އަނިޔާވެރި ބައިވެރިޔަކު ދޫކޮށްލުމަކީ ނުހަނު އުނދަގޫ އަދި އެހާމެ ނުރައްކާތެރި ކަމެކެވެ. ގިނަ ފަހަރަށް މީހުން މިފަދަ ގުޅުންތަކުގައި ދެމިތިބެނީ، ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. ނުވަތަ ގުޅުން ފެށުނުއިރު އޮތް ލޯތްބާއި އޯގާތެރިކަން އަނބުރާ ލިބިދާނެ ކަމަށް ހީކޮށެވެ. އަދި ވަކީން ހާއްސަކޮށް ދުރުވާން ކުރާ މަސައްކަތުގައި އޮތް ނުރައްކަލެއްގެ ބޮޑުކަމުންނެވެ.

މިއީ ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލައި، އަނިޔާގެ އާދައިގެ ތެރޭގައި މީހާ ބަނދެވޭ ސަބަބެވެ. ނަމަވެސް ހަގީގަތަކީ، އަނިޔާވެރިކަމަކީ ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ ނުރައްކާ ބޮޑުވަމުންދާ ކަމެކެވެ. އެއްވެސް މީހަކު ލޯބީގެ ގުޅުމެއް ފަށަނީ، އެމީހެއްގެ ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަނިޔާއެއް ލިބި، ނުވަތަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ހީކޮށެއް ނޫނެވެ. އެހެންނަމަވެސް، ކުދިކުދި ކަންކަމުން ފެށޭ އަނިޔާ، ފަހުން ގޮސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމަކީ އާންމު ކަމެކެވެ. މިފަދަ ހާލަތްތަކުގައި، ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ނިޝާންތައް ކުރިޔާލައި ދެނެގަތުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އަނިޔާވެރި ގުޅުންތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދުތައް ނުހަނު މައްޗެވެ. ނޭޝަނަލް ކޯލިޝަން އެގެންސްޓް ޑޮމެސްޓިކް ވައިލެންސް ފަދަ ޖަމިއްޔާތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މަރާލެވޭ ފިރިހެނުންގެ ތެރެއިން ކޮންމެ 13 މީހަކުން އެކަކީ އެމީހެއްގެ ބައިވެރިޔާގެ އަތުން މަރުވާ މީހެކެވެ. އަދި އެމެރިކާގައި މަރާލެވޭ އަންހެނުންގެ 50 އިންސައްތަ މީހުންނަކީ، އެމީހުންގެ މިހާރުގެ ނުވަތަ ކުރީގެ ބައިވެރިޔާގެ ފަރާތުން މަރުގެ ޝިކާރައަކަށްވާ މީހުންނެވެ. މި އަދަދުތަކަކީ ހައިރާންކުރުވަނިވި އަދަދުތަކެއް ކަމުގައިވިޔަސް، މިއީ ހަމައެކަނި ވިސްނަންޖެހޭ ތަފާސްހިސާބުތަކެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގެވެށި އަނިޔާގެ ސަބަބުން ހިނގާ މަރުގެ ހާދިސާތަކުގައި މަރުވާ މީހުންގެ 20 އިންސައްތައަކީ އާއިލާ މީހުންނާއި، ރައްޓެހިންނާއި، އަވަށްޓެރިން ނުވަތަ އެހީތެރިވާން އުޅޭ މީހުންނެވެ. ބައިވެރިޔާގެ ފަރާތުން އަނިޔާވެރި އަމަލުތައް ފެންނަމުންދާނަމަ، ހާއްސަކޮށް ނުރައްކާ ބޮޑު ގިންތިއެއްގެ މީހަކަށް ވާނަމަ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ތިރީގައި މިވަނީ، ބައިވެރިޔާގެ ފަރާތުން ފުރާނައަށް ނުރައްކާވެދާނެކަން އަންގައިދޭ މުހިންމު ބައެއް ނިޝާނެވެ. ބައިވެރިޔާގެ ފަރާތުން މިފަދަ އަމަލުތައް ނުފެނުނު ކަމުގައިވިޔަސް، އަނިޔާވެރި ގުޅުމެއް ނުރައްކާތެރި ހިސާބަކަށް ހިނގައިދާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ފުރަތަމަ އަދި އެންމެ ނުރައްކާތެރި އެއް ނިޝާނަކީ ކަރުގައި ހިފުމެވެ. ބައިވެރިޔާ ދުވަހަކުވެސް އޭނާގެ ހަށިގަނޑުގެ ގުނަވަނެއް ނުވަތަ އެހެން އެއްޗެއް ބޭނުންކޮށްގެން ކަރުގައި ހިފައި، ނޭވާލާން އުނދަގޫވާ ގޮތަށް ނުވަތަ ލޭ ދައުރުވުމަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވާނަމަ، އެއީ ވަރަށް ސީރިއަސް އިންޒާރެކެވެ. ހަމައެހެންމެ، އެފަދަ ކަމެއް ކޮށްފާނެކަމުގެ ބިރުދެއްކުމަކީވެސް ހަމަ އެހާމެ ނުރައްކާތެރި ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފިނަމަ، އެ ބައިވެރިޔާގެ ފަރާތުން މަރުވުމުގެ ފުރުސަތު 10 ގުނަ އިތުރުވެގެންދެއެވެ.

ދިރާސާތަކުން އެނގޭގޮތުގައި ކަރުގައި ހިފުމަކީ ގެވެށި އަނިޔާގެ އެންމެ ނުރައްކާތެރި އެއް ބާވަތެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހޭނެތި، އަދި މިނެޓުކޮޅެއްގެ ތެރޭގައި ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބޭރުފުށުން އެއްވެސް އަނިޔާއެއް ނުފެނުނު ކަމުގައިވިޔަސް، އެތެރެހައްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ފަހުންވެސް ފުރާނައަށް ނުރައްކާވެދާނެއެވެ. ސިކުނޑިއަށް ލޭ ފޯރުކޮށްދިނުން ހުއްޓުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. މިއީ އަނެކާގެ ފުރާނައިގެ މައްޗަށް އޮތް ބާރު ދައްކާލުމަށް އަނިޔާވެރިޔާ ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރެވެ.

ދެވަނަ ނިޝާނަކީ އަތުޖެހޭ ހިސާބުގައި ހަތިޔާރު ހުރުމެވެ. އަނިޔާވެރި ގުޅުމެއް އޮންނަ ގެއެއްގައި ބޮޑެތި ވަޅި އަދު އެ ނޫނަސް އެ އެއްޗަކުން ހަމަލާދީ މަރާލެވޭނެ ފަދަ ހަތިޔާރެއް ހުރުމަކީ، އަންހެނުން މަރުވުމުގެ ނުރައްކާ 500 އިންސައްތަ އިތުރުވާ ކަމެކެވެ. މި ނުރައްކާ އޮތީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. އަނިޔާވެރި ބައިވެރިޔާގެ އަތުގައި ހަތިޔާރެއް އޮތްނަމަ، ކޮންމެ މީހަކަށްވެސް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ތިންވަނަ ނިޝާނަކީ ޖިސްމާނީ އަދި ޖިންސީ އަނިޔާ އެއްފަހަރާ ދިނުމެވެ. ހަތިޔާރުގެ ބިރާއި ކަރުގައި ހިފުމަކީ ފުރާނައަށް ނުރައްކާވެދާނެކަމުގެ ވަރަށް ސާފު ނިޝާންތަކެއް ކަމަށް ފެނުނު ނަމަވެސް، ހަމައެކަނި އެކަންކަމަށް ސަމާލުވުމުން ފުދޭކަށް ނެތެވެ. ބައިވެރިޔާގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން އަނިޔާ ލިބޭނަމަ، އެމީހަކަށް ލިބޭ ގެއްލުން ބޮޑުވެ، މަރުވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. ހަމައެކަނި އެއް ބާވަތެއްގެ އަނިޔާ ލިބޭ މީހުންނާ އަޅައި ބަލާއިރު، ދެ ބާވަތުގެ އަނިޔާ އެއްފަހަރާ ލިބޭ މީހުންނަށް އޮންނަ ނުރައްކާ މާ ބޮޑެވެ. މިއީ އަނިޔާވެރިޔާގެ ކޮންޓްރޯލް ކުރުމުގެ ބާރު ގަދަވެ، އަނިޔާގެ ދަރަޖަ މައްޗަށް ގޮސްފައިވާކަން އަންގައިދޭ ކަމެކެވެ. ޖިންސީ އަނިޔާއަކީ ގިނަ ފަހަރަށް ސިއްރުކުރެވޭ ކަމަކަށް ވުމާއެކު، މީގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތައް މާ ފުންވެފައި ނުރައްކާތެރިއެވެ.

ހަތަރުވަނަ ކަމަކީ އަމިއްލައަށް މަރުވާން އުޅުމާއި ބިރުދެއްކުމެވެ. އަނިޔާވެރި ބައިވެރިޔާ މީގެ ކުރިން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާނަމަ، އޭނާ ދޭ ކޮންމެ އިންޒާރަކާމެދު ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވާ ހާދިސާތަކުގެ ވަރަށް މަތީ އިންސައްތައަކީ ލޯބީގެ ގުޅުންތަކުގެ ތެރޭގައި ހިނގާ ކަންކަމެވެ. މީގެ އިތުރުން، ދަރިންނަށް ގެއްލުންދޭނެ ކަމަށް ބުނެ ބިރުދެއްކުމާއި، “އަހަންނަށް ނުލިބޭނަމަ އެހެން މީހަކަށްވެސް ނުލިބޭނެ” ފަދަ ހައްދުފަހަނަޅާފައިވާ ބަސްތައް ބުނުމަކީވެސް ފުރާނައަށް ނުރައްކާވެދާނެކަމުގެ ވަރަށް ބޮޑު އިންޒާރެކެވެ. މިފަދަ ބަސްތަކަކީ ހަމައެކަނި ރުޅިއައިސްގެން ބުނާ ބަސްތަކެއް ކަމަށް ހީކޮށް ދޫކޮށްލައިގެން ނުވާނެއެވެ. އަމިއްލަ ފުރާނައަށް ގެއްލުންދޭން ފަސްނުޖެހޭ މީހަކު، އެހެން މީހެއްގެ ފުރާނައަށް ގެއްލުންދޭކަށް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެއެވެ.

ފަސްވަނަ ކަމަކީ ދިރިއުޅުމުގެ ހާލަތެވެ. ފާރަލުމަކީ ނުރައްކާތެރި ކަމެއްކަން ގިނަ ބަޔަކަށް އެނގުނު ނަމަވެސް، ދިރިއުޅުމުގެ ހާލަތާ ގުޅިފައިވާ އެހެނިހެން ކަންކަމުންވެސް ނުރައްކާ އިތުރުވެދާނެކަން ގިނަ ފަހަރަށް އޮންނަނީ ނޭނގިއެވެ. މިސާލަކަށް، އަނިޔާވެރި ބައިވެރިޔާއަކީ ވަޒީފާއެއް ނެތް މީހަކަށް ވުމަކީ ނުރައްކާ ބޮޑުވާ ކަމެކެވެ. އަދި އަނިޔާވެރި ބައިވެރިޔާއާއެކު ދުވަހަކުވެސް އެއްތަނެއްގައި ދިރިއުޅެފައި ނުވުމާއި، ނުވަތަ އެކުގައި ދިރިއުޅުމަށްފަހު އޭނާ ދޫކޮށްލާފައި ދިއުމަކީވެސް ފުރާނައަށް ނުރައްކާވެދާނެކަމުގެ ފުރުސަތު ބޮޑުކޮށްދޭ ކަންކަމެވެ. ހާއްސަކޮށް ގުޅުން ކަނޑާލަން އުޅޭ ވަގުތަކީ އަނިޔާވެރިޔާގެ ކޮންޓްރޯލް ގެއްލި، އެންމެ ނުރައްކާތެރި އަމަލުތައް ހިންގާފާނެ ވަގުތެވެ. މަރުގެ ގިނަ ހާދިސާތައް ހިނގާފައިވަނީ އަނިޔާ ލިބޭ މީހާ އެ ގުޅުމުން ނުކުންނަން މަސައްކަތްކުރާ ވަގުތުގައެވެ.

ހަވަނަ ނިޝާނަކީ މަސްތުވާތަކެތި ބޭނުންކުރުމެވެ. މަސްތުވެގެން ހުރުމަކީ އަނިޔާވެރިވުމަށް އޮތް އުޒުރެއް ނޫން ކަމުގައިވިޔަސް، ރާބުއިމަށް ދެވިހިފާފައިވާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ކުރިމަތިވާ ނުރައްކާ މާ ބޮޑެވެ. މިފަދަ ތަކެތީގެ ސަބަބުން މީހާގެ ވިސްނުމާއި އަމަލުތައް ކޮންޓްރޯލްކުރުމުގެ ބާރު ދަށްވެ، ކުއްލިއަކަށް ރުޅިގަދަވެ، ނުރައްކާތެރި އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މަސްތުގެ ހާލަތުގައި ހުންނައިރު ދޭ އަނިޔާގެ މިންވަރުވެސް އާންމު ހާލަތަށްވުރެ މާ ބޮޑުވެދާނެއެވެ. އަދި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ހަތްވަނަ ކަމަކީ މާބަނޑުވުމާއި ކުދިން ތިބުމެވެ. އަނިޔާވެރި ގުޅުމެއްގައި އެންމެ ނުރައްކާތެރި އެއް ދުވަސްވަރަކީ މާބަނޑު ދުވަސްވަރުކަން އެނގުމުން ގިނަ ބަޔަކު ހައިރާންވެއެވެ. މާބަނޑު ދުވަސްވަރު އަނިޔާ ލިބޭ މިންވަރު އިތުރުވުމާއި، އަނިޔާގެ ބާވަތްތައް ނުރައްކާތެރިވުމަކީ އާންމު ކަމެކެވެ. މިއީ ބައިވެރިޔާގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރިދާނެކަމުގެ ބިރާއި، މާލީ ގޮތުން ކުރިމަތިވާ ދަތިތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވިދާނެއެވެ. މީގެ އިތުރުން، އަނިޔާވެރި ބައިވެރިޔާ ނޫން އެހެން މީހެއްގެ ކުއްޖަކު ހުރުމަކީވެސް މަރާލުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. މިއީ އަނިޔާވެރިޔާގެ ހިތުގައި އުފެދޭ ހަސަދަވެރިކަމާއި ކޮންޓްރޯލްކުރުމުގެ އެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

އަނިޔާވެރި ގުޅުމެއްގައި ހުރިނަމަ، މި ނިޝާންތަކަށް ސަމާލުވުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ބައިވެރިޔާގެ ފަރާތުން މިފަދަ އެއްވެސް ނިޝާނެއް ފެންނަނަމަ، ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. އަމިއްލައަށް މިކަމުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވެދާނެތީ، ކަމާބެހޭ މުއައްސަސާތަކާއި، ޖަމިއްޔާތަކާއި، އަދި އިތުބާރުކުރެވޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރައްކާތެރިކަމުގެ ޕްލޭނެއް އެކުލަވާލައި، ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ކުރިއާލައި ރާވާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަނިޔާއަކީ ދުވަހަކުވެސް އަމިއްލަ ކުށެއް ނޫނެވެ. އަދި އެއީ ތަހައްމަލުކުރަންޖެހޭނެ ކަމެއްވެސް ނޫނެވެ. ކަމާބެހޭ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް، ރައްކާތެރި މާހައުލަކަށް ބަދަލުވުމަށްޓަކައި މިއަދު އަޅާ ފިޔަވަޅަކީ މާދަމާގެ ފުރާނަ ސަލާމަތްކޮށްދޭނެ ފިޔަވަޅެވެ. އެހެންކަމުން، މި ނުރައްކާތެރި ނިޝާންތައް ދެނެގަނެ، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، ރައްކާތެރިކަން ހޯދުމަށް ފިޔަވަޅު އެޅުމަށް ލަސްނުކުރުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެއެވެ.