އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދީފައިވާ 60 ދުވަހުގެ މުއްދަތު ހަމަވުމުން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރުން ޓްރާންސިޓް ފީއެއް ނަގަން ފަށާނެކަމަށް އިރާނުން ބުނެފިއެވެ.

އީރާނުގެ ހާރިޖީ ވުޒާރާއާއި ކަނޑުމަތީގެ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފީ ނަގަން ފަށާނީ އޮގަސްޓު މަހުގެ މެދުތެރޭގައި 60 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ބުނެފައިވަނީ، މިއީ އާންމުކޮށް ނަގާ ޓޯލް ފީއެއް ނޫން ކަމަށާއި، މިއީ ސަލާމަތީ ކަންކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ދަތުރުފަތުރުގެ ކަންކަން ވިލަރެސްކުރުމަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީއެއް ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން، ބޮޑެތި ބޯޓުފަހަރުން 1.5 މިލިއަނާއި 2 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފީ ނުދައްކާ ބޯޓުފަހަރަށް އެ ސަރަހައްދުން ދަތުރު ނުކުރެވޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއަކަށް ވުމުން، އެއްވެސް ގައުމަކަށް އެ ތަނުން ދަތުރުކުރާ ބޯޓުފަހަރުން ފީއެއް ނުނެގޭނެއެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށާއި، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ދަށުން ހިދުމަތުގެ ފީ ނެގުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް އީރާނުން އޮމާނާއެކު ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އޮމާނުން ހުށަހަޅާފައިވަނީ މި ފީއަކީ އަމިއްލަ އިހުތިޔާރުގައި ދައްކާ ފީއަކަށް ހެދުމަށެވެ. ނަމަވެސް އީރާނުން ބޭނުންވަނީ މިއީ މަޖުބޫރު ފީއަކަށް ހެދުމަށެވެ.

މި ފީ ނަގަން ފެށުމުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުކޮށް، މުދާ އުފުލުމުގެ އަގުތައް އުފުލިގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މި މައްސަލައާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު ގަތަރުގެ ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި އަދި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ.