އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް، ފީޗާ ފިލްމު ޑައިރެކްޓުކުރުމުން ދާއިމީކޮށް ރިޓަޔާކުރިކަން އިއުލާނުކޮށްފިއެވެ. އުމުރުން 77 އަހަރުގެ ޑައިރެކްޓަރު މިކަން އާންމުކުރީ، މިހާރުގެ ފިލްމީ ސިނާއަތުގައި އުފެއްދުންތެރިކަމަށް ވުރެ ބޮޑަށް އެލްގޮރިދަމްތަކާއި ކުރިން ކަނޑައެޅިފައިވާ އުސޫލުތަކަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބަޓް ބުނި ގޮތުގައި، މިހާރުގެ ސިނަމާތަކުގައި ފިލްމު އުފައްދާ ގޮތާ މެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ. މިހާރުގެ ގިނަ އުފެއްދުންތަކަކީ ކުރިން ނިންމާފައިވާ ވަކި ގޮތްތަކަކަށް ތައްޔާރުކުރާ އެއްޗެހި ކަމަށާއި، އޭގެ ސަބަބުން ފިލްމު އުފެއްދުމުގައި ކުރިން އޮންނަ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިހާރުގެ ހާލަތާ މެދު ސުވާލު އުފައްދަމުން އޭނާ ބުނީ، “ކުރިން ކަނޑައެޅިފައިވާ ވަކި ގޮތްތަކަކަށް އުފެއްދުންތައް ތައްޔާރުކުރަން މަޖުބޫރުވުމުން، ފަންނާނެއްގެ ދައުރަކީ ކޮބައި ހެއްޔެވެ؟” މިފަދައިންނެވެ. އަދި ހަމައެކަނި އަދަދުތަކަށް ބަލާ ޕްލެޓްފޯމުތަކުގެ އެލްގޮރިދަމްތަކުގެ ސަބަބުން، އުފެއްދުންތެރިން ވަކި ޓެމްޕްލޭޓަކަށް ފެތެން މަޖުބޫރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން 47 ފިލްމެއް ޑައިރެކްޓުކޮށްފައިވާ މަހޭޝް ބަޓް، ޑައިރެކްޓަރުގެ ގޮނޑި ދޫކޮށްލި ނަމަވެސް، އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ފިލްމު ޕްރޮޑިއުސްކުރުމަށާއި ތިއޭޓަރު ޕްލޭތައް އުފެއްދުމަށް ވަގުތު ހުސްކުރާނެކަން ބުނެފައެވެ.

މިހާރުގެ ގޮންޖެހުންތަކާ އެކުވެސް، އާންމު އުސޫލުތަކާ ހިލާފަށް ތަފާތު ވާހަކަތައް ކިޔައިދޭނެ އުފެއްދުންތެރިން އަބަދުވެސް ތިބޭނެ ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އިންޑިއާގެ ސިނަމާ މުޅިން ގޯސް މިސްރާބަކަށް ގޮސްފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ، އޭނާ ވަނީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު “މޭން ވާޕަސް އާއުންގާ” އަކީ މިފަދަ އުސޫލުތަކާ ދެކޮޅަށް އުފައްދާފައިވާ ތަފާތު މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.