މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓް ނަތީޖާ ބަޔާނުގައިވާ ގޮތުންމިދިޔަ އަހަރު ރިސޯޓު ކުލީގެ މުއްދަތު އިތުރު ކުރުމަށް ހުޅުވާލުމުން 18 ފަރާތަކުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދައްކާފައިވާއިރު ރިސޯޓުތައް ތަރައްގީ ކުރުމަށް 15 ފަރާތަކުން ވަނީ ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައްކައިފައެވެ.

މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ރިސޯޓުގެ ކުލި ދެއްކުމަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ދީފައިވާ ލުއިތައް:

  • ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށް ފަހު، އެ އަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރާ ނަމަ އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހުން
  • އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން ޖެހުން

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން އެއް ލައްކަ ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ.