިން އެމެރިކާ ހިމެނޭހެން ސަތޭކައަށްވުރެ ގިނަ ގައުމުގެ މަންދޫބުން ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާން މަންދޫބުން ފޮނުވުމަކީ އިޒްރޭލާއި އެމެރިކާއަށް ދިން ނުރުހުމުގެ މެސެޖެކެވެ. ޚާއްސަކޮށް އިޒްރޭލުގެ އުދުވާން ބަލައިނުގަންނާނެ ކަމާއި އިޒްރޭލުން ހިންގީ ޖަރީމާއެއްކަން ބުނެދިނުމެކެވެ. މިއީ ހުރިހާ މާނައެއްގައިވެސް އިޒްރޭލާއި އެމެރިކާއަށް ލިބުނު ސިޔާސީ ނާކާމިޔާބީއެކެވެ. އެ ދެގައުމު ގުޅިގެން ހިންގި ޖަރީމާއަށް ދުނިޔެއިން ނޫނެކޭ ބުނުމެކެވެ. އެ ދެގައުމުގެ މޫނުމަތީގައި ވިހެލި ވަރުގަދަ އެތިފަހަރެއްވެސްމެއެވެ.

އުމުރުފުޅުން 86 އަހަރުގައި ޝަހީދުކޮށްލެވުނު އަލީ ޚާމަނާއީ އީރާނުގެ ސްޕްރީމް ލީޑަރުކަމަށް ވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖޫންމަހުއެވެ. ޝަހީދުކޮށްލެވުނީ އެމަގާމުގައި ހުންނަވާތާ 36 އަހަރުވީ ފަހުންނެވެ. ޚާމަނާއީގެ ޖަނާޒާ ކުރިއަށްދާނީ ޖުލައި ތިނަކުން ނުވަޔަކަށެވެ. މިކަން ކުރިއަށްދާނީ ހަމައެކަނި އީރާނުގެ ވެރިރަށް ތެހެރާނަކު ނޫނެވެ. ތެހެރާނުގެ އިތުރުން އީރާނުގެ ގޮމްއާއި މަޝްހަދު އަދި އިރާގުގެ ކަރުބަލާ އާއި ނަޖަފަށްވެސް ޚާމަނާއީގެ ސަންދޯއް ގެންދާނެއެވެ. މިތަނުން ކަރުބަލާއަކީ ޝީއީންގެ ތިންވަނަ އިމާމު ހުސައިން ޝަހީދުކޮށްލެވުނު ރަށެވެ. އެކަލޭގެފާނު ޝަހީދުކޮށްލީ އުމަވީ ދައުލަތުގެ ޚަލީފާ ޔަޒީދުގެ އަމުރަށެވެ. ނަޖަފަކީ އަލީގެފާނު ފަސްދާނުލެވިފައިވާ ރަށެވެ. އަލީގެފާނު ޝަހީދުކޮށްލެވުނީ އިރާގުގެ ކޫފާގައެވެ. ފަސްދާނުލެވުނީ ކޫފާއާ ދާދިގާތުގައިވާ ނަޖަފުގައެވެ. ކޮންމެއަކަސް ޝަހީދުންގެ އެކި ޒިޔާރަތްތަކަށް ގެންދިއުމަށްފަހު އަލީ ޚާމަނާއީގެ ގަބުރު ފަސްދާނުލާނީ އީރާނުގެ މަޝްހަދުގައެވެ.

މަޝްހަދުގައި ހުންނަ އިމާމު ރިޒާ ޒިޔާރަތުގެ ތެރޭގައެވެ. އިމާމު ރިޒާއަކީވެސް ރަސޫލާގެ އައުލާދުން ވަޑައިގެންނެވި ބޭކަލެކެވެ. އެއީ ޝީއީންގެ 8 ވަނަ އިމާމެވެ. އެކަލޭގެފާނަކީ އައްބާސީ ދައުލަތުގެ ޚަލީފާ އަލްމައުމޫނުގެ ދައުރުގައި ވިހަދީގެން ޝަހީދުކޮށްލެވުނު ބޭކަލެކެވެ. އިމާމް އައްރިޒާ އެރަށުގައި ފަސްދާނުލުމުގެ ކުރިން އެރަށުގެ ނަމަކީ ސަންއާބާދެވެ. މަޝްހަދަކަށް ބަދަލުވީ ފަހުންނެވެ. އިމާމު އައްރިޒާގެ ހަނދާނުގައެވެ. މަޝްހަދުގެ މާނަޔަކީ ޝަހީދުންގެ މަކާނެވެ. އައްބާސީ ދައުލަތުގެ އެންމެ މަޝްހޫރު ޚަލީފާ ހާރޫނުއްރަޝީދު ފަސްދާނުލެވިފައިވަނީވެސް ހަމަ މިޒިޔާރަތުގައެވެ. އެ ޒިޔާރަތުގެ ތެރޭގައި އަލީ ޚާމަނާއީ ފަސްދާނުލީމާ ދެން އެޒިޔާރަތް ބަދަލުވެގެންދާނީ ދެ ޝަހީދުންނާއި ޚަލީފާއެއްގެ ޒިޔާރަތަކަށެވެ. ހާރޫނުއްރަޝީދާއި އިމާމް އައްރިޒާ އާއި އަލީ ޚާމަނާއީގެ ޒިޔާރަތަށެވެ. މަޝްހަދު އޮންނަނީ އީރާނުގެ އިރުއުތުރުގައެވެ. އެއީ މިހާރު އީރާނުގެ ދެވަނަޔަށް އެންމެ ބައިބޯ ސަހަރެވެ. ކުރީގެ ގޮތަށްނަމަ އެއީ ޚުރާސާން ޕްރޮވިންސެވެ.

އަލީ ޚާމަނާއީގެ ޖަނާޒާ ކުރިން ހަމަޖެހިފައިއޮތީ މާރޗް ހަތަރަކުން ހަޔަކަށް ހަމައެކަނި އީރާނުގެ ތެހެރާނާއި މަޝްހަދުގައި ކުރިއަށް ގެންދާގޮތަށެވެ. އެކަމަކު އެއީ އެމެރިކާޔާއި އީރާނުގެ މެދުގައި ހަގުރާމަ ހިގަމުންދިޔަ ދުވަސްވަރުކަމަށްވާތީ ޖުލައިމަހުގެ ތިނަކުން ނުވަޔަކަށް މިކަން ފަސްކުރުމަށް ނިންމާފައިވަނީއެވެ. ކޮންމެއަކަސް އީރާނުގެ މަގުސަދަކީ ވީހާވެސް ގިނަބަޔަކު ބައިވެރިކޮށްގެން ބައިނަލްއަގުވާމީ ކަމެއްގެ ގޮތުގައި މި ޖަނާޒާ ބޭއްވުމަށެވެ. ސިޔާސީ ގޮތުންނާއި ދީނީގޮތުންވެސް އެކަށޭނަ ފެންވަރެެއްގައި މިކަން ކުރުމަށެވެ. ޖަނާޒާގެ ކަންކަން އަދި ނުނިމެއެވެ. މިހާތަނަށް ފެނުނު މަންޒަރުންވެސް އީރާނުގެ މަގުސަދު ފުރިހަމަވެ އިތުރުވެސް ވެއްޖެކަމަށް ފެނެއެވެ. އެެމެރިކާޔާއި އިޒްރޭލުން ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލި ކޮށްލުމަކީ އާޚިރުގައި އެ ދެގައުމު ފަޟީހަތްވެ ލަދުގަންނަން ޖެހުނު ކަމަކަށް މިއޮތީ ވެފައެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ.