2024 ވަނަ އަހަރު ނެރުނު ފިލްމު "އިޓް އެންޑްސް ވިތް އަސް" ގެ މަސައްކަތުގެ ތެރެއިން އުފެދުނު މައްސަލަތަކާ ގުޅިގެން، އެކްޓަރު ބްލޭކް ލައިވްލީގެ ގާނޫނީ ހަރަދުގެ ގޮތުގައި 8 މިލިއަން ޑޮލަރު ހޯދަން އެކްޓަރު އަދި ޑައިރެކްޓަރު ޖަސްޓިން ބަލްޑޯނީ އާއި ވޭފެއަރަރ ސްޓޫޑިއޯސްގެ މައްޗަށް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގެ އަސްލަކީ ފިލްމުގެ ސެޓުގައި ބަލްޑޯނީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ލައިވްލީ ކުރި ތުހުމަތުތަކާ ގުޅިގެން، ބަލްޑޯނީގެ އަބުރު ކަތިލި ކަމަށް ބުނެ 400 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން އޭނާ ހުށަހެޅި މައްސަލައެވެ. ނަމަވެސް، އެ މައްސަލަ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. މިދިޔަ މެއި މަހު ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާއިރު، އެއްވެސް ފަރާތަކަށް ފައިސާގެ ބަދަލެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް، ބަލްޑޯނީ ހުށަހެޅި އަބުރުގެ ދައުވާއިން ދިފާއުވުމަށް ލައިވްލީ ކުރި ހަރަދުތައް ހޯދުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށް ފަނޑިޔާރު ލުވިސް ލައިމަން ވަނީ ނިންމަވައިފައެވެ.
ލައިވްލީގެ ވަކީލުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި 7.5 މިލިއަން ޑޮލަރު އަދި އެހެނިހެން ހަރަދުތަކަށް 500،000 ޑޮލަރު ވަނީ ހިނގާފައެވެ. މި ފައިސާ ހޯދުމަށް އެދިފައިވަނީ، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ކުރާ އަބުރުގެ ދައުވާތަކުން ހިމާޔަތްދޭ ކެލިފޯނިއާގެ 2023 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުންނެވެ. ގާނޫނީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ މިފަދަ މައްސަލަތަކުގައި ފެޑެރަލް ކޯޓެއްގައި މި ގާނޫނު ބޭނުންކޮށްގެން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.
ލައިވްލީގެ ވަކީލުން ބުނި ގޮތުގައި، ބަލްޑޯނީ އާއި އޭނާގެ ކުންފުނިން މަސައްކަތްކުރީ ލައިވްލީގެ މާލީ ވަސީލަތްތައް ހުސްކޮށްލުމަށެވެ. އަދި އެއްވެސް އިރެއްގައި މައްސަލަ ހުއްޓާލުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ނުކުރުމުން މިހާރު ހުރިހާ ހަރަދެއް އެ ފަރާތުން ދޭން ޖެހޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
މި މައްސަލައިގައި ލައިވްލީ އެދިފައިވާ އަދަދު ދިނުމާމެދު ފަނޑިޔާރު އަދި ގޮތެއް ނިންމަވާފައި ނުވާއިރު، ބަލްޑޯނީގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ކޮމެންޓް