އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތު ލީޑު ރޯލުން ފެންނަ "ޖެއިލަރ 2" މިއަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު މުޅި ދުނިޔޭގައި ރިލީޒްކުރަން ނިންމައިފިކަން ޕްރޮޑަކްޝަން ހައުސް ސަން ޕިކްޗާސްއިން އިއުލާނުކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ހާއްސަ ޓީޒާއެއްގައެވެ.

ނެލްސަން ދިލީޕްކުމާރު ޑައިރެކްޓުކުރާ މި ފިލްމަކީ 2023 ވަނަ އަހަރު ނުކުމެ ބޮޑު ކާމިޔާބީއެއް ހޯދި "ޖެއިލަރ" ގެ ދެވަނަ ބައެވެ. ރިޕޯޓުތައް ބުނާ ގޮތުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް އިއުލާނުކުރި މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ އެ އަހަރުގެ މާޗު މަހުއެވެ. އަދި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލައިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ފިލްމު އޮކްޓޯބަރު މަހުގެ މެދުތެރޭގައި ނެރެން ނިންމާފައިވަނީ އިންޑިއާގައި ފާހަގަކުރާ ދުސޭރާ އީދު ބަންދާ ދިމާކޮށް، ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފުރަތަމަ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 650 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވުމާއެކު، ދެވަނަ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރާ ކަމަށް އިކޮނޮމިކް ޓައިމްސްއިން ބުނެފައިވެއެވެ.

މި ފިލްމުގެ ވާހަކަ ކުރިއަށްދާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުން ކަމަށާއި، މި ފަހަރު މުތުވެލް ޕާންޑިއަން ކުރިމަތިލާން ޖެހޭނީ ބައިނަލްއަގުވާމީ ކުށްވެރިންގެ ނެޓްވޯކަކާ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފައިވެއެވެ. މީގެ

އިތުރުން، ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ފިލްމުގައި ވެސް އިންޑިއާގެ އެކި ބަސްބަހުގެ ފިލްމު އިންޑަސްޓްރީތަކުގެ މަޝްހޫރު ތަރިންގެ ހާއްސަ ފެނިލުންތަކެއް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި މޯހަންލާލް އަދި ޝިވަރާޖްކުމާރު ހިމެނެއެވެ.

ސަން ޕިކްޗާސްއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި ފިލްމުގައި ރަޖްނީކާންތު އަނެއްކާވެސް ފެނިގެންދާނީ "ޓައިގަރ" މުތުވެލް ޕާންޑިއަންގެ ރޯލުންނެވެ. އޭނާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ވިދްޔާ ބާލަން، އެސްޖޭ ސޫރްޔާ، ރަމްޔާ ކްރިޝްނަން އަދި ޔޯގީ ބާބޫ ފެނިގެންދާނެއެވެ. ކަލާނިތީ މާރަން ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދެނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނިރުދް ރަވިޗަންދަރއެވެ.