އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ގައުމަށްވެސް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރެއްވި ކަމަށެވެ.

ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކުރުމާއި ދެމެހެއްޓެނިވި ރަހުމަތްތެރިކަމާއި ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ،

ރައީސް އޮފީހުން ބުނީ އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށާއި ސަލާމަތާއި ދިފާއީ ރޮނގުންނާއި ވިޔަފާރިއާއި އިގްތިސޯދީ ތަރައްގީއާއީ ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް އެރުއްވި ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަހުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ،