ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ މަގާމުން ދުރުކޮށްފިއެވެ.

ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ މަގާމުން ދުރުކޮށްފައިވަނީ އެގައުމުގެ ކޮންގްރެސްގައި ނެގި ވޯޓުން ނާކާމިޔާބުވުމުންނެވެ.

ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި އެ ވޯޓުގައި ބައިވެރިވި 130 މެމްބަރުންގެ ތެރެއިން ރައީސް ޑީނާއާ ދެކޮޅަށް 122 މެމްބަރުން ވަނީ ވޯޓުދީފައެވެ.

މަގާމުން ދުރުކުރުމާއެކު އެގައުމުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ޑީނާ ވަނީ ގައުމުގެ އަމާންކަމަށް އެ ވޯޓުގެ ސަބަބުން ކުރާނެ އަސަރާ މެދު އެއްވެސް ބަޔަކު ވިސްނާފައިވޭތޯ ސުވާލު އުފައްދަވައިފައެވެ.

ޑީނާ ބޮލުއާޓޭގެ ރައީސް ކަމުގައި ޕެރޫ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކާއި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ނުކުޅެދި، ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާ އިރު، މުޒާރަހާތަކުގެ ބައިވެރިންގެ ތެރެއިން 50 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ކަމުގައި ޑީނާ ބޮލުއާޓޭ ހުންނެވިއިރު 500 އަށްވުރެ ގިނަ މުޒާހަރާ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ މަގާމުން ދުރުކުރުމަށްފަހު އެގައުމުގެ ވަގުތީ ސަރުކާރަށް ވަނީ ކޮންގްރެސް ލީޑަރު ޖޯސް ޖެރީ އައްޔަންކޮށްފައެވެ.