ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) އަށް 100 މިލިއަން ޑޮލަރުގެ ފަންޑު މަދުވެ، އެ އެޖެންސީގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ގުޓަރޭޒް ވިދާޅުވި ގޮތުގައި، މާލީ ދަތިކަމާ ހުރެ އަންރުވާގެ ހާލަތު ވަނީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. އަދި މެންބަރު ގައުމުތަކުގެ މާލީ އެހީތެރިކަން ނުލިބި އެ އެޖެންސީއަށް ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަންރުވާއިން އަންނަނީ ގާޒާ، ހުޅަނގު އައްސޭރި، ލުބުނާން، އުރުދުން އަދި ސޫރިޔާގައި ދިރިއުޅޭ 2.6 މިލިއަން ފަލަސްތީނު ރެފިއުޖީންނަށް ސިއްހީ ފަރުވާއާއި ތައުލީމު އަދި ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. ފަންޑު ނުލިބުމުގެ ސަބަބުން މި އެހީތަކަށް ބުރޫއަރައި، އެތައް މިލިއަން ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންރުވާއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ މައިގަނޑު ސަބަބަކީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ދިން ހަމަލާގައި އެ އެޖެންސީގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން ކުރި ތުހުމަތުތަކާ ގުޅިގެން، އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ފަންޑު ދިނުން ހުއްޓާލުމެވެ. ގިނަ ގައުމުތަކުން އަލުން ފަންޑު ދޭން ފަށާފައިވީ ނަމަވެސް، އެމެރިކާއިން އަދިވެސް ފަންޑު ދިނުން ވަނީ މަޑުޖައްސާލާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ގުޓަރޭޒް ވިދާޅުވީ އަންރުވާއަކީ މި ނާޒުކު ދަނޑިވަޅުގައި ހަމަޖެހުން ގެނެސްދޭ މުހިންމު ބާރެއް ކަމަށެވެ. އަދި ދޮގު މައުލޫމާތު ފަތުރައިގެންނާއި ސިޔާސީ ގޮތުން އެ އެޖެންސީގެ އަގުވައްޓާލަން ކުރާ މަސައްކަތްތައް އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. އަންރުވާއިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ހިދުމަތް ދޭ ވަގުތުތައް ވެސް 20 އިންސައްތަ މަދުކޮށްފައެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް