ޗައިނާގެ ކުރު ޑްރާމާތަކުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޒޫ ޕެންގްއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އެކްޓުކުރުމުގެ ފުރުސަތުތައް ގެއްލި، އަމިއްލަ ރަށުގައި ތަރުކާރީ ވިއްކަން ފަށައިފިއެވެ.
އުމުރުން 30 އަހަރުގެ ޒޫ ޕެންގްއަކީ ޗައިނާގެ ސެންޓްރަލް އެކެޑަމީ އޮފް ޑްރާމާއިން ތައުލީމު ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ޑްރާމާއެއްގެ މަސައްކަތް ނިންމާލީ މިއަހަރުގެ މާޗު މަހުއެވެ. އޭގެ ފަހުން އެކްޓުކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބުމުން، އޭނާ ވަނީ ޗައިނާގެ ފިލްމީ ސިނާއަތުގެ މަރުކަޒު ކަމަށްވާ ހެންގްޑިއަން ދޫކޮށް، އޭނާގެ އުފަން ރަށް ކަމަށްވާ ޝަންޑޮންގްއަށް ބަދަލުވެފައެވެ. މިހާރު އޭނާ އާމްދަނީ ހޯދަނީ ކާފަ ހައްދާ ތަރުކާރީ މާރުކޭޓުގައި ވިއްކައިގެންނެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރުނު 128،000 ކުރު ޑްރާމާގެ ތެރެއިން 122،000 އަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެވެ. މިއީ ޖުމްލަ އުފެއްދުންތަކުގެ 95 އިންސައްތައަށް ވުރެ ބޮޑު އަދަދެކެވެ. އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އޭއައިގެ ސަބަބުން ޗައިނާގެ ކުރު ޑްރާމާ އިންޑަސްޓްރީގެ ގާތްގަނޑަކަށް ދެ މިލިއަން ވަޒީފާއަށް ވަނީ އަސަރުކޮށްފައެވެ. އޭއައި ބޭނުންކޮށްގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި، ވަރަށް ކުޑަ ހަރަދަކުން ޑްރާމާތައް އުފެއްދޭތީ، ޕްރޮޑިއުސަރުން މިހާރު އިސްކަންދެނީ އެ ޓެކްނޮލޮޖީއަށެވެ.
މި ބަދަލާ ގުޅޭގޮތުން ޒޫ ޕެންގް ބުނި ގޮތުގައި، އެކްޓުކުރުމަކީ ހަމައެކަނި ވަޒީފާއެކެވެ. އަދި އެކްޓުކުރާނެ ފުރުސަތު ނުލިބޭނަމަ، އާމްދަނީ ހޯދާނެ އެހެން ގޮތެއް ހޯދާނެ ކަމަށާއި، ހަލާލު މަސައްކަތުން އާމްދަނީ ހޯދާހާ ހިނދަކު ކުރިމަތި ނުލެވޭނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، މުސްތަގުބަލުގައި ވެސް ފިލްމީ ދާއިރާއާ ދުރަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެގޮތުން، އަމިއްލަ ރަށުގައި އެކްޓިންގ ޓްރެއިނިން ޕްރޮގްރާމެއް ފެށުމަށާއި، އޭއައިއާ ނުލައި އިންސާނުން ހިމަނައިގެން ކުރު ޑްރާމާތައް އުފެއްދުމަށް އޭނާ ދަނީ ރާވަމުންނެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް