ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލްއުސްތާޒު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަނުކޮށްފިއެވެ.

ރާއްޖޭގެ ހައްޖާއި އުމްރާގެ ހިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުނި ކަމަށްވާ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަމަށް ފިރުޒުލް އައްޔަނުކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، ފިރުޒުލް ވަނީ ސަރުކާރުގެ އަދި ސިޔާސީ ދާއިރާގެ މުހިންމު ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީގެ މަގމު ހިމެނެއެވެ.

މީގެ އިތުރުން އޭނާއަކީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުވެސް މެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، އިންތިގާލީ އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައިވެސް ފިރުޒުލް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

އޭނާއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، ސިޔާސަތުތައް އެކުލަވާލުމާއި ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.