ތާވަލު ކުރެވުނު މީޓިންތައް ނިންމާލާފައި ޒަރާރްއަށް ހަމަނޭވާލެވޭވަރުވީ ބާރަޖަހާ ބޮޑުވިފަހުންނެވެ. ލެޕްޓޮޕާއި އަދިވެސް މުހިންމު ލިޔެކިޔުންތައް އަޅާފައި ހުރި ފައިލު ހިފައިގެން މީޓިންގް ރޫމުން ނިކުންނަން ޒަރާރް ހިނގައިގަތެވެ. ލިފްޓަށް އަރާފައި ފޯނު ނެގީ ތަނާލްގެ ޚަބަރެއް ބަލައިލުމަށެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ތަނާލްގެ މެސެޖު ފެނުމުންނެވެ. މެސެޖަށް ރައްދު ދޭން އުޅެފައި ވެސް ގުޅާލީ ތަނާލްގެ އަޑު އަހާލަން ބޭނުންވެގެންނެވެ. ދެވަނަ ރިންގާއެކު ތަނާލް ފޯނު ނަގައިފިއެވެ.
''ވެލް ހެލޯ މައި ލަވް...'' ޒަރާރް ގޮވާލިއެވެ.
''ހެލޯ މިސްޓަރ ޖެންޓްލްމޭން... މީޓިންގް ނިމުނީތަ؟...'' ތަނާލް ސުވާލުކޮށްލިއެވެ.
''މި ނިމުނީ، ތަނޫ ކިހިނެއްތަ؟، ތަނޫގެ އަޑު އަހާލެވޭނެ އިރެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ހާދަ ގިނަ އިރެއް ވެއްޖެޔޭ...'' ޒަރާރް ބުންޏެވެ.
''ހައު ރޮމޭންޓިކް، މިހާރު އަޑު އިވިއްޖެއެއްނު، ދެން ބުނެބަލަ، ލަންޗް ގަޑިއަށް ފްރީވާނެދޯ...'' ޒަރާރްއަށް ފޮނުވި މެސެޖާއި މައުޟޫޢު ގުޅުވާލަމުން ތަނާލް ބުންޏެވެ.
''ތިހާ ލޯބިން ބައްދަލުކުރަން އެދުމުން ކިހިނެއްތަ ނޫނެކޭ ބުނާނީ؟... އަހަރެން މިހިރީ ތަނޫގެ ހިދުމަތުގަ، ބޭނުން ކޮންމެ ކަމެއް ކޮށްދޭނަން، ހަމަ ބުނެލަން ޖެހޭނީ، އެތަނަކަށް ދާނަން... އައިމް އޯލް ޔޯސް...'' ޒަރާރް ބުނެލިއެވެ.
''މިއަދު އެހިނިހެން ދުވަސްތަކަށް ވުރެން ވާހަކަ ގިނަހެން ހީވޭ...'' ތަނާލްގެ އަޑުން ހާމަކޮށްދެނީ އުފާވެރިކަމެވެ. ބަދަލުކުރެވެމުންދާ ސަމާސާތަކުން އެކަކުއަނެކަކަށް ހިތުން ދެވިފައިވާ މަޤާމާއި ލޯބި ހާމަކޮށްދެއެވެ.
''އޯހް ތަނޫ، ލޯބި ވެވުނީމަ އެހުރިހާ ބަދަލެއް އަންނާނެޔޭ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތަނޫ ދެކެ ވާ ލޯބި އެކި ގޮތްގޮތަށް ބަޔާންކޮށްދޭނަން...'' މޭގައި އަތްޖައްސާލަމުން ޒަރާރް ބުނެލީ އިޝްޤީ އަޑަކުންނެވެ.
''ކޮން ފިލްމެއްގެ ޑައިލޮގެއްތަ ކޮޕީކޮށްގެން ތިއުޅެނީ؟...'' ތަނާލް ހީނލިއެވެ.
''ކޮޕީއެއްނޫން، އޮރިޖިނަލް، އަހަރެން މި ވާ ލޯބި ބުނެދޭން އެހެން މީހެއްގެ އައިޑިޔާރއެއް ބޭނުމެއް ނުވާނެ...'' ޒަރާރް ބުނެލިއެވެ.
''އެހެންތަ؟...'' ތަނާލްއަށް އަހާލެވުނެވެ.
''އައި ކޭން ޝޯ ޔޫ...'' ލާނެއް ރާގަކަށް ޒަރާރް ބުންޏެވެ.
''ޒަރާރް!...'' ތަނާލްއަށް ގޮވާލެވުނެވެ.
ލިފްޓް ހުޅުވުނީ ވެސް ޒަރާރް ފޯނުގައި ހުއްޓައެވެ. ލިފްޓުން ނިކުންނަމުން، ކެބިންއާއި ދިމާއަށް މިސްރާބު ޖެހުމުގެ ކުރިން ރިސެޕްޝަނުގައި އިން ދިލްފާއަށް ޒަރާރް ހިނިތުންވެލިއެވެ. ދައްޔާންގެ ސަބަބުން ފޫހިވެފައި ހުރި ދިލްފާ ވެސް ޒަރާރް ފެނުމުން ހިނިތުންވެލިއެވެ.
''ޒަރާރް ސާރ ހާދަ ރަނގަޅޭ، އެކަމަކު އެދައްޔާން އެއީ ބޮޑު ފޫހިގަނޑެއް، އަދި ސާރގެ ޑެސްކުގަ އިށީނދެގެން އިނީ އަމިއްލަ ތަނެއްކަމަށް ހަދައިގެން، ހާދަ ރުޅިއެއް އާދެޔޭ، ސާރގެ ކޮއްކޮއެއް ހެން ހިޔެއް ވެސް ނުވޭ، ފޫހި މީހެއް...'' ޒަރާރް ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ދިލްފާ ހިތާހިތުން ބުނެލިއެވެ. ދައްޔާންގެ ރުންކުރުކަމުން ދިލްފާ ހުރީ ކުދިކިޔާލަކިޔާލައެވެ.
''އޯކޭ، ލަންޗަށް ދަމުން ޚަބަރެއް ވެލާނަން، ކޮންތާކަށްތަ ދާނީ؟...'' ކެބިންގެ ދޮރު ހުޅުވަމުން ޒަރާރް ސުވާލުކޮށްލިއެވެ. އޭނަގެ ނަޒަރު ދައްޔާނަށް ހުއްޓުމާއެކު ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
ޒަރާރްގެ އަޑަށް ދައްޔާން ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ލެޕްޓޮޕް ލައްޕާލީ ތަނާލްގެ ސީވީ ޒަރާރްއަށް ފެނިދާނެތީއެވެ. ކުޑަވެސް ޝައްކެއް ވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އޭނަގެ ސިއްރުވެރި އަމަލުތައް ފަރުދާކުރުމުގެ ނިޔަތުގައި ދައްޔާން ގޮނޑިން ތެދުވިއެވެ. އެއަށްފަހު ހިނިތުންވެލިއެވެ. އޭނައަށް ޒަރާރް ފޯނުން ދެއްކި ވާހަކަ ސާފުކޮށް އަޑު އިވުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރީ ކާކުކަން ނަގައިގަނެވުމާއެކު ހިތްހަމަނުޖެހުނެވެ. އަނެއްކާ ވެސް ޒަރާރްއާއި ތަނާލްގެ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނަން މަޖުބޫރު ވެއްޖެއެވެ.
''ދޮންބެ...'' ދައްޔާން ގޮވާލިއެވެ.
ދައްޔާނަށް އައި ބަދަލުން ޒަރާރް ހައިރާން ވިއެވެ. ނަމަވެސް އެކަމަށް އޭނަ މާބޮޑު ސަމާލުކަމެއް ނުދިނެވެ. މޭޒު ކައިރިއަށް ހުއްޓެމުން އަތުގައި އޮތް ލެޕްޓޮޕާއި ފައިލު ބޭއްވިއެވެ.
''ފަހުން ގުޅާނަން އިނގޭ...'' ފޯނުކޯލް ކުރުކޮށްލަމުން ޒަރާރް ބުންޏެވެ. ވަކިވުމުގެ ކުރިން ތަނާލްގެ ދެކެ ލޯބިވާކަން ހާމަކުރަން ޒަރާރް ބޭނުން ވިއެވެ. އެފުރުސަތު ނުލިބުނީ ދައްޔާން ހުރުމުންނެވެ. މާމައާއި ކާފަ ފިޔަވާ ޢާއިލާގެ އިތުރު މެންބަރަކަށް އޭނައާއި ތަނާލްގެ ގުޅުން ހާމަކުރަން ޒަރާރް އަދި ތައްޔާރެއް ނޫނެވެ. މުނާސަބު ވަގުތެއް ބަލާފައި ޢާއިލާގެ ހުރިހާ މެންބަރުންނަށް ތަނާލް ތަޢާރަފްކޮށްދޭން ބޭނުން ވާތީއެވެ. އޭނަގެ ވާން އުޅޭ އަނބިމީހާގެ ހައިސިއްޔަތުންނެވެ.
''ދޮންބެ ހާދަ ވަރަކަށް ދާންއަށް ގުޅީމޭ... މިއަދު ބްރެކްފަސްޓަކުން ވެސް ނުފެނުނު، ދޮންބެ ހީކުރީ ދާން އިތުރަށް ބަލިވީކަމަށް، ރޫމަށް ގޮސް ހާލުބަލަން އުޅުނުއިރު ހުރީ ތަޅުލާފަ...'' ދައްޔާނަށް ބަލަމުން ޒަރާރް ބުނެލިއެވެ. މޭޒުގެ ކަނަކަށް ވާހެން ޒަރާރް އިށީނެވެ.
''ބޭސްކައިގެން ނިދީމަ ތަންކޮޅެއް ލަހުން ހޭލެވުނީ، އަވަސްކޮށްގެން އޮފީހަށް އައިއިރުގަ ދޮންބެ ހުރީ މީޓިންގަ...... ދޮންބެ އަންނަންދެން މަޑުކޮށްގެން މިހުރީ، ސޮރީ އިނގޭ، ދެން ގަޑިއަށް ސަމާލުވާނަން...'' ޒަރާރްގެ ކުރިމައްޗަށް ހުއްޓެމުން ދައްޔާން ބުނެލިއެވެ. ފަށުވި ވާހަކަތަކުން ޒަރާރްގެ އިތުބާރު ހޯދަން ދައްޔާން އުޅުނެވެ.
''ގަޑިއަށް ސަމާލުވުމަކީ ވަރަށް މުހިންމުކަމެއް، އެޔަޤީންކަން ދާންގެ ފަރާތުން ލިބުމުން ވަރަށް އުފާވެއްޖެ...'' ޒަރާރްގެ ކޮނޑުގައި ހިފާލަމުން ޒަރާރް ހިނިތުންވެލިއެވެ. ''މިހާރު ރަނގަޅުތަ؟، ބަލިކޮށް އުޅެންޏާ ރެސްޓެއް ނަގާލިޔަސް އެންމެ ރަނގަޅޭ، ދާންއަށް ދޮންބެ ގުޅާލީ މިއަދު ހުރި މީޓިންގްތަކުގަ ދާން ބައިވެރިކުރަން ވެގެން، އޭރުން އެކްސްޕީރިއެންސް ލިބޭނެތާ، ދެން ވީކަމެއް ވެއްޖެތާ، ދެން ފަހަރަކުން ވާނެ ދޮންބެއާއެކު ދާން، ދިލްފާ ކައިރީ ބުނެލާނަން ދޮންބެގެ ގޫގުލް ކަލަންޑާރއަށް އެކްސެސްވެވޭ ގޮތް ހަދާދޭން، އޭރުން ކުރިއަށް ހުރި މީޓިންގްތަކަށް ތައްޔާރުވާން ފަސޭހަވާނެއެއްނު...''
''ޓްރަސްޓް މީ، ދޮންބެ ޑިސްއެޕޮއިންޓް ވާ ކަހަލަ ކަމެއް ދެން ނުކުރާނަން، މަންމަ ބުނިހެން ދޮންބެ ފަރާތުން ވަރަށް ގިނަ އެއްޗިސް ދަންވާނެ، އާފްޓާރ އޯލް، ޔޫ އާރ ދަ ބެސްޓް...'' ދައްޔާން ބުނެލިއެވެ. ޖުމްލަ ނިންނަމުން ބުނި ލަފުޒުތަޒަކުގައި ފޮރުވިފައިވި ހަސަދައިގެ ވިހަކަން ވަނީ ދައްޔާންގެ ހިތުގައެވެ. ފަށުވި ބަސްތަކުން ހީލަތުގެ ދަންތުރައެއް ވެސް ފަތުރަން ފެށިއެވެ. އެތެރެއިން ހިނިތުންވަމުންނެވެ.
''ހެހެހެ، ދެން ތިހާ ވަރަށް ތައުރީފު ނުކުރިޔަސް ރަނގަޅުވާނެ...'' ޒަރާރް ބުނެލިއެވެ. ''ކޮފީއެއް ބޯނަންތަ؟...''
''އައި އޯލްރެޑީ ހެޑް ވަން، އެކަމަކު ދޮންބެ ބުނީމަ ޤަބޫލުކުރަންތާ ޖެހޭނީ...'' ދައްޔާން ބުނެލިއެވެ.
ޒަރާރް ހުއްޓުނީ ކޮފީ މެޝިން ކައިރިއަށެވެ. ޒަރާރްއަށް ބަލަހައްޓައިގެން ދައްޔާން ހުރީ ޒަރާރްގެ މޭޒު ކައިރީގައެވެ. ޒަރާރް ހުރީ ދައްޔާނަށް ފުރަގަސް ދީގެންނެވެ. އެހެންކަމުން ދައްޔާންގެ މޫނަށް އަރާފައިބާ ކުލަވަރުތައް ޒަރާރްއަކަށް ނުފެއެވެ. އެހެންނޫންނަމަ ދެލޯއަޅައިގެން ބަލަހައްޓައިގެން ހުރި މަންޒަރު ފެނުނީހެނެވެ.
ދައްޔާން ފުން ނޭވާއެއް ދޫކޮށްލީ ޒަރާރް ދެކެ އަންނަ ރުޅި ކޮންޓްރޯލްކުރަން އުޅޭ ފަދައަކުންނެވެ. ޒަރާރްއަށް ހުޝާމަދުކޮށްފައި ވާހަކަ ދައްކަން ވުމުން އަނގަސަކަރާތް ވިއެވެ. ރުޅީގެ އާރުން ބޭރުވާ ހޫނު ކޮންޓްރޯލްކުރަން ޖެހުނެވެ. ތަނާލްއާއި ބައްދަލުކުރަން ބޭނުންވާނަމަ އެޤުރުބާނީ ވާން އެބަޖެހެއެވެ. އޭނަގެ ހިތަށް ތަސައްލީއެއް ލިބޭނީ ތަނާލްގެ ސޫރަ ދެކިލުމުގެ ނަސީބު ލިބުނު ހިނދަކުންނެވެ. އެހާ އިރުވަންދެން ޒަރާރްއާއެކު ވަގުތު ހޭދަކުރަން ޖެހުނަސް އޭނައަށް ވަރިހަމެއެވެ.
''ކްރީމާރ ބޭނުންތަ؟...'' ޒަރާރް ސުވާލުކޮށްލިއެވެ.
''ނޯ، ބްލެކެއް ރަނގަޅުވާނެ...'' ފަސްއެނބުރި ޒަރާރް ބަލައިލަންވާއިރަށް ދައްޔާން ހިނިތުންވެލިއެވެ. ފަޓުލޫނުގެ ޖީބަށް އަތްޖާޖާލަމުން، ދިގު ފިޔަވަޅުތަކެއްގައި ޒަރާރްގެ ކައިރިއަށް ހުއްޓުނެވެ. ފުރަތަމަ ތައްޔާރުކުރެވުނު ކޮފީތަށި ދައްޔާނަށް ދިއްކޮށްލަމުން، ޒަރާރް އިޝާރާތްކޮށްލީ ސޯފާ އަށެވެ. ބޯޖަހާލަމުން ދައްޔާން ސޯފާގައި އިށީނެވެ. އޭގެ އިރުކޮޅެއް ފަހުން ޒަރާރް އަތުވެއްޖެއެވެ.
''ދޮންބޭ...'' އާވި އަރަމުންދާ ކޮފީތަށްޓަށް ފުމެލަމުން ދައްޔާން ބުނެލިއެވެ. އެވަގުތު ދައްޔާނަށް ބަލަމުން ޒަރާރް ބުމަ އަރުވާލިއެވެ.
''ވަރަށް ބަނޑުހައި، ލަންޗަށް ދަނީ ކިހާ އިރަކުތަ؟...'' ދައްޔާންގެ ދަންތުރަ ފަތުރާލިއެވެ.
''ދާން ބޭނުމިއްޔާ މިހާރު ގޮސްލިޔަސް ރަނގަޅުވާނެ، ދެން މިއަދަކު ނެތް އަނެއްހެން ކަމެއް، އެކަމަކު ދޮންބެ ބޭނުން މެންދުރު ގަޑީގަ ޕްރޮޖެކްޓްތަކާ ބެހޭ މަޢުލޫމާތު ދޭން، ލަންޗް ބްރޭކް ނިންމާލަފަ ދޭއްޖަހާއިރަށް އަންނައްޗޭ...'' އަތުކުރީ އޮތް ގަޑިއަށް ދިން އަވަސް ނަޒަރާއެކު ޒަރާރް ބުންޏެވެ.
''އަހަންނާއެކު ދޮންބެއަށް ދެވޭނެތަ؟، އެކަނި ދާންވީމަ...'' ހިޔަޅު ބުއްދީގެ ބޭނުން ހިފަމުން ދައްޔާން ބުނެލިއެވެ. ކޮފީ ތަށި ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއް އަތުގެ އުޅަނބޮށި ސޯފާގެ ލެނގޭބައިގައި ވިއްދާލަމުން، ޒަރާރްއާއި ދިމާއަށް ދައްޔާން ބަލަން ފެށިއެވެ.
ދައްޔާންގެ ޖުމްލައާއެކު ތުނބުގައި ޖައްސާލި ކޮފީތަށި ޒަރާރްއަށް ތިރިކޮށްލެވުނެވެ. އޭނައަށް ވިސްނާލެވުނީ ތަނާލްއާ މެދުގައެވެ. ތަނާލްއާއެކު މެންދުރުގެ ކެއުމަށް ދާން ހުރިހާ ތައްޔަރީތަކެއް އޮތީ ނިމިފައެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް އޭނައާއެކު ކެއުމަކަށް ދިއުމަށް ދައްޔާން ޝައުޤުވެރިކަން ފާޅުކުރުމުން އެކަމާ ވިސްނާލަން ޖެހުނެވެ. ދެބެއިންގެ ގުޅުން ބަދަހިވާން އޮތީ އޭނަ ވެސް އެއްބާރުލުންދީގެންނެވެ. ދައްޔާންގެ އެކުވެރި މިޒާޖު ފެނި ޒަރާރް އުފާވެއެވެ. ނަމަވެސް ތެދަށް ބުނާނަމަ އެގުޅުން ހީނަރުވެދާނެތީ އޭނަ ބިރުގަނެއެވެ. ނުތަނަވަސްވެއެވެ. ދެވަނަ ފުރުސަތެއް ނުލިބިދާނެތީއެވެ. ދައްޔާނަކީ ޖަޒުބާތުގެ މައްޗަށް އަމަލުކުރާ ޒުވާނެކެވެ. އެހެންކަމުން ދައްޔާންގެ އެސިފައަށް ސަމާލުވާންޖެހެއެވެ.
ސޯފާ ކުރިމައްޗަށް ވާހެން ހުރި މޭޒު މަތީ ކޮފީތަށި ބަހައްޓަމުން ތުނބުޅީގައި ޒަރާރްއަށް އަތްތިލަ ހިންގާލެވުނެވެ. އެއަށްފަހު ދައްޔާނަށް ބަލައިލިއެވެ.
''އިފް ޔޫ އޯލްރެޑީ ހޭވް ޕްލޭންސް، އިޓްސް އޯކޭ... އެކަނި ގޮސްފާނަން...'' މޮޅިވެރިކަމާއެކު ދައްޔާން ބުންޏެވެ.
''އައި ޑޫ ހޭވް ޕްލޭންސް، އެކަމަކު ދާން އެކަނި ދާކަށް ދޮންބެ ހިތްހަމައެއް ނުޖެހޭ... ޔޫ ކޭން ޖޮއިން އަސް....'' ފުންނޭވާއެއް ދޫކޮށްލަމުން ޒަރާރް ބުންޏެވެ.
''އަސް؟...'' އެއްބުމަ އަރުވާލަމުން ދައްޔާން އެހިއެވެ.
''ހޫމްމް، ދޮންބެ އުޅުނީ ތަނޫއާއެކީ ލަންޗަށް ދާން، ޕްރޮޖެކްޓްގެ ކުޑަ ކަމަކާ މަޝްވަރާކޮށްލަން ޖެހޭތީ...'' ހަޤީޤަތް ހާމަކުރުމެއް ނެތި ޒަރާރް ހިނިތުންވެލިއެވެ.
''އެހެންތަ؟...'' ދައްޔާން ބުނެލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުން ސިއްރުވެފައިވަނީ ތުނބުގައި ޖައްސައިގެން ހުރި ކޮފީ ތަށީގެ ސަބަބުންނެވެ.
''ހޫމްމްމް... ނަމާދުކޮށްލައިގެން ލަންޗަށް ދާނީ، ހިނގާ ދޮންބެއާއެކު ނަމާދަށް ދާން...'' މެންދުރު ނަމާދަށް ބަންގި ގޮވާ ގަޑި ކައިރިވާން ފެށުމުން ޒަރާރް ބުނެލިއެވެ.
''ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ...'' ނަމާދަށް ނުދާންވެގެން ދައްޔާން ހެދީ ދޮގެވެ. ތަމްސީލުކުޅުމުގެ ނިޔަތުގައި ބޮޑުވާ އިނގިލިން ނިތްކުރީގައި ފިރުމާލިއެވެ. ބުރަހެލިކަމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ.
''ބޭސް ކައިގެންތަ ތިހިރީ؟...'' ކަންބޮޑުވުމާއެކު ޒަރާރް ސުވާލުކޮށްލިއެވެ.
''ބޭސް ކައިފިން... ފަހުން ނަމާދުކުރާނަމޭ، އިހަށް ދޮންބެ އެކަނި ގޮސްލަންވީނު...'' ދައްޔާން ދެއްކީ ބަހަނާއެވެ.
''އޯކޭ، އެކަމަކު ޖަމާއަތުގަ ނަމާދުކުރަންވާނެ، ދޮންބެ ބޭނުން ދާން ފަސް ވަގުތު ނަމާދުކުރާތަން ދެކެން، ނަމާދު އެޅުމަކީ ވަރަށް ބޮޑު ފާފައެއް، އެކަމަށް ތައުބާ ވާން ޖެހޭނެ...'' ކޮޅަށް ތެދުވަމުން ޒަރާރް ބުންޏެވެ. ކޮފީތަށި ހުސްކޮށްލަމުން، ހުސް ތަށި ގެންގޮސް ކޮފީ މެޝިން ކައިރީ ހުރި ތަބަކުގައި ބެހެއްޓިއެވެ.
''ކޮފީ ބޮއެ ނިމުނީމަ ދިލްފާ ކައިރީގަ ކްލިއަރެންސަށް ބުނެލައްޗޭ...'' ކެބިންއިން ނިކުތުމުގެ ކުރިން ޒަރާރް ބުނެލިއެވެ.
''މާ ދީންވެރި މީހަކަށް ވާންވެގެން އެބައުޅެއެއްނު، ކަލޭ އަމިއްލައަށް ނަމާދުކޮށްގެން ހުރެބަލަ، އޮނޯޔިންގް ޕްރިކް...'' ޒަރާރް ދިއުމާއެކު ދައްޔާންގެ ބުމަގޮށްޖެހުނެވެ. ކޮފީތަށި މަތިން ވެސް ފޫހިވިއެވެ. ޒަރާރްއަށް ދައްޔާންގެ ދުލުން އަމާޒުވީ ހަޑިހުތުރު ބަސްތަކެވެ.
*****
ނަމާދުކޮށްގެން ތަނާލްއަށް ޒަރާރު ގުޅިއެވެ. މެންދުރުގެ ކެއުމުގައި ދައްޔާން ބައިވެރިވާނެ ވާހަކަ ހާމަކުރިއެވެ. އެކަމަކަށް ތަނާލްގެ ފަރާތުން ލިބުނީ ހޫނު މަރުޚަބާއެކެވެ. އެއާއެކު ޒަރާރްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މެންދުރުގެ ކެއުމުގެ ތެރެއިން ކައިވެންޏާ މެދު ތަނާލްގެ ޚިޔާލު ހުރި ގޮތެއް ބަލައިލަން ޒަރާރް ހުރީ އަޒުމުކަނޑައަޅައިގެންނެވެ. ނަމަވެސް ފަހު ވަގުތު އޭނައަށް ޖެހުނީ އެޚިޔާލު ބަދަލުކޮށްލާށެވެ. ދައްޔާން ބައިވެރިވާތީއެވެ. އެއީ އެފަދަ ވާހަކައަކަށް އެންމެ މުނާސަބު ދަނޑިވަޅެއް ވެސް ނޫނެވެ. ހަވީރު ތަނާލް އާއި ބައްދަލުކޮށް ތަނާލްއާއި މަޝްވަރާކުރަން ޒަރާރް ގަސްދުކުރިއެވެ. އޭނަގެ ހިތަށް ތަސައްލީއެއް ލިބެން އޮތީ ތަނާލްގެ ފަރާތުން ޖަވާބެއް ލިބިގެންނެވެ. ވިންދުތައް ހަމައަށް އެޅޭނީ އޭރުންނެވެ.
*****
މެންދުރު ނަދަމާދަށް ފަހު ދައްޔާން ގޮވައިގެން ޒަރާރް ދިޔައީ ސިޓްރޯން އަށެވެ. މެންދުރުގެ ވަގުތަށް ވުމުން ރެސްޓޯރެންޓް ފެންނަނީ ބާރު ބޮޑުކޮށެވެ. އޯޕެން އޭރިޔާއިން މޭޒެއް ލިބުނީ އިރުގަނޑެއް ފަހުންނެވެ. ތަނާލްއަށް ދެއްކެން ވެގެން ދައްޔާން ހުރީ ގަމީހުގެ އަތުކުރި އުޅަނބޮއްޓާހަމައަށް އޮޅައިގެންނެވެ. ޓައީ ވެސް ނަގައި މޭމަތިން ދެ ގޮށް ނައްޓާލާފައެވެ. އޭނަގެ ކަސްރަތީ ހަށިގަނޑަށް އަންހެންކުދިންގެ ނަޒަރު ހުއްޓެމުންދާތީ އެކަމާ އަމިއްލަ ނަފުސުދެކެ ފަހުރުވެރިވެވުނެވެ. ތަނާލްގެ ނަޒަރު ވެސް އޭނައަށް ހުއްޓޭނެކަމުގެ ޔަޤީންކަމާއެކު ދައްޔާން ހުރީ އޭނަގެ ބޮޑާކަން މަތީގައެވެ.
މޭޒުގައި ހަމަޖެހިލިތަނާ ތަނާލް އަތުވެއްޖެއެވެ. ތަނާލް ފެންނައިރަށް ޒަރާރްއަށް ވުރެ ކުރިން ގޮނޑިން ތެދުވީ ދައްޔާނެވެ. ހިނިތުންވުމަކާއެކު ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ.
''ތަނާލް...'' ތަނާލް ފެނުމާއެކު ދައްޔާންގެ ހިނިތުންވުން ފުޅާކޮށްލިއެވެ. ''ވީ މީޓް އެގެއިން...''
''ތަނޫ...'' ސަލާމަތް ދިއްކޮށްލި ދައްޔާންގެ އަތުގައި ހިފަމުން ތަނާލް ރަނގަޅުކޮށްލަދިނެވެ.
އޭނަގެ އަތުގައި ތަނާލް ހިފުމުން ވަކިން ބޮޑަށް ދައްޔާން ހިނިތުންވެލިއެވެ. ނޫން ކަމަށް ހަދާފައި ތަނާލްއަށް ފުން ނަޒަރަކުން ބަލައި ވެސް ލިއެވެ. ގަޔަށް ދޫކޮށް އޮތް އަބަޔާގައި ތަނާލް ހުއްޓެއްކަމަކު ދައްޔާންގެ ފަސާދަވެފައިވި ވިސްނުމުން ދެއްކީ މުޅިން އެހެން މަންޒަރެކެވެ. އެއްމިޔަކަނިން ހިނިތުންވެލަމުން ދަހިވެތިކަމުގެ ނަޒަރުތައް ފަރުދާކުރަން އުޅުނެވެ.
ދައްޔާނަށް ތަނާލް ބަލައިލީ ފަޅި ސިކުންތުކޮޅަކަށެވެ. އެއަށްފަހު ތަނާލްގެ ނަޒަރު ހުއްޓުނީ ޒަރާރް އަށެވެ. މަހިނޫރުގެ ވިދުން ތަނާލްގެ ދެލޮލުން ފާޅުވިއެވެ. މުޅި ވުޖޫދަކީ ޒަރާރްއޭ ބުނާ ކަހަލައެވެ.
''ހޭއި...'' ޒަރާރްއަށް ބަލަމުން ތަނާލް ބުންޏެވެ.
ދައްޔާނާއި ވާހަކަދެއްކިއިރު ނެތް ގާތްކަމެއް ތަނާލްގެ އަޑަށް ވެރިވިކަން ދައްޔާނަށް ފާހަގަ ވިއެވެ. އެއާއެކު އޭނަގެ މޫނުން ފާޅުވަމުން ދިޔަ އުފާވެރިކަމުގެ ކުލަވަރު ފަނޑުވެލައިފިއެވެ. ތަނާލް އިށީންނަން ގޮނޑި ދުރުކޮށްލަ ދިން ޒަރާރްއަށް ދައްޔާން ބަލައިލީ ނުރުހުމާއެކުގައެވެ. މޫނުން އެކަމުގެ އަސަރު ފާޅުވިޔަ ނުދޭން ގަދަކަމުން ހިނިތުންވެލިއެވެ. ގޮނޑީގައި އޭނަ އިށީނީ ޒަރާރްއާއި ތަނާލްއަށް ފުން ނަޒަރަކުން ބަލަމުންނެވެ. އޭނަގެ ލޮލުގައި އަނދުން އެޅުވުމަށް އެކުވެރިކަމުގެ ބަހަނާ ދެއްކިކަމުގައި ވިޔަސް ތަނާލްއާއި ޒަރާރްގެ ދެމެދުގައި އޮތީ މާނަ ފުން ގުޅުމެކެވެ. ރޭގައި ފެނުނު ގާތްކަމަށް ވުރެން ތަފާތު އިހުސާސްތަކެއް އެދެމެދުގައި އާލާވަމުންދާކަން ކަށަވަރެވެ. ހިނިތުންވެލާއިރުގައި ދެޒުވާނުންގެ ލޮލުން ފެންނަ ލޯބީގެ ނޫރު ވެސް ސިއްރެއް ނުވެއެވެ. އެއާއެކު ދައްޔާންގެ މޫޑު ގޯސް ވިއެވެ. ކެއުން މަތިން ފޫހިވާން ފެށިއެވެ. ހަސަދަވެރިކަމުގެ ހޫނުން އޭނަގެ ހޭ ބުދިއަށް އަސަރުކުރަން ފެށީއެވެ.
ކެއުމާއި ބުއިންތައް ގެނައި ފަހުން ވެސް ދައްޔާން އިނީ ފާޑަކަށެވެ. ތަނާލްއާއި ބައްދަލުވާނެ އިރަކަށް ކުރި އިންތިޒާރަށް އައީ އެނަ އުއްމީދުކުރި ފަދަ އުފާވެރި ނިމުމެއް ނޫނެވެ. ވީވަރަކުން އެމީހުންގެ ވާހަކައިގައި ދައްޔާން ބައިވެރިކުރަން ތަނާލްއާއި ޒަރާރް މަސައްކަތްކުރިއެވެ. ނަމަވެސް ދައްޔާންގެ ތަބީއަތު ވަނީ ހަރާބުވެފައެވެ. ގެނައި ވަޅޯމަސް ޕާސްތާއަށް އޫ ލައިގެން އިނީ ގަޔާ ނުވެފައެވެ.
''ކިހިނެއްވީ؟، ކަމުނުދަނީތަ؟...'' ދައްޔާނަށް ބަލަމުން ޒަރާރް އެހިއެވެ.
''ނޫން، ބަނޑު ފުރިއްޖެ...'' ބަނޑުގައި އަތްޖައްސާލަމުން ގަދަކަމުން ދައްޔާން ހިނިތުންވެލިއެވެ.
''އެކަމަކު ހާދަ ކުޑަކޮށް ތިކެއީ...'' ތަނާލް ބުނެލިއެވެ. އެޖުމްލައިގެ މާނަ ދައްޔާން ނެގީ ގޯސްކޮށެވެ. އޭނަ ދެކުނު ގޮތުގައި އޭނައާ މެދު ތަނާލް ކަންބޮޑުވީއެވެ. އެއީ ކުރި އިޝާރާތެކެވެ.
''ހުން ރަނގަޅުނުވާތީ...'' ދައްޔާން ބުނެލިއެވެ.
''ޓޭކްއަވޭއިއަށް ގެންދަމާ، އޭރުން އޮފީހަށް ގޮސްފަ ކާލެވޭނެއެއްނު...'' ޒަރާރް ބުންޏެވެ.
ޒަރާރްއާއި އަނގައިން ބުނަން ބޭނުން ނުވާތީ ދައްޔާން ހަމައެކަނި ބޯޖަހާލީއެވެ. އެވަގުތު ހުސްވަމުން ދިޔަ ތަނާލްގެ ފެންތަށްޓަށް މޭޒު މަތީ ހުރި ފުޅިން ޒަރާރް ފެން އަޅައިދިން މަންޒަރު ދައްޔާނަށް ފެނުނެވެ. މޭޒުގެ ތިރިއަށް އަތްތިލަ ގެންދަމުން މުށްކަވާލެވުނެވެ. އޭނަ ޒަރާރްއަށް ބަލައިލީ ނަފުރަތާއެކުގައެވެ. ޒަރާރްގެ ފަރާތުން ތަނާލްއަށް ލިބެމުންދާ ސަމާލުކަމުގެ ސަބަބުން ޒަރާރް ހުރީ ރުޅިގަދަވެފައެވެ.
''ފްރެންޑްސް، މައި އޭސް... ހަމަ އަހަންނަށް ކަމުދާ ކުއްޖެއްތަ މީހިރަ ބީތާއަށް ވެސް ފެންނަނީ؟...'' މުށްކަވާލެވުނު އަތުން ފައިގެ ފަލަމަސްގަނޑުގައި ޖަހާލަމުން، ހިތާހިތުން ދައްޔާނަށް ބުނެވުނެވެ.
މެންދުރުގެ ކެއުން ނިމުނީ އެފަދަ ހާލެއްގައެވެ. ދައްޔާން ހިތް އެދުނު ގޮތަށް އޭނައަށް ތަނާލްއާއި ވާހަކައެއް ނުދެއްކުނެވެ. އެކުވެރިކަން އުފެދުނަސް ތަނާލްގެ ފަރާތުން ޝައުޤުވެރިކަމެއް ނުފެނުނެވެ. އަންހެންކުއްޖެ ތައުރީފުގެ ބަސްތައް ނުލިބުނު ފުރަތަމަ ފަހަރަށް ވުމުން ދައްޔާންގެ އީގޯއަށް އެކަމުގެ އަސަރު ކުރިއެވެ. ހުރިހާކަމެއްގެ އިލްޒާމު އުޅުވީ ޒަރާރްގެ ބޮލުގައެވެ. ޒަރާރް ނެތްނަމަ އޭނައަށް ހާއްސަ ނަޒަރަކުން ތަނާލް ބެލީހެވެ.
*****
މެންދުރުގެ ކެއުމަށްފަހު ދައްޔާން ދިޔައީ އޭނަގެ އެކުވެރިންނާއި ބައްދަލުކުރާށެވެ. ޒަރާރްއާއެކު ވޭތުކުރަންޖެހޭ ވަގުތުގެ އިތުރުން އެންމެ ސިކުންތެއް ވެސް އެކުގައި އުޅެން ބޭނުން ނުވާތީއެވެ. ދޭއްޖަހަން ވާއިރަށް އޮފީހަށް ދާނަމޭ ބުންޏަސް ދާކަހަލަ ޚިޔާލެއް ނެތެވެ. ނުގޮސްފިނަމަ ޒަރާރްގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެތީ އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.
އެކުވެރިންނާއި ބައްދަލުކުރަން ދައްޔާނު ދިޔައީ ކެފޭއަކަށެވެ. ނަމަކީ ''ނޫކް'' އެވެ. އެއީ ރައިހާންގެ ބައްޕަ ހިންގާ ތަނެކެވެ. ކެފޭއަކަށް ވުރެން އެއީ މަސްތުވާތަކެތީގެ ކިއްލާއެކެވެ. އެންމެނަށް އެނގޭ ބޮޑު ސިއްރެއް ވެސް މެއެވެ. ނަމެއްގައި ކެއުންބުއިމަށް ހާއްސަކުރެވިފައިވާ ބައެއް ތިރީގައި ހުރެއެވެ. އެތަނުގެ ބަދިގޭގައި ކާއެއްޗެހި ތައްޔާރުކުރުމުގެ ބަދަލުގައި ކުރެވޭހާ ވެސް ކަމަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމެވެ. މަތީ ފަންގިފިލާގައި ޝީޝާތަކަށް ހާއްސަކުރެވިފައިވާ ތަނެއް ހުރެއެވެ. އެތަނަށް އަރަން ބޭރުން ވަކިން ސިޑިއެއް ހުރެއެވެ.
ސިޑިން މައްޗަށް އެރި ދައްޔާނަށް އޭނަގެ އެކުވެރިން ހޯދަން ގިނަ އިރެއް ނުނެގިއެވެ. މަރާމާތުގެ މަސައްކަތެއް ކުރިއަށް ދާތީ އެތަން ބަންދުކޮށްފައިވުމުން އެތަނުގައި ތިބީ ހަމައެކަނި ރައިހާންއާއި ޖައިލަމެވެ. ސޯފާގައި ދެޒުވާނުން ތިބީ ބޮޑު ސްކްރީނުގައި އަޅުވާފައި ހުރި ފީފާ ގޭމަކަށް ގެއްލިފައެވެ. ވަޒީފާއަކަށް ދިއުމުގެ ޝައުޤެއް ނެތުމުން ދެޒުވާނުންގެ ދުވަސް ދަނީ އެފަދަ ގޮތަކަށެވެ. ރެޔާއި ދުވާލު އާފިލުކަންމަތީގައެވެ. މިހާރު ވެސް ޖައިލަމް ހުރީ ހަމައެއްގައެއް ނޫނެވެ.
''މިހާރު ކިހިނެއްވީ؟...'' ވަކިން ހުރި ސޯފާ ގޮނޑިއަށް ވެއްޓިގަތް ދައްޔާން ފެނި ހަމަހޭގައި ހުރި ރައިހާން ބަލައިލިއެވެ.
''ނުވަނީ ކޮންކަމެއް!...'' ރުންކުރު ރާގަކަށް ދައްޔާން ބުނެލިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް