ރާއްޖޭގައި ކުށްކުރާ ކުދިންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް އޮތް އެންމެ ފުރިހަމަ ޒަމާނީ ހައްލަކީ އުތުރުތިލަފަޅުގައި ތަރައްގީކުރާ "ހޯޕް އައިލެންޑް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި "ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާއި ކުށުގެ ވެށީގައި އުޅޭ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށްޓަކައި އެކަމަށް މެދުވެރިވާ އަސްލު ސަބަބުތައް ނުވަތަ "ރޫޓް ކޯޒް" ތަކަށް ހައްލު ހޯދަން ޖެހެއެވެ

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުރީގެ ސަރުކާރުތަކުން ތަރައްގީ ގެނައުމުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކުށްކުރުމަށް މަގުފަހިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ހިޔާ ފުލެޓް ސަރަހައްދު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ތަންތަނުގައި ކުށްކުރުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ގިނަ ކަމަށެވެ.

"ސަރުކާރުގެ މަސައްކަތަކީ ރޫޓްކޯޒްތަކަށް ދިއުން ކަމަށް ވާތީ، ހައުސިން މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ކަންތައް. އެކަށީގެންވާ ޖޮބް އޮޕޮޗިއުނިޓީސް އިތުރުކުރުމާއި، ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭކަމެއް،" ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރަނގަޅު ސިއްހީ ނިޒާމަކާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ގާއިމުކުރުމުގެ މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އުތުރުތިލަފަޅުގައި ހަދާ "ހޯޕް އައިލެންޑް" މަޝްރޫއުގެ މަސައްކަތް މިހާރު އިވެލުއޭޝަން މަރުހަލާގައިވާ ކަމަށާއި، އެ ރަށަކީ ފުލުހުންނާއި ސިފައިން އަދި ކަމާބެހޭ އިދާރާތައް ގުޅިގެން، ކުށްކުރާ ކުދިން އިސްލާހުކޮށް، ތަމްރީނު ދީގެން މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ހާއްސަކުރެވޭ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ މަސައްކަތުގެ ސަބަބުން ކުށުގެ ވެށީގައި އުޅޭ ކުދިންނަށް އާ އުންމީދެއް ލިބިގެންދާނެއެވެ.

އެ މަޝްރޫއު ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް ހޯމްލޭންޑް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގައެވެ.