ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނާން ޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުގައި ސިގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީއަކީ 8 ރުފިޔާއެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 50 ޕަސެންޓެވެ.
މިއަދު ފާސްކުރި ބިލުގައި ވަނީ، ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކޮށްފައެވެ.
އޭގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ވެސް ވަނީ ފާސްކޮށްފައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް