ޕެރޫގެ 14 ސަރަހައްދަކުން 60 ގޭންގު ނައްތާލައިފިއެވެ.

ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން ސެޕްޓެމްބަރުން ފެށިގެން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ސެޕްޓެމްބަރުގެ ފަހުން އެގައުމުގެ 14 ޑިސްޓްރިކްޓަކުން 60 ކުރިމިނަލް ގޭންގު ނައްތާލާފައިވާ ކަމަށެވެ.

ޕެރޫގެ ރައީސް ޑީނާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން 60 ގޭންގުން 180 ކުށްވެރިން ހައްޔަރުކޮށްފައިވާ ކަމަށާއި މިއީ އުނދަގޫ އެހެނަސް ކާމިޔާބު މަސައްކަތެއް ކަމަށެވެ.

ޕެރޫގެ ގޭންގު ތަކުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގައުމުގައި ވައްކަމާއި މީހުން މެރުން މީގެ ކުރިން އިތުރުނުވާ ވަރަށް އިތުރުފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެރޫގެ އިންޓީރިއާ މިނިސްޓްރީ އިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިފަހުން 1248 ކުއްވެރިން ހައްޔަރުކޮށް 269 ފޯނު ހިފަހައްޓާފައި ވެއެވެ.