ޕެޓްރޯލިއަމް އެކްސްޕޯޓުކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) އިން ވަކިވުމަށްފަހު، އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން ސާފުނުކުރާ ތެލާއި ކޮންޑެންސޭޓް އެކްސްޕޯޓުކުރި މިންވަރު މިދިޔަ ޖޫން މަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.
ބޯޓުފަހަރު ޓްރެކްކުރާ ކުންފުނިތައް ކަމަށްވާ ކެޕްލަރ އަދި ވޯޓެކްސާގެ ތަފާސްހިސާބުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޫން މަހު ޔޫއޭއީން ވަނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3.7 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓުކޮށްފައެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ކުރިން އެ ގައުމުން އެކްސްޕޯޓުކުރަމުންދިޔަ 3.1 މިލިއަނާއި 3.3 މިލިއަން ފީފާއާ އަޅައި ބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ޔޫއޭއީގެ އެކްސްޕޯޓު އެންމެ މައްޗަށް ގޮސްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ސައުދީ އަރަބިއްޔާއާއި ރަޝިއާއާ ދެމެދު ހިނގި ތެލުގެ އަގުގެ ހަނގުރާމައިގެ ދުވަސްވަރުގައެވެ. އޭރު ދުވާލަކު އެކްސްޕޯޓުކުރީ 3.44 މިލިއަން ފީފާއެވެ.
ކެޕްލަރގެ ސީނިއަރ އޮއިލް އެނަލިސްޓް ޖޮހަނެސް ރައުބޯލް ވިދާޅުވި ގޮތުގައި، މި ކުރިއެރުން ގުޅިފައިވަނީ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އަލުން ތެޔޮ ބޭރުކުރަން ފެށުމާއި، ޔޫއޭއީގެ ރިޒާވްގައި ހުރި ތެޔޮ ބޭނުންކުރަން ފެށުމާއެވެ. އަދި ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ޔޫއޭއީގެ ސަޕްލައި މިހާރު ގާތްކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާތްގަނޑަކަށް 60 އަހަރު ވާންދެން އޯޕެކްގެ މެންބަރެއްގެ ގޮތުގައި އޮތުމަށްފަހު، މެއި 1 ވަނަ ދުވަހު ޔޫއޭއީން އެ ޖަމިއްޔާއިން ވަކިވީ އޯޕެކްގެ ކޯޓާތަކާ ހެދި ތެޔޮ އުފައްދާ މިންވަރު ހިފަހައްޓަން ޖެހުމުން އެކަމުން ސަލާމަތްވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ވޯ
ޓެކްސާގެ ސީނިއަރ އެނަލިސްޓް އެމާ ލީ ބުނިގޮތުގައި، ޖޫން 1 އިން 29 އަށް އަބޫދާބީން ބޯޓުފަހަރަށް ބަރުކުރި ތެލުގެ މިންވަރު ވަނީ ދުވާލަކު 4 މިލިއަން ފީފާއަށް އަރައިފައެވެ.
އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން ވަނީ ބޯޓުފަހަރުގެ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ސިއްރުން ތެޔޮ ބޭރުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ކަމަށް ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
ހަބަރުތައް ބުނާ ގޮތުގައި އެޑްނޮކް އިން މިހާރު އަންނަނީ އޭޝިއާގެ މާކެޓުތަކުގެ އިތުރުން އެފްރިކާއާއި ޔޫރަޕަށްވެސް ތެޔޮ ވިއްކަމުންނެވެ. އެގޮތުން ނައިޖީރިއާގެ ޑަންގޯޓޭ ރިފައިނަރީއަށާއި ތުރުކީގެ ޓުޕްރާސްއަށް އެ ކުންފުނިން ތެޔޮ ވިއްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ތެޔޮ ފޯރުކޮށްދިނުމަށް އެޑްނޮކް އިން ވަނީ މި މަހުގެ ތެރޭގައި ފަސްވަނަ ޓެންޑަރު ހުޅުވާލާފައެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް