މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް ލިބިއްޖެއެވެ.
އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި މި އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ދެ މުއައްސަސާއިން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ތައާރަފުކުރި މި އެވޯޑުތަކަކީ، ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، ޒަމާނީކުރުމަށް މުހިންމު ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެއް ކަމަށެވެ.
އަދި "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑަކީ މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަށީގެންވާ މިންވަރަށް މާލީ ހިދުމަތްތައް ނުލިބޭ ފަރުދުންނާއި މުޖުތަމައުތަކަށް އެ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެވޯޑެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އެމްއައިބީއަށް މި އެވޯޑު ލިބުނީ، އެ ބޭންކުން ތައާރަފު ކުރި "އެޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް ވާސިލުވުން ފަސޭހަކޮށް ދިނުމާއި މުޅި ރާއްޖޭގައި އިސްލާމިކް ބޭންކިންގެ އުސޫލުތައް ފުޅާކުރުމަށް ކުރި އިސްނެގުންތަކުގެ ސަބަބުންނެވެ.
އެވޯޑު ޕެނަލުން ފާހަގަކުރި ގޮތުގައި، މި ޑިޖިޓަލް ޕްލެޓްފޯމުގެ ސަބަބުން ކަސްޓަމަރުންނަށް ދުރުގައި ތިބެގެން ބޭންކިން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެ، މާލީ މުއާމަލާތްތަކުގައި ބައިވެރިވުމަށް އޮތް ދަތިތަކަށް ވަނީ ލުޔެއް ލިބިފައެވެ. މީގެ އިތުރުން، ޝަރީއާ ހަމަތަކަށް ފެތޭ ބޭންކިން ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެ ބޭންކުން ކުރާ މަސައްކަތްތައް ވެސް ޕެނަލުން ވަނީ ފާހަގަކޮށްފައެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް މި އެވޯޑު ލިބިފައިވަނީ ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ފުޅާކޮށް، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރި މުހިންމު ދައުރަށްޓަކައި ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ. އެވޯޑު ޕެނަލުން ފާހަގަކުރި ގޮތުގައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ބެހިގެން ވަނީ ޖުމްލަ ހަތް ދާއިރާއަކަށެވެ. އެއީ؛ މާލީ ބައިވެރިވުން، މާލީ ހޭލުންތެރިކަމާއި ކަސްޓަމަރުން ބާރުވެރިކުރުވުން، ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އާ މާލީ އީޖާދުތައް، އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި އީޖާދީ މަސައްކަތްތަކާއި، މާލީ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމްއެމްއޭއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.
އާއިޝަތު މާހާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް