ޕެރޫގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ރައީސެއްގެ ގޮތުގައި ކެއިކޯ ފުޖިމޯރީ އިންތިހާބުވެވަޑައިގެންފިއެވެ. ކަނާތުފިޔައިގެ ކޮންޒަވޭޓިވް ޕާޓީ، ފުއެރްޒާ ޕޮޕިއުލަރގެ ކެންޑިޑޭޓު ފުޖިމޯރީ މި އިންތިހާބު ކާމިޔާބުކުރެއްވީ ވާތުފިޔައިގެ ކެންޑިޑޭޓު ރޮބާޓޯ ސަންޗޭޒްއާ ވާދަކުރައްވައި ވަރަށް ހަނި ތަފާތަކުންނެވެ.
ޕެރޫގެ ނޭޝަނަލް އޮފީސް އޮފް އިލެކްޓޯރަލް ޕްރޮސެސަސް (އޯއެންޕީއީ) އިން އާންމުކުރި ނަތީޖާ ދައްކާ ގޮތުން، ފުޖިމޯރީއަށް 50.13 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު، ސަންޗޭޒްއަށް ލިބިވަޑައިގަތީ 49.86 އިންސައްތަ ވޯޓެވެ. މިއީ ގާތްގަނޑަކަށް 49،641 ވޯޓުގެ ތަފާތެކެވެ. މިއީ އުމުރުފުޅުން 51 އަހަރުގެ ފުޖިމޯރީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަތަރުވަނަ ފަހަރެވެ. އޭނާއަކީ ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީގެ ދަރިކަނބަލުންނެވެ.
މި ނަތީޖާއަކީ ލެޓިން އެމެރިކާގެ ގައުމުތަކުގައި ކަނާތުފިޔައިގެ ސިޔާސަތުތަކަށް ތާއީދު އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ޕެރޫގައި 8 ރައީސުން ވެރިކަންކުރައްވާފައިވާއިރު، ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމަކީ ފުޖިމޯރީގެ އެންމެ ބޮޑު އެއް ވައުދުފުޅުކަމަށް ހަބަރުތައް ބުނެެއެވެ. މީގެ އިތުރުން، ގައުމުގައި އިތުރުވަމުންދާ ކުށްތައް މަދުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަތީޖާ ޔަގީންވުމާ ގުޅިގެން ފުޖިމޯރީ ވިދާޅުވީ، ސަންޗޭޒް އާއި އިންތިހާބުގައި ވާދަކުރި ހުރިހާ ސިޔާސީ ފަރާތްތަކަށް މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ. ގައުމު އޮތީ ބައިބައިވެފައިކަން އެނގިވަޑައިގަންނަވާ ކަމަށާއި، ދެ ފަރާތުގެ އަޑު އެހުމަކީ އޮތް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާގެ އެންމެ އިސް އަމާޒަކީ ގައުމުގެ އަމަންއަމާންކަން ގާއިމުކުރުން ކަމަށްވެސް ފުޖިމޯރީ ފާހަގަކުރެއްވިއެވެ. ނަމަވެސް، އިދިކޮޅު ކެންޑިޑޭޓު ސަންޗޭޒް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅުހައްދަވައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ޕެރޫގެ ނޭޝަނަލް ޖޫރީ އޮފް އިލެކްޝަންސްއިން އިންތިހާބުގެ ރަސްމީ ނަތީޖާ ޖުލައި 3 ވަނަ ދުވަހު އިއުލާނުކުރުމަށް ހަމަޖެހިފައިވާއިރު، އާ ރައީސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖުލައި 28 ގައެވެ.
ޕެރޫ
ޕެރޫ
ޕެރޫ
ޕެރޫ
ކޮމެންޓް