އެމެރިކާޔާއި އީރާނުގެ މެދުގައި އައު ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އަނެެއްކާވެސް އައު މަޝްވަރާތަކެއް މި ހަފުތާގައި ވަނީ ފަށައިފައެވެ. މިއީ ދެގައުމުގެ މެދުގައި ސޮއިކުރެވިފައިވާ ފަހުމުނާމާ މާނަކުރުމާމެދު ކުރިއަށް ގެންދެވޭ ފަންނީ ވާހަކަތަކެއް ކަމަށް ދެގައުމުންވެސް ބުނެއެވެ. އެއްބަޔަކު އަނެއްބަޔަކާ ސީދާކޮށް ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަން ކުރަނީ ނުސީދާގޮތެއްގައެވެ. މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރުންނެވެ. އީރާނާއި އެމެރިކާގެ މެދުގައި ސޮއިކުރެވިފައިވާ ފަހުމުނާމާގެ އެންމެ އިސް މަގުސަދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކަށް ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމެވެ. ތެލާއި ގޭހާއި އެނޫންވެސް މުދާ އުފުލާ ބޯޓުފަހަރަށް އެ ކަނޑުއޮޅި ހުޅުވައިލުމެވެ. ބައިނަލްއަގުވާމީ ވިޔަފާރިއަށް އެޅިފައިވާ ހުރަސް ނައްތައިލުމެވެ. މިކަމުގެ މުހިންމުކަން އޮތީ ހަމައެކަނި ގަލްފުގެ އަރަބި ގައުމުތަކަށް ނޫނެވެ. ސައޫދީ އަރަބިޔާ، ގަތަރު، ކުވޭތު އަދި އެމިރޭޓްސް އާއި ކުވޭތަށް އެކަންޏެއް ނޫނެވެ.
މިއީ މުޅިދުނިޔޭގެ އިގްތިސާދީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. އެގޮތުން މިއީ މުޅިދުނިޔެއަށްވެސް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް އީރާނަށްވެސް މުހިންމު ކަމެކެވެ. އެހެނީ މި ފަހުމުނާމާއަށްފަހު އީރާނުގެ ތެލުގެ ވިޔަފާރި ވަނީ މުޅިން މިނިވަންވެފައެވެ. އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާ އިސްވެ އޮވެގެން އަޅާފައިހުރި އެންމެހައި ހުރަސްތައް ވަނީ ނައްތާލައިފައެވެ. ފަހުމުނާމާގައި ބަޔާންވެގެންވާ ގޮތުގެ މަތިންނެވެ. އީރާނުގެ އެކްސްޕޯޓަށް އެޅިފައިހުރި ހުރަސްތައް ނެތިގޮސް ވިޔަފާރިތައް ހިނގައިގަތީމާ އީރާނުގެ އާމްދަނީވެސް ދާނީ އިތުރުވަމުންނެވެ. އެކަން މިހާރުވެސް ފެންނާން ފަށައިފިއެވެ. އެހެންވީމާ ހޮރުމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަކީ އިގްތިސޯދީ ގޮތުން އީރާނަށްވެސް އެންމެ މަންފާބޮޑު ގޮތެވެ. ހޮރުމުޒް ބަންދުކުރުމަކީ އެންމެފަހުން ފަހުމުނާމާ އުވައިލަން މެދުވެރިވާ ސަބަބަކަށް ވެެއްޖެނަމަ ޔަގީނުންވެސް އެއީ އީރާނަށް އެންމެ ފައިދާހުރި ގޮތަކަށެއް ނުވާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ގަތަރަށް ފޮނުވި ވަފުދާއެކު މަޝްވަރާތައް ކުރިއަށް ގެންދަން އީރާނުން އެއްބަސްވުމުގެ ސިއްރަކީ އެއީއެވެ. އެމެރިކާއިންވެސް އަވަސް އަވަހަށް ވަފުދެއް ފޮނުވައިގެން އީރާނާއެކު ވާހަކަތަކެއް ފެށުމުގެ ސިއްރަކީ ހޮރުމުޒް ކަނޑުއޮޅި ބަންދުވާން ފުރުސަތެެއް ނުދިނުމެވެ. އިތުރަށް މަސްރަހު ގޯސްކޮށް އީރާނު ރުޅިއަރުވާން ބޭނުން ނުވުމެވެ. ކޮންމެ ގޮތެއްވިޔަސް ހޮރުމުޒް ކަނޑުއޮޅި މިހާރު ވެފައި އެއޮތީ އެމެރިކާޔާއި އީރާނުގެ ދާއިމީ ސުލްހަނާމާއެއްގެ ތަޅުދަނޑި ކަމުގައެވެ. އީރާނުގެ ނިއުކުލިއަރ މަޝްރޫއު ހުއްޓުވުމަށްވުރެވެސް ބޮޑަށް މިހާރު މުހިންމުވަނީ ހޮރުމުޒް ކަނޑުއޮޅިއެވެ. މިކަން އީރާނުގެ ޕާލަމަންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލީބާފުވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވިއެވެ. އީރާނަށް ލިބިގެންވާ އެންމެ ވަރުގަދަ އެންމެ މުހިންމު ހަތިޔާރަކީ ހޮރުމުޒް ކަނޑުއޮޅިއެވެ. އެ ހަތިޔާރު އީރާނުން ބޭނުންކުރާނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ.
ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން ފީއެއް ނެގުމާމެދު އެ ކަނޑުއޮޅީގެ މިލްކުވެރިކަން ލިބިގެންވާ ދެގައުމު ކަމަށްވާ އީރާނާއި އޮމާނުގެ ވިސްނުން އެއްގޮތް ކަމަކަށް ނުފެނެއެވެ. މިލްކުވެރިންނޭ މިދެންނެވީ ކަނޑުއޮޅީގެ ދެބިތުގައިވާ ދެގައުމަކީ އެއީކަމަށް ވުމުންނެވެ. ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން ކޮންމެވެސް ފީއެއް، ޗަންދާއެއް ނެގުމަށާއި އެގޮތަށް ލިބޭ ފައިސާ ދެގައުމުގެ މެދުގައި ބަހަން އީރާނުން ބޭނުންވެއެވެ. އެކަމަކު އެއީ އޮމާނުން ތާއީދުކުރާ ކަމެއް ނޫނެވެ. އޮމާނުގެ ޚާރިޖީވަޒީރު ބަދުރު އަލްބުސައިދީ ވިދާޅުވާ ގޮތުން ޗަންދާއެއް ނަގަންޏާ އެކަން ކުރަންވާނީ ކޮންމެވެސް ޚިދުމަތެއް ދީފައި އެކަމުގެ ބަދަލުގައެވެ. އެޒާތުގެ އެއްވެސް ކަމެއްނެތި ކަނޑުއޮޅި ހުރަސްކުރީއޭ ކިޔާފައި ފީއެއް ނެގުމަކީ އޮމާނުން ތާއީދުކުރާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އުޅަނދުތަކުން ފީއެއް ނެގޭނެ ޚިދުމަތްތަކަކީ ކޮބައިކަމާއި އެ ޚިދުމަތްތައް ދެ ގައުމު ގުޅިގެން ދޭނެ ގޮތްތަކާމެދު އީރާނުގެ މަންދޫބުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އަލްބުސައިދީ ވިދާޅުވިއެވެ.
އަލްބުސައިދީގެ ވާހަކަފުޅު އައިސްފައި މިވަނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން އާއްމުކޮށް ބޭނުން ނުކުރާ ރޮނގަކުން ދަތުރު ކުރަނިކޮށް ކޮންޓޭނަރު އާގުބޯޓެއް އެ ކަނޑުއޮޅީގެ ތިލަ ހިސާބަކަށް އުރި ގެެއްލުންތަކެއް ލިބިފައިވަނިކޮށެވެ. މި ބޯޓު ދަތުރުކުރީ އީރާނުން ހުއްދަކޮށްފައިނުވާ ލޭނަކުންނެވެ. އީރާނުން އެންމެނަށް އަންގާފައިވަނީ ދުރާލައި އީރާނަށް އެންގުމަށްފަހު ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ބިތުން އީރާނުގެ އައްސޭރިޔާ ގާތުން ދަތުރު ކުރުމަށެވެ. އެކަމަކު މިބޯޓު ދަތުރުކުރީ އޮމާނުގެ އައްސޭރިޔާ ގާތުން މާތިލަ ހިސާބަކުންނެވެ. އެމެރިކާގެ އެދުމުގެ މަތިން އީރާނުގެ ނޭވީންނަށް ބާރު ނުފޯރުވޭނޭ ހިސާބަކުން ދަތުރުކުރުމުގެ ބޭނުމުގައެވެ. އީރާނުން ބުނަނީ ފީއެއް ނަގަން އުޅެނީ މިޒާތުގެ ކަންކަން ހުއްޓުވައި އުޅަނދުތަކަށް ރައްކާތެރިކަން ދިނުމާއި ކަނޑުއޮޅީގެ ވެށިވެސް ހިމާޔަތްކުރުމުގެ ގޮތުން ކަމުގައެވެ. ކޮންމެއަކަސް އީރާނާއި އޮމާނުގެ މަޝްވަރާތަކުން މިކަމާބެހޭ އެއްބަސްވުމެއް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.
ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރުމާމެދު އީރާނާއި އޮމާނާއި އެމެރިކާގެ މެދުގައި ހުރި ޚިލާފުތައް ނައްތައިލެވުނަސް އެހިސާބުން އަދި ހުރިހާކަމެއް ނުނިމޭނެއެވެ. ފަހުމުނާމާގައި އަދި އެހެން ކަންކަންވެސް އެބަހުއްޓެވެ. އޭގެތެރޭގައި ލުބުނާނުގެ ހަގުރާމަ ހުއްޓުންވެސް ހިމެނެއެވެ. ލުބުނާނަށް އަރައި ހަގުރާމަކުރަނީ އިޒްރޭލުންނެވެ. އިޒްރޭލުގެ މަގުސަދަކީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ފަހުމުނާމާ ނާކާމިޔާބުކޮށް ބޭކާރުކޮށްލުމެވެ. އެގޮތުން ލުބުނާނަށް ދޭ ހަމަލާތަކަށް އަދިވެސް ނިމުމެެއް ނުގެނެއެވެ. އެވަރުން ނުފުދިގެން އީރާނު ރުޅިއެރުވުމަށް އިތުރު ކަންކަންވެސް ދަނީ ކުރަމުންނެވެ. އީރާނަށް ދެފަހަރެއްގެ މަތިން ހަމަލަދީ ހަގުރާމަކޮށްފީމޭ، ތިންވަނަ ފަހަރަށްވެސް އެކަންކުރަން ތައްޔާރޭ ބުނެ އިޒްރޭލުގެ ދިފާއީ ވަޒީރު މިހަފުތާގައި ދިން އިންޒާރަކީ އީރާނު ރުޅިއެރުވުމަށްޓަކައި ދެއްކި ވާހަކައެކެވެ. އެވަރުންވެސް އީރާނުގެ ރައްދެއް ނުފެނުނީމާ ބުންޏެވެ. އީރާނުގެ އައު ރޫހީ ލީޑަރު ސައްޔިދު މުޖުތަބާ ޚާމަނާއީގެ އަޖަލުވެސް ދެންއޮތީ މާކަ ދުރުގައެއް ނޫނެވެ.
އިމާދު ލަތީފު
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް